މަމްދުބެގެ ހަދިޔާ: މުއާސަލާތީ ގުޅުން (ލިޔުނީ: މަމްދޫޙު އިބްރާހީމް)

އައްސަލާމް އަލައިކުމް. މިއީ ތިކުދިންގެ ވާހަކަ ގަޑި ދޯ!. ހިނގަމާ އެކަމަކު މަމްދުބެ މިއަދު މިއުޅެނީ ވާހަކައެއް ކިޔައިދޭކަށް ނޫން. ވާހަކައެއް ބުނެދޭން މިއުޅެނީ. ހިނގާ މިއަދުގެ ޚާއްސަ މައުޟޫއު އަކީ ކޮބައިތޯ ބަލާލަން. މިއީ ވަރަށްވެސް ހާއްސަ ކަމަކާ ބެހޭ ގޮތުން ކިޔައިދޭ ވާހަކަތަކެއް އިނގޭ. ތިކުދިންނަށް އެނގޭތަ މުއާސަލާތީ ގުޅުންތަކަކީ ކޮބައިކަން. އެއީ އެކަކުއަނެކަކާ ގުޅުން ބަދަހިކޮށް ވާހަކަދެކެވި މައުލޫމާތު ފޯރުކޮށްދިނުން.

އެގޮތުން މުޢާސަލާތީ ގުޅުން ބަދަހިވުމަށް ކުރެވުނު މަސައްކަތާ އައި ބަދަލުތަކަށް ބަލާލަމާ ދޯ. މުޢާސަލާތީ ގުޅުމަށް އިނގިރޭސިބަހުން ކިޔަނީ ކީކޭ؟ އާނ! ސާބަހޭ މިކުދިންކޮޅަށް. ވަރަށް މޮޅު އިނގޭ. މުޢާސަލާތީ ގުޅުމަށް އިނގެރޭސި ބަހުން ކިޔާނީ "ކޮމިޔުނިކޭޝަން". ތި ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް އާއިލާ މެންބަރުންނަށާއި އެކުވެރިނަށް ގުޅުން ދެމެއްޓުމުގެ ގޮތުން މޮބައިލް ފޯނު ބޭނުން ކުރަމެއްނު ދޯ؟

މިއަދު ގެ ދުނިޔެ އަކީ މޮބައިލް ފޯނުން އެކި މަސައްކަތް ތަކާ އަދި މުޢާސަލާތީ ގުޅުން ދެމެހެއްޓުމަށް ޓަކައި ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތެވެ. އަދި އެހެނިހެން އެކި ބޭނުންތަކަށް ވެސް ބޭނުން ކުރެވޭ އެންމެ މުހިންމު އެކައްޗެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް މޮބައިލް ފޯނުގެ ޒަރިއްޔާއިން އެކަކު އަނެކަކާ ގުޅާލެވި ހާލުބަލާހެދެއެވެ.

މުޢާސަލާތީ ގުޅުމަށް އިންޓަރނެޓް ގެ ބޭނުން ތެރިކަމަކީ ހުރިހާ އެންމެންނަށް އޭގެ ފައިދާ ނުނަހު ބޮޑު ފަސޭހައެކެވެ. އަދި ވީޑިއޯ ކޯލާއި މެސެޖްވެސް ކުރެވި އެއިން މުޙާތަބުކުރެވެ. އެހެންނަމަ ވެސް ކުރީ ޒަމާނުގައި މީހުން ގެންގުޅުނީ މޮބައިލް ފޯނެއް ނޫނެވެ. ތިކުދިންނަށް އެނގޭތަ ވަރަށް ކުރީ ޒަމާނުގައި މީހުން ވާހަކަ ދައްކާ ހެދުމަށް ސިޓީލިޔެ ކޮތަރުފަދަ ދޫނިތަކުގެ އެހީގައި އެއްޗެއްތި މީހުނާ ހަމައަށް ފޯރުކޮށްދީ ހެދި ކަން؟ އަހަރުތައް ބަދަލުވަމުން ޓެލެފޯނު ނުވަތަ ތެލިފޯނު ބޭނުން ކުރިއެވެ. ޓެލެފޯނަކީ ކޮން އެއްޗެއްކަން އެނގެނީ ކޮންކުދިންނަކަށް؟ މި ކިޔާދެނީ.

ޓެލެފޯނަކީ ކުރީގައި މީހުން އެކަކު އަނެކަކަށް ގުޅައިގެން ވާހަކަ ދައްކަން ބޭނުންކުރި އެއްޗެކެވެ. އެކި އަހަރުތަކުގައި މި ޓެލެފޯނަށް ވެސް އެކި ފަރުމާތަކުގެ ތަފާތު ބަދަލުތައް އައެވެ. ޓެލެފޯނަކީ ގިނަ ގޭގައި ހުންނަ ބޮޑުފޯނެވެ. ޓެލެފޯނަކީ ފާރުގައި ހަރުކޮށްފައި ވެސް ބެހެއްޓޭ އެއްޗެކެވެ. އޭގައި ވާހަކަ ދެއްކުމަށް އަތްގަނޑެއް ބޭނުންކުރެއެވެ. މިފަދަ ފޯނުތައް މިހާރު ވަރަށް ބޭނުން ނުކުރެއެވެ. އެކަމަކު ކުރީގައި ފެންނަ ބައެއް ފިލްމުތަކުން މީހުން މިކަހަލަ ފޯނުގައި ވާހަކަ ދައްކާ މަންޒަރުތައް ފެނެއެވެ. އެހެން ނަމަވެސް އަދިވެސް އޮފީސްތަކުގައި ބައެއް ފަރުމާ ތަކުގައި ހުންނަ މިބާވަތުގެ ޓެލެފޯނު އަދިވެސް ބޭނުން ކުރެއެވެ. އަދި ފޯނު ބޫތުތަކުގައި މިފަދަ ޓެލެފޯނު ބެހެއްޓިފައި ހުއްޓެވެ. އަހަރުތައް ބަދަލުވަމުން ވޯކީޓޯކީ ވެސް އުފެދުނެވެ.

އެއީ މިހާރުވެސް ވާހަކަ ދެއްކުމަށް ބޭނުން ކުރެވޭ ވަސީލަތެކެވެ. އެހެން ކަމަކަށް ބަލާލަމާ ދޯ؟ ސިޓީ އަކީ ދެން އެންމެ ފާހަގަ ކޮށްލެވޭ އެއްޗެވެ. ކުރީގައި އެކި ޤައުމުތަކާށާއި އެކި ތަންތަނަށް ސިޓީލިޔެ ޕޯސްޓުމެދުވެރި ވެ ސިޓީލިބެއެވެ. މި ބުރަ މަސައްކަތައް ހާއްސަމީހުން އެ ވަޒީފާ އަދާކުރެއެވެ. އެއީ ކޮންބައެއްކަން އެނގޭތަ؟ އާނ، ތި ދިމާކޮށްލީ ވަރަށް ވިސްނާފަ ދޯ؟ ވަރަށް މޮޅު ކުދިންކޮޅެއް. އެމީހުނަށް ކިޔަނީ ޕޯސްޓުމޭން! ސިޓީ ލިޔުމަށާ އެކި ވާހަކަތަކާ ލިޔުންތައް ލިޔުމަށް "ޓައިޕްރައިޓަރ" ވެސް ބޭނުން ކުރެވުނެވެ. އަދިވެސް މުޢާސަލާތީ ގުޅުން ހުރި ދެތިން ނުކުތާއަކަށް ބަލާލަމާދޯ. އެއީ ނިޔުސް ޕޭޕަރުގަޔާ ،ޓީވީ ،ރޭޑިއޯ، މެގެޒިން، މަޖައްލާ، އިޝްތިހާރު ޕޯސްޓުތައް އަދި ކޮންޕިޔުޓަރ މެދުވެރިވެ އޭގެ ޒަރިއްޔާއިން ލިބޭ ޚަބަރުތަކެވެ.

އެހެންވީމަ މިއަދުގެ މި ވާހަކައިން ތި ކުދިންނަށް އެގުނީ މުހިންމު ކަންތައްތަކެއް ކަމަށް އުންމީދުކުރަމެވެ. ތިތަނުން ކުއްޖަކަށް ޓެލެފޯނެއް ފެނިއްޖެއްޔާ މިހާރުގެ މޮބައިލް ފޯނުން ފޮޓޮއެއް ނަގާ ވީޑިއޯކޮށްލަން ހަނދާން ކުރައްޗޭ އިނގޭ.