މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ފިޔޯރީއާއި ކ.ހިންމަފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފިޔޯރީގައި ހިންގި އޮޕަރޭޝަނަކީ ފިޔޯރީން އެ އަތޮޅު ރަތަފަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިޔޯރީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ފިޔޯރީ ބަނދަރުމަތިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެން ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށީ ފެކްޓްރީއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެފެކްޓްރީ ބަލައިފާސްކުރިއިރު އެތަނުން 49 ދަޅު ބިޔަރު ފެނިފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން 56 އަހަރުގެ ލަންކާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބާންދާމެދު ގޮތެއް ނިންމުމަށް ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.