ހެލްތު މިނިސްޓްރީގެ ދެ ސިޔާސީ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް، އަދި ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ޚާލިދާ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުން އެ މަގާމްތަކަށް އައްޔަން ކުރެއްވީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އާދިލް މިހާތަނަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ޚާލިދާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތައް އަދާކުރެއްވުމުގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ވެސް އޭނާ ކުރައްވާފައިވާ ބޭފުޅެކެވެ.