ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ގިނަކަންތައްތަކެއް ހާމަވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންތިޚާބުން ހާމަވެގެންދިޔަ އެންމެ މުހިންމު ކަމަކީ އެމްޑީޕީ ފުނޑުފުނޑުކޮށްލަން ރައީސް ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ގެ ހަރަކާތުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށްލަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނޭކަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި ބޭއްވުނު ބައި-އިލެކްޝަނުގެ ނަތީޖާއިން އެނގުނު އަނެއްކަމަކީ އެމްޑީޕީއަކީ އަދިވެސް އެންމެ ތާއިދުބޮޑު ޕާޓީކަން. އަދި އިބްރާހީމް މުހައްމަދު ސާލިހަކީ އެންމެ ތާއިދުބޮޑު ލީޑަރުކަން. ރައީސް ނަޝީދު ތަރިއޮއްސެންދާކަން،" ޝަރީފް ވިދާޅުވެފައިވެއެވެ.

މި އިންތިޚާބުގެ ނަތީޖާއިން އެނގުނު އަނެއްކަމަކީ ޕީޕީއެމްއަށް ތާއިދު ކުޑަވަމުންދާކަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެފައިވެއެވެ. އެކަން އެގޮތަށް ފާހަގަ ކުރެވުނަސް އެމްޑީޕީ ފިޔަވާ އަދިވެސް އެންމެބޮޑު ތާއީދެއްއޮތީ ޕީޕީއެމްއަށް ކަންވެސް ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "ނާޒިމް ޕާޓީގެ ސައިޒުވެސް ހާމަވެއްޖެ. ދެންތިބި ޕާޓީތަކަށް ކުރިމަތިލާކަށް ވެސް ނުކެރުނުން،" ޝަރީފް ވިދާޅުވެފައިވެއެވެ.