(ލިޔުނީ: މަމްދޫޙު އިބްރާހީމް)
އައްސަލާމް އަލައިކުމް. މަރުހަބާ ހުރިހާ ކުދިނަށް. ވާހަކަ ކިޔަން ތިބި ކުދިންގެ ހާލު ރަނގަޅުތަ؟ މިއަދު މަމްދުބެ ބުނެދޭން މިއުޅެނީ އަހަރެމެންގެ ރާއްޖޭގެ ތާރީހާ ގުޅުންހުރި މައުލޫމާތުތަކެއް ހިމެނޭ ވާހަކައެއް. މިއީ ތަފާތު ތާރީޚީ ވާހަކައަކަށް ވާނެ ކަމަށް އުންމީދުކުރަމެވެ.
ކޮން ކުދިންނަކަށް އެނގެނީ ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ފައިސާއަކަށް ބޭނުން ކުރެވުނީ ކޮން އެއްޗެއްކަން؟ މި ކިޔާދެނީ އިނގޭ.
ދިވެހިންގެ ތެރޭގައި އެންމެ ކުރީޒަމާނުއްސުރެ އަހަރެމެން ކާބާފައިންގެ ޒަމާނުގައި ގަނެވިއްކުމާ ވިޔަފާރި ކުރުމަށް ބޭނުން ކުރެވުނު ފައިސާއަކީ ކުދި ދިވެހި ބޮއްޔެވެ. އެއީ ވަރަށް ތަފާތު ދުވަސްވަރެކެވެ. އޭރުގައި މީހުން އަތުގައި ލާރިއަކަށް ގެންގުޅުނީ ކުދި ބޮއްޔެވެ. މޫދުގެ ދިޔަވަރު ހިކިފައި ހުންނަ ދުވަސް ވަރު މޫދަގައި ހުންނަ ބޮޑެތި ގާތަކަށް މި ކުދި ފެހި ކުލައިގެ ރީތި ބޮލިތައް އަރާފުރިފައި ހުރެއެވެ.
އާންމުގޮތެއްގައި ހަނދުވަރުދޭ ރޭތަކުގައި މޫދުގެ ހުންނަ ބޮޑެތި ގާތަކަށް މި ކުދި ބޮލިއަރާ ފުރާލާއެވެ. މި އިން ކޮންމެ ބޮއްޔަކީ ވެސް އޭގެ ޒާތުގައި ކުޑަ ދިރޭ ޖަނަވާރެކެވެ. ބޮލީގެ ތެރޭގައި އޮންނަ މަސް އެއީ އެބޮލީގެ ދިރުމެވެ.
އާންމު ގޮތެއްގައި ފަތިހާ ހެދުނު ވަގުތު ތަކުގައި އަދި ހަވީރުގެ ގަޑިތަކުގަ މޫދުގެ ދިޔަވަރު ހިކޭނެއެވެ. ފަރުގައި ހުންނަ ބޮޑެތި ގާތަކަށް މި ކުދި ބޮލިތައް އަރައި ފޮރުވިގެން ތިބެއެވެ. މިނޫނަސް އެހެން އެކި ވައްތަރުގެ ތަފާތު ރީތި ބޮލިތަކުގެ ދިރުން ވަނީ ހަމަ މިފަދައިންނެވެ.
ނަމަވެސް އެހެން ހުރިހާ ބޮއްޔަކަށް ވުރެ މި ކުދި ފެހި ކުލައިގެ ބޮއްޔަކީ ދިވެހިންގެ ތެރޭގައި ޚާއްސަ ބޮއްޔެކެވެ. ސަބަބަކީ އޭރުގައި އެއީ ދިވެހިންގެ ފައިސާކަމުގައި ހަމަ ޖެހިފައިވާތީއެވެ. ވާހަކަ ކިޔަން ތިބި ކުދިންނަށް އެނގޭތަ މި ކުޑަ ދިވެހި ބޮއްޔަށް އިނގިރޭސިން ބަހުން ކިޔަނީ ކޮން ނަމެއްކަން؟ އެ ނަމަކީ "ސީޕްރިއާ މޮނެޓާރިއާ ކައުރީ ޝެލް" ވަރަށް ތަފާތު ދިގު ނަމެއްދޯ!
އެ ދުވަސްވަރު ދިވެހިން މި ބޮލިހިލަން ދިޔަވަރު ހިކިފައި ހުންނަ ވަގުތު ފަރުމައްޗަށް ދާނެއެވެ. ބޮޑެތީ މީހުންނާ ކުޑަކުދިން މޮޅޯށި ތަކާ ތެލިތައް ހިފައިގެން ދާނީ މި ބޮލިނަގާށެވެ. އާންމުގޮތެއްގައި މި މަސައްކަތް ކުރާނީ އަންހެންމީހުންނާ ކުޑަކުދިންނެވެ. ފަރުމަތީގައި ހުންނަ ގާތައް ފޮރުޅައި ބޮލި ހޯދާނެއެވެ. ބޮލިނެގުމަށް ފަހު ބޮލިތައް ގެއަށް ގެނެސް ވަޅުލައެވެ. ނުވަތަ މޫދު ކައިރީ ގޮޑުދޮށުގައި ދޮންވެލީގައި ފާހަގަ ޖެހުމަށް ފަހު ބޮލި ވަޅުލައެވެ. އަދި އެ ބޮލި ވަޅުގަނޑުތައް ފާހަގަ ކޮށްފައި ބަހައްޓާނެއެވެ. ބޮލީގެ މަސްފިލާ ހާދުވަސްކޮށްފައި ބޮލިވަޅުތައް ކޮނެ ބޮލިތައް ނަގާ އެއްކުރާނެއެވެ.
ހުރިހާ ބޮއްޔެއް ދޮވެ ސާފުކުރުމަށް ފަހު ދެން އެވީ ބޮލީގެ އަދަދު ގުނާށެވެ. ތި ކުދިންނަށް އެނގޭތަ އެދުވަސް ވަރު ހަނޑޫ ކިލޯއެއްވެސް ގަންނަން ލިބޭނީ ކުޑަ ބޮލިކޮތަޅެއް ގެ ބަދަލުގައެވެ. ބައެއް ފަހަރު ރާއްޖެ އަންނަ އެހެން ޤައުމުތަކުގެ ބޯޓުފަހަރުން މުދާ ގެނައީމާ ބޮލި ކިލޯއަކަށް އެކި މުދާ ބަދަލުގައި ނަގާނެއެވެ. އެއީ އެދުވަސްވަރު ދިވެހިންގެ ގަނެވިއްކުމުގެ ވިޔަފާރިއެވެ. މިހާރުގެ ފައިސާ ދީފައި ފިހާރަތަކުން މުދާ ގަންނަ އުސޫލުން އޭގެ ބަދަލުގައި ބޮލި ދީފައި އެދުވަސްވަރު ކުރާ ވިޔަފާރިތަކެވެ.
ކުޑަ ކުދިން މުނިފޫހި ފިލުވުމަށް ގޭގައި ތިބިގެން ކުޅޭ ކުޅިވަރެއް ކަމުގައިވާ އޮށްވަޅުގޮޑި ކުޅެން ބޭނުން ކުރާނީވެސް މި ކުދި ބޮއްޔެވެ. އަދިވެސް މުހިންމު ކަމަކަށް ބަލާލަމާ ދޯ. މި ޒަމާނުގަ މީހުން ބޭންކު ތަކުގައި ފައިސާ ރައްކާ ކުރާގޮތައް އެ ޒަމާނުގައި ބޮލި ހުންނާނީ ވަޅުލާފައެވެ. ބޮލި އަޅާފައި ހުންނާނީ ކުދި ގުޅިފާޑުގެ އެއްޗެއްސަށެވެ. މަދުން ނަމަވެސް މިހާރުވެސް ބައެއް ރަށްރަށުން ކުރީޒަމާނުގެ ބޮލިވަޅު ފެނިފައި އެބަ ހުއްޓެވެ.
ކޮބާ މިއަދުގެ މި ވާހަކަކޮޅުން ތި ކުދިންނަށް ދަސްވީ ކޮންކަމެއް؟ ހުރިހާ ކުދިންނަށް ލިބުނީ މުހިންމު ޢިބްރަތް ތެރި މަޢުލޫމާތު ތަކެއްކަމަށް މަމްދުބެ އުންމީދުކުރަމެވެ. ވާހަކަ ކިޔަން ތިބި ކުދިންގެ ތެރެއިން ކުއްޖަކަށް ކޮންމެވެސް ދުވަހަކުން ފަހަރުގާ ބޮލިވަޅެއް ފެނުމުގެ ނަސީބު ވެސް ލިބިދާނެއެވެ.