ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާތީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ވެސް އެތައް ކުދީންގެ ބައްޕައެކެވެ. ބަފައިންނާއި ބަފައިން ވެސް ވަރަށް ތަފާތެވެ. އޭގެ ތެރެއިން ޤާސިމަކީ ވަރަށް ތަފާތު ބައްޕައެކެވެ. މިކަން ގިނަބަޔަކަށް ކަށަވަރުވެގެން ދަނީ މިހާރު މީސްމީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯކޮޅަކުންނެވެ.
ސިޔާސީ ހަލަބޮލިކަމާއި ވިޔަފާރީގެ ކާރޫބާރުތެރެއިން ވެސް ޤާސިމް އެމަނިކުފާނުގެ ދަރީންނަށް ވަގުތު ދެއްވައެވެ. ލޯތްބާއި އަޅާލުން ދެއްވައެވެ. އެއީ އެކަން އޮންނަވާނޭގޮތް ވެސް މެއެވެ.
ވައިރަލް ވެފައިވާ ވީޑިއޯ އިން ފެންނަނީ އޯގާތެރިކަމާއި އަޅާލުމުގެ އެތައް މާނައެކެވެ. ދަރިންނާ އޮންނަންޖެހޭ ގުޅުމެވެ. ލޯތްބެވެ. ހިތުގެ ފުނުން އަރާ ޖަޒުބާތެވެ.
ބެލެވޭ ގޮތުގައި އެއީ މާމިގިލީ އެއާޕޯޓުގައި ނަގައިފައިވާ ވީޑިއޯއެކެވެ. ޤާސިމްގެ ކުދީންތަކުގެ ތެރެއިން ހަތަރު ކުއްޖެކެވެ. ތިން ފިރިހެން ކުދީންނާއި އަންހެން ކުއްޖެކެވެ. އެއްވެސް ޖެހިލުމެއްނެތި އައިސް ބައްޕަގައިގައި ލޯބިން ބައްދާލީއެވެ. އޯގާތެރި ބައްޕަގެ އަތުގެ ތެރެއިން ހިމާޔަތް ހޯދީއެވެ. އެކުދިންގެ މޫނުމަތީން އެވަގުތު ފެނިގެންދިޔަ އުފާވެރިކަމާއި ހިތްހަމަޖެހުން ވީޑިއޯއިން ރަނގަޅަށް ފެނުނެވެ.
ޤާސިމް އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ. ދަރީންދެކެ ލޯބިވާ ވާހަކައެވެ. ކޮންމެ ބައްޕައަކުވެސް ކޮންމެ މަންމައަކުވެސް ދަރީން ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ލޯބިވުމަކީ ލޯބިވެޔޭ ބުނުމެއްވެސް ނޫނެވެ. ޤާސިމް ފަދައިން އެކަން ޢަމަލީ ގޮތުން ދައްކަންވީއެވެ. ކުދީންނަށް ދެރަކަމެއް ނުވަތަ ނިކަމެތިކަމެއް ދިމާވެދާނޭ ހުރިހާ ކަމަކުން ތިމާ ދުރުވާން ޖެހެއެވެ. އަދި އެފަދަ ކަންކަމުން ދަރީންވެސް ދުރުކޮށް ފުރިހަމަ ހިމާޔަތާއި ލޯބި އަމަލީ ގޮތުން ދޭންޖެހެއެވެ.