ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. މި ރޯދަމަސް ހާއްސަކޮށްދެނީ މިމަހުގައި އަންނަ ހާއްސަ ރެއެއްގެ ސަބަބުންނެވެ. އަޅުގަނޑުމެން މިހާރު ކުރިމަތިލާފައި މިވަނީ އެ ހާއްސަރެއާ ބައްދަލުވާ، މިމަހުގެ އެންމެ ހާއްސަ އަދި ފަހުގެ 10 ދުވަހާއެވެ. މި ދިހަ ދުވަހަކީ ރޯދަމަހުގައި އަންނަ އެންމެ މުހިންމު ދުވަސްތަކެވެ. ﷲ ތައާލާ އަޅުންގެ ފާފަ ފުއްސަވައި ނަރަކައިން ސަލާމަތް ކޮށްދެއްވާ ދިހަ ދުވަހެވެ. ސަވާބާއި ދަރުމައާއި ސުވަރުގެއަށް ދަހިވެތިވާ އަޅުންނަށްޓަކައި މިއީ އަޅުކަމުގެ އީދެކެވެ. އެފަދަ އަޅުން މިރޯދަމަސް އަވަހަށް ނިމިދާތީ އެކަމާ ހިތާމަކުރެއެވެ. އަދި މި ދިހަދުވަހުގެ ތެރޭގައި ވަންހަނާކުރައްވާފައިވާ އެބޮޑުރެއާ ބައްދަލުވޭތޯ ހިންމަތާއެކު މަސައްކަތް ކުރެއެވެ.
ވަރަށް ކުޑައިރުން ފެށިގެން ވެސް އިވޭ އަޑެކެވެ. ރޯދަމަހުގެ ހަތާވީސް ވިލޭރެއެއްގެ ވާހަކައެވެ. އެރެއާއި އެދުވަހަކީ މާބޮޑަށް އަޅުކަމާގެން އެންމެންވެސް މަޝްއޫލުވެގެން އުޅޭ ރެއެކެވެ. ދުވަހެކެވެ. ރޭޑިޔޯ، ޓީވީ ތަކުންވެސް އަންނާނީ ހައްތަހާވެސް ކީރިތި ޤުރުއާނާއި މަދަހަ ނޫނީ ކޮންމެވެސް ކަހަލަ ދީނީ ނަސޭހަތެކެވެ. ހުރިހާ ދިމާއަކަށްވެސް އޮންނާނީ ހިމޭންކަމެއް ވެރިވެފައެވެ. މިދުވަހުގެ ކަންތައް ނިމި އާންމު އުސޫލާ އެއްގޮތަށް ޓީވީއާއި ރޭޑިޔޯ ތަކުން ޕްރޮގްރާމްތައް ގެނެސްދޭން ފަށާނީ 27ވަނަ ދުވަހުގެ ރޭގަނޑު ހަތެއް އަށެއް ޖެހުމުންނެވެ. ދެން ބާކީ އޮތް ދެތިން ދުވަހު ދާނީ މުޅިންވެސް އެކިކަހަލަ މުނިފޫހިފިލުވުމާއި ކުޅިވަރުތަކުގެ ތެރޭގައެވެ.
ސުވާލަކީ ހަތާވީސް ވިލޭރެއަކީ "އެރޭ" ކަން މިހާ ވަރަށް ޔަގީން ވަނީ ކޮން ގޮތަކަށް ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ އެހެން އެއްވެސް އިސްލާމީ ގައުމެއްގައި މިރޭ ކަމަށް، ވަކި ތާރީހެއް ކަނޑައަޅައި ފާހަގަ ކުރާ ކަމުގެ މައުލޫމާތެއް އެނގިފައެއް ނެތެވެ. އެކަމަކު ހުރިހާ މުސްލިމުންވެސް ރަމަޟާންމަހުގެ ފަހު ދިހައެއް ތަފާތު ކުރެއެވެ. އަޅުކަން އިތުރު ކުރުމަށް އެކިކަންތައް ކުރެއެވެ. އިއުތިކާފުގައި ތިބުމާއި ގިނަގިނައިން ޒިކުރުކުރުމާއި ސޮދަގާތް ދިނުނާއި މިހެން ގޮސް ކިތަންމެ ކަމެކެވެ. އެހެނެއްކަމަކު އެއްވެސް ބަޔަކު ސީދާ 27 ވިލޭރޭ ހާއްސަކޮށްގެން އެރެއާއި އެދުވަަސް ތަފާތެއް ނުކުރެއެެވެ.
އާދެ! ޖިބްރީލުއަލައިހިއްސަލާމް މެދުވެރިކުއްވައި، ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި އަހަރެެމެންގެ މާތް ނަބިއްޔާ محمد رسول الله صلى الله عليه وسلمގެ މައްޗަށް، ޤިޔާމަތާ ހަމައަށް ދެމިގެންދާނެ މުޢުޖިޒާތެއްގެ ގޮތުގައި ލެއްވިގެންވާ ﷲތައާލާގެ ކަލާމްފުޅު ބާވައިލެއްވުނު މަތިވެރި ރޭ ވަނީ މިރަމަޟާާން މަހުގެ ފަހު ދިހައިގެ ތެރެއިން ރެއެއްގައެވެ.
އެރޭ ވަނީ އަހަރެމެން އަޅުތަކުންނަށް ވަންހަނާ ކުރެވިގެންނެވެ. އެެހެންނަމަވެސް މި ފަހު ދިހައެއްގެ އޮނަހިރިރޭތަކުނެ ރެއެއްކަން ސާބިތުވެ އެނގެން އެބައޮތެވެ. މިއަށްވުރެ އިތުރަށް ދެން އެނގެން އޮތް ވަރަކީ އެރެއަކަށް އިންތިޒާރު ކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެރޭ ލިބިގަތުމަށް ހިންމަތް ކުރާ އަޅުންނަށް ﷲތައާލާ އިލްހާމު ކުރައްވާ ކަންތައްތަކެކެވެ.
އެރޭ ވާނީ ހިމޭން އަމާން ރެއަކަށް ކަމަށްވެއެވެ. އެރެއެއްގައި ދުނިޔޭގެ އުޑުމަތި ބަނަވިޔަސް ދުނިޔެމަތި އަލިވެގެން ވާނެ ކަމަށްވެއެވެ. އެރެއެއްގައި ހިމަފޮދު ވާރޭ ވެހޭނެ ކަމަށްވެސްވެއެވެ. އެހެންނަމަވެސް ސީދާ 27 ވިލޭރޭ ކަމަށް އެއްވެސް ސައްހަ ހަދީޘެއް ނޫނީ އެހެންވެސް ސައްހަ ސަނަދަކުން އެނގޭކަށް ނެތެވެ. ވީއިރު އަހަރެމެން ދިވެހިން 27 ވިލޭރޭގައި މިފަދައިން ކަންތައް ކުރަނީ ކީއްކުރަންތޯއެވެ. ކަނޑައެޅިގެން އެނގިފެނި ސާބިތުވެފައިވާ ބިދުޢަވެރި ކަމަކަށް ތަބާވެ މުޅި ރޯދަމަހުގައި ކުރި ހެޔޮކަންތައްތައް ނަގާލަނީ ކީއްކުރަންތޯއެވެ.
ހަމައެކަނި 27 ވިލޭރެއެއްނޫނެވެ. 21ވިލޭރޭ 23 ވިލޭރޭ 25 ވިލޭރޭ 27 ވިލޭރޭ އަދި 29 ވިލޭރޭ ވެސް ހާއްސަކޮށްގެން އަޅުކަމުގައި ހޭދަކުރަމާތޯއެވެ. އެހެން ހުރިހާ ކަމަކުން ދުރުވެ، އެއްހާސްމައްސަރަށްވުރެ ހެޔޮކަންބޮޑު ރޭ މިންވަރުކުރެއްވުން އެދިގެން، އެރޭގެ ހެޔޮކަން ލިބޭނޭ ނަސީބުވެރިއަކަށް ވުމަށް މި5 ރޭވެސް ހިންމަތާއެކު މަސައްކަތް ކުރަމާތޯއެވެ. ހަމައެކަނި 27 ވިލޭރެއެއް ނޫނެވެ. އެހެނެއްކަމަކު ކޮންމެ އޮނަހިރިވިލޭރެއަކީ ލައިލަތުލްޤަދްރި ކަމަށްވެދާނެ ރެއެއްކަން ޤަބޫލުކޮށްގެން އެރޭ ހޯދުމަށް ކޮންމެ އޮނަހިރި ރެއެއްގައިވެސް ހިންމަތާއެކު މިންނެތް މަސައްކަތް ކުރާ އަަޅަކަށް ވަމާ ހިނގާށެވެ.