މަސްވެރި އާއިލާތައް ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިއްޔެ ގިނަ މަސްވެރިންތަކެއް ވަނީ ފެލިވަރަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ. އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި، މަސްވެރިންނަށް ހަމަ އަގު ދިނުމަށް ގޮވާލާފައެވެ. އަދި މިއަދު މަސްވެރިން އުޅެމުންދާ ހާލަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްވުރެވެސް ދަތިހާލެއްކަމަށް މަސްވެރިވެރިން ވަނީ ބުނެފައެވެ. މަސްވެރިން އެތައް ގަނޑިއިރުތަކެއް ވަންދެން ކުރި ކުރި އިހުތިޖާޖުތަކުގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރ ޒަހާއަށާއި، މިފްކޯގެ ވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.
އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2012 އިން ފެށިގެން އެމްޑީޕީ އިން ރާއްޖޭއަށް އާމްދަނީ ވަންނަ މަގުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިދުމަށް އެދި ރާއްޖޭން ބޭރުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރި ކަމަށެވެ.
މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ.
ފައުޒީ ވިދާޅުވީ ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރާނެ ކަމަށެވެ. އަދިމި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް އޭނާ ވިދާޅުވިއެވެ.