އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހއ ދިއްދޫގައި ފާރެއް ވެއްޓި އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް ހދ ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދެވެމުންދާކަމަށް ރޯޑްކޯޕަރޭޝަނުގެ ދިއްދޫސައިޓްގެ ސުޕަވައިޒަރަކު ބުނެފިއެވެ. ހއ ދިއްދޫގެ މަގުތައް ހަދަމުންދާ ރޯޑް ކޯޕުރޭޝަންގެ މުއައްޒިފުން މަސަތްކަތުގައި އުޅެނިކޮށް ކައިރީގައި ހުރި ފާރެއް ވެއްޓި އަނިޔާވީ ދެމީހުންނަށެވެ. އޭގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް އަނެއް މީހާއަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލަށް އެމީހާ ވަނީ ގެންގޮސްފައެވެ.

"ހަލި" ނޫހުން ހއ ދިއްދޫ ކައުންސިލް ރައީސާ ސުވާލުކުރުމުން މިއީ ހިނގި ހާދިސާއެއްކަން ކަށަވަރުކޮށްދެއްވިއެވެ. ރޯޑްކޯޕަރޭޝަންގެ ދިއްދޫ ސައިޓް އޮފީހުގެ ސުޕަވައިޒަރަކާ "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެމުން މުހައްމަދު ޒާހިރު ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ މީހާގެ ހާލު ރަނގަޅުކަމަށެވެ.

"ކްރިޓިކަލް ހާލަތެއްގަ ނޫން އޮތީ. ފައި ބިންދައިގެން ދިޔައީ. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ނުވޭ." ޒާހިރު ބުންޏެވެ.

ޒާހިރު ބުނި ގޮތުގައި ވެއްޓުނު ފާރަކީ 6 ފޫޓުގެ ވަށާފާރެއް ކަމަށާއި ފާރު ވެއްޓުނީ ހޮޅި ޖެހުމުގެ މަސައްކަތުގައި ތިބި ދެމީހުންގެ ގަޔަށް ކަމަށް ވިޔަސް ނަސީބު ރަނގަޅުކަމުން އެދެމީހުންނަކަށްވެސް ސީރިޔަސް ވަރުގަދަ އަނިޔާތަކެއް ނުލިބޭ ކަމަށެވެ. އަދި ހަމަ އެވަގުތު ކުޅުދުއްފުށްޓަށް ދެވޭނެ ގޮތް ހަމަޖައްސައި މާގިނައިރުތަކެއް ނުވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް މިހާރު އެމީހާއަށް ފަރުވާދެމުންދާ ކަމަށްވެސް ޒާހިރު ބުންޏެވެ.