އާބަންކޯ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ސިނގިރޭޓް ފިލްޓަރު ނިއްވާނުލައި އެއްލައިލުމުގެ ސަބަބުން އަލިފާނުގެ ދެ ހާދިސާއެއް ހިޔާގައި ހިނގާފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވާ ފަރާތްތަކުގެ އަތުން ފުލެޓު އަތުލާނެ ކަމަށް ބުނެފިއެވެ.
މިރޭވެސް ހިޔާ ފްލެޓުގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. މިރޭ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާ ފްލެޓުގެ 7ވަނަ ޓަވަރުގައެވެ. އަލިފާން ރޯވެފައިވަނީ އެ އެޕާޓްމެންޓުގެ ބެލްކަނީގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މިފަހަކަށް އައިސް ވަރަށް ކައިރިކައިރީގައި ތިންހަތަރު ދުވަހުން އެއްދުވަހު. ދެތިން ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ހިޔާ ފްލެޓުގައި އެކިވަރުގެ އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މިހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާބަންކޯ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާގެ ފުލެޓުތައް ދޫކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މީގެ އިތުރުން އާބަންކޯއިން ބުނެފައިވަނީ ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުން، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި ސިނގިރޭޓު ބުއިން އަދި އަޅި ކެނޑުމަކީވެސް އެއްބަސްވުމުގެ ދަށުން މަނާކަމެއް ކަމަށެވެ. އެކަންކަމާ ހިލާފުވާ ފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.
"އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެ. މިފަދަ ހާދިސާތައް ތަހުގީގުކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެއެވެ..،" އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ހާމަކޮށްފައިވާގޮތުގައި މި ރޯދަމަހު ހިޔާގައި ހިނގި އަލިފާނުގެ ދެ ހާދިސާއަކީވެސް ބައެއްގެ އިހުމާލުން ހިނގި ހާދިސާއެއްކަން ކުންފުނިން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި މިއީ އިހުމާލުގެ ސަބަބުން ހިނގި ދެވަނަ ހާދިސާ ކަމަށެވެ. އާބަންކޯއިން ބުނި ގޮތުގަައި ދެ ހާދިސާވެސް ހިނގަން މެދުވެރިވީ ސިނގިރޭޓު ފިލްޓަރު ނިއްވާނުލައި އެއްލައިލުމުގެ ސަބަބުންކަމަށްވެއެވެ.
އާބަންކޯއިން އިތުރަށް ބުނީ އެކުންފުންޏަށް އަބަދުވެސް މުހިންމު ވާނީ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.