އެޕްރީލް 9 އާއި 15 އާ ދެމެދު ރާއްޖެއިން އިތުރު 148 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗުޕީއޭގެ ހިސާބުތަކުން ދައްކައިފިއެވެ. އެޗުޕީއޭއިން ބުނެފައިވަނީ އެ މީހުންގެތެރެއިން 100 މީހަކު ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުން ކަމަށެވެ. ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އަނެއް 37 މީހުން ޕޮޒިޓިވް ވެފައިވަނީ ރޮސޯޓުތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ސަރަހައްދު ތަކުންނެވެ.

މީގެ ތެރެއިން 28 މީހަކު ހޮސްޕިޓަލުގައި ބައިތިއްބައިގެން ގެންދަނީ ފަރުވާކުރަމުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. ރާއްޖޭއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމްލައަކީ 186،042 އެވެ. މި ބަލީގައި ރާއްޖެއިން ވަނީ 311 މީހަކު މަރުވެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑާއި، އަރިދަފުސްރޯގާއި، ޑެންގޫފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެކެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެޗުޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރައްކާތެރިވުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް:

  • ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނޭ ފަރާތްތަކުން ވީހާސްވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން.
  • އަރިދަފުސް ރޯގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނޭހެން ރަނގަޅަށް މާސްކު އެޅުން.
  • އާންމު ތަންތަނުގައި އުޅޭއިރު ގައި ދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
  • ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުން، ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުން.
  • ބަލިޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑުމީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުން.
  • ކޮވިޑް ވެކްސިން ފުރިހަމަކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޮޒް ފުރިހަމަ ކުރުން.