"ދިވެހިބަހަށް ލޯތްބާއި އިސްކަންދެމާ" މިއީ މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެވެ. ހާލާއި މުސްތަގުބަލަށް ފަހި، ބޭނުންތެރި ޝިޢާރެކެވެ. މި ޝިޢާރުން ދައްކައިދޭ ބަހުގެ ވިންދުތަކުން ގައުމުގެ ހާލަތު ބަޔާންވެގެންވެއެވެ. ނަމަވެސް މި ފުރިހަމަ ޝިޢާރަށް އަމަލުކުރާނީ ކިހިނެއްތޯ މިއީ މިއަދާ ނުހަނު މުނާސަބު ސުވާލެކެވެ.

ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އިސްކަންދޭނީ ކިހިނެއް ހެއްޔެވެ؟ ލޯބިވީކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ އިސްކަން ދީފިކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ލޯބިވެރިކަމަކީ ކޮބައިހެއްޔެވެ؟

ދިވެހި ބަހުގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު ތަރުޖަމާކުރައްވައި އެކުލަވައިލެއްވި ސިޔަރަތުއްނަބަވިއްޔާގައި ވަނީ ލޯބިވެރިކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވައިފައެވެ. އެކި ކަންމިންތަކުން ބަލައިލެވޭ ގޮތުގެ ތަފާތަކާއެކުވެސް ލޯބިވެރިކަމުގެ ހަގީގަތަކީ އެކައްޗެއް ކަމަށް ވިދާޅުވެފައެވެ. މި މައުޒޫގައި އެ މަނިކުފާނު ވަނީ ލޯބިވެރިކަމުގެ ތައުރީފުގައި 11 ކަމެއް ފާހަގަކުރައްވައިފައެވެ. މި ވާހަކަފުޅުތަކުގެ މުނާސަބަތަކީ ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ މައްޗަށް ބާރުއަޅުއްވާ މުނާސަބަތެކެވެ. ނަމަވެސް އެ މުނާސަބަތުން ބޭރުގައި ވެސް އެއީ ކޮންމެ ލޯތްބަކަށްމެ ނިސްބަތްކުރެވޭ އެފަދަ އެއް ނުވާ ތައުރީފުތަކެކެވެ. މިގޮތުން ބަސްދެކެ ލޯބިވުމާ ގުޅޭތޯ ބަލައިފި މީހަކަށް އެގޮތުގައި ވެސް އޮތް ސާފު ގުޅުމެއް ފެންނަކަން ކަށަވަރެވެ.

އިސްވެ ދެންނެވި 11 ތައުރީފުގެ ތެރެއިން އަންނަނިވި ތައުރީފުތަކަކީ މިއަދާ މުނާސަބުވާގޮތުން ވިސްނައިލުން ހައްގު ބަޔާންތަކެކެވެ.

  • ލޯބިވެރިކަމީ ލޯބިވެރިޔާގެ ހާޒިރުގައްޔާއި ނެތްތާގައި އެމީހާއާ އެއްގޮތްވެގެން ހުރުމެވެ.
  • ލޯބިވެރިކަމީ ތިމާގެ ކިބައިގައިހުރި ހުރިހައި ސިފައެއް ނެއްތައިލަފައި އެ ލޯބިވެރިޔާގެ ސިފަތަކަށް ތިމާ އެނބުރިގަތުމެވެ.
  • ލޯބިވެރިކަމީ ތިމާގެ ކިބައިންވެވޭ ގިނަ ހެޔޮކަންތައް މަދުކަމުގައި ދުށުމާއި ލޯބިވެރިޔާގެ ކިބައިން ވެވޭ މަދު ހެޔޮކަން ވެސް ގިނަކަމުގައި ދުށުމެވެ.
  • ލޯބިވެރިކަމީ ތިމާގެ ކިބައިންވެވޭ މަދުކުށް ގިނަކަމުގައި ދެކެފައި ގިނަވެގެންވާ ކިޔަމަންގަތުން މަދުކަމުގައި ދުށުމެވެ.
  • ލޯބިވެރިކަމީ އަބަދާއި އަބަދުގައި މަޙްބޫބާގެ ކިޔަމަންތެރިކަންމަތީގައި ދެމިހުރުމާއި ކިތަންމެ ކުޑަހިނދުކޮޅަކު ވެސް ޚިލާފެއް ނުވެހުރުމެވެ.
  • ލޯބިވެރިކަމީ ކޮންމެވެސް އެއްޗަކަށް އިނބަގެ ހަށިގަނޑާއި ފުރާނަ މުޅިން ލެނބިގަތުމެވެ. ... ދެން ސިއްރާއި ފާޅުގައި އެ އެއްޗަކަށް ކިޔަމަންތެރިވެގެން ވުމެވެ.
  • ލޯބިވެރިކަމީ އެކަމުގެ ވެރިޔާއަށް ޖެހިފައިވާ ޒާތަކުގެ މަސްތެކެވެ. އެ މަސްތުވެއްޖެއްޔާ ހޭއަރާހުށީ މަޙްބޫބާ ފެނި މަޙްބޫބާގެ ކައިރިއަށް ވާސިލް ވެވުނު އިރަކުންނެވެ.
  • ލޯބިވެރިކަމީ އަނެކެއްގައި ހުރި ރިވެތި ސިފަ އަކަށް ނުވަތަ ހުރި ހެޔޮ އިޙުސާންތެރިކަމަކަށް ނުވަތަ ދިން ނިޢުމަތަކަށް އިނބަގެ ހިތްލެނބޭ ލެނބުމެވެ." - ޙުސައިން ޞަލާޙުއްދީން.

ބަސްދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާންވީ ސިފަތައް މި ބަޔާންތަކުން ނިކަން ސާފުކޮށް ފެންނާން އެބައޮތެވެ. އާދޭހެވެ. ބަސްދެކެ ލޯބިވާ މީހާގެ އަމަލުތަކުން އެ ލޯބި ފެންނަންޖެހޭކަމާއި އެއަށް އިސްކަން ދެވެނީ އަމަލުންކަން ސާފުކޮށް އޮޅުންފިލާހައިވެއެވެ.

އާދޭހެވެ. ބަސްދެކެ ލޯބިވާކަން އިއުލާން ކުރެވެނީ ބަސް ބޭނުންކުރުމުންނެވެ. ބަސްދެކެ ލޯބިވާކަން ހާމަކުރެވެނީ ބަސް ބޭނުންކުރުމުންނެވެ. މިއީ ދާދި ފަސޭހަކަމެކެވެ. އެހެން މީހެއްގެ އެހީތެރިކަމަކަށް ބޭނުންނުވެ ފަށައިގަނެވޭނޭ ކަމެކެވެ.

ބަހަކަށް ކޮށްދެވޭނޭ އެންމެ ބޮޑު ޚިދުމަތަކީ އެބަހެއް ބޭނުންކުރުމެވެ. ދޭދޭ ފަރުދުންގެ ވާހަކަދެއްކުމުގައެވެ. އާންމު މުއާމަލާތުތަކުގައެވެ. ލިޔެކިޔުންތަކުގައެވެ. ބަހުގެ އުފެއްދުންތަކުގައެވެ. އަދަބިއްޔާތުގައެވެ. އިލްމާއި އިލްމު ފެތުރުމުގައެވެ.

މިގޮތްމަތީން ބަސްބޭނުންކުރަން ފަށައިފިނަމަ އިތުރަށް ދަސްވާންވީ ކަންކަމާއި، ބަހަށްޓަކައި ކޮށްދޭންވީ ކަންކަން އޭގެ ތެރެއިން ފާހަގަވަމުން ފާޅުވަމުން ދާނެއެވެ. އެކަންކަން އަމަލީގޮތުން ފުރިހަމަ ކުރުމުން ބަސް އޮންނާނީ ކުރިއަރައިފައެވެ. އިސްކަންދެވިފައެވެ. ބަސްދެކެ ލޯބިވެވިފައެވެ.

އަދާ ގުޅިގެން ޒުވާނުންނަށް އޮތް ކަމަކީ ދިވެހިބަސް ވީހައި ގިނައެއްކޮށް ބޭނުންކުރުމެވެ. ދިވެހިބަހުން ވާހަކަދެއްކުމެވެ. ދިވެހީން ދިވެހިބަހުން ވާހަކަދެއްކުމަކީ ފެށަނަކަށް ހެދުމެވެ. މޮޅުކަމެއް ކަމުގައި ބަލައިގަތުމެވެ. ބަހުގެ އުފެއްދުންތައް އުފެއްދުމެވެ. "ބޮޑެތި" މީހުންނަށް އޮތްކަމަކީ އެކުދިން ލަދުނުގަންނަވައި އެހީތެރިވުމެވެ. ކުށްދެއްކުމާއި ބަދުނާމުކުރުމުގެ މާނަ ދޭހަވެދާނޭ އުސޫލަކުން އެކުދިންނާމެދު އަމަލު ނުކުރުމެވެ. އެހީތެރިވުމާއި ކުރިއެރުމަށް މަގުދައްކައިދިނުމެވެ.

ބޮޑު މަންޒަރަށް ބަލާއިރު ފެންނަނީ ކުށްދެއްކުމާއި ކުށްވެރިކުރުމުގެ މަންޒަރުތަކެވެ. މޮޅީ ކާކުތޯ ބެލުމުގެ ވާދައެވެ. ޒިންމާ އެޅުވެނީ ތިމާނޫން ކޮންމެ މީހެއްގެ ބޮލުގައެވެ. ކުށްވެރިކުރެވެނީ ތިމަތިމާމެން ނޫން އެހެން ކޮންމެ ބައެކެވެ. ނަމަވެސް މިއީ ދުވަހުގެ ޝިޢާރުގެ މަގުސަދެއް ނޫނެވެ. މާނައެއް ވެސް ނޫނެވެ. ކުށްދެއްކުމާއި ކުށްވެރިކުރުމުގެ ދިގު މާޒީއެއްގައި ޖީލުތަކަކަށް އިހުމާލު ވެވިއްޖެއެވެ. އެހެންކަމުން އަދާ މުނާސަބުވަނީ ހަގީގަތާ ކުރިމަތިލުމެވެ. ކޮންމެ މީހަކު ފަރުދީ ފެންވަރުގައި ޒިންމާ އުފުލުމެވެ. ބަސްދެކެ ލޯބިވުމެވެ. ބަހަށް އިސްކަން ދިނުމެވެ. އަނެއްކާ ވެސް އެއްކަލަ ސުވާލުތަކެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ ބަސްބޭނުންކޮށްގެންނެވެ.