އިންޑިއާއިން ޝިޕިންގެ ހިދުމަތް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދު ފުދިއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޓުޓިކޮރިންނާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދުއަށް ބަނދަރުކުރި ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ތަރައްގީވެގެންދާ މައިގަނޑު އެއް އަސާސަކީ ދެމެހެއްޓެނެވި ގޮތެއްގައި އެ ގައުމެއްގެ އިގްތިސޯދު ކޮޅަށްޖެހި، އެ އިގްތިސޯދު ފުދުންތެރި ގައުމަކަށް ވެގެންދިއުން ކަމަށެވެ. އަދި ފުދުންތެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމާއެކު އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް އިތުރު ކުރެވޭނީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް، އަވަސް ޚިދުމަތްތަކެއް ދެވިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށްމ މި ނިޒާމް ކައިރި ގައުމުތަކާ ގުޅާލެވި، އެކަށީގެންވާ އަވަސް ޚިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީވެފައިވާ ވިޔަފާރި ބަނދަރުތަކަށް އިންޑިއާއިން ޝިޕިންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައިދުފުޅެއް ކަމަށާއި، މި ވައުދު ފުދިގެން ހިނގައްޖެ ކަމަށެވެ.
އަދި މި ޚިދުމަތަކީ އެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތްފޯރާ ފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުތުރުގައި ހުޅުވުނު މައި ދޮރާށިކަމުގައި ވާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އިގުތިސާދީ ކުރިއެރުން ލިބި ބާޒާރުގައި ހެޔޮއަގުގައި ތަކެތި ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.