މުސްލިމުންގެ މަޝްހޫރު އިލްމުވެރިއެއް ކަމުގައިވާ أَبُو حَامِدٍ مُحَمَّدُ بْنُ مُحَمَّدٍ ٱلطُّوسِيُّ އަކީ އިރާނުގެ ބޭކަލެކެވެ. އުފަންވެ ވަޑައިގަތީ ޚުރާސަނުގެ އަވަށެއްކަމުގައިވާ، މަޝްހަދު ކައިރީގައި އޮންނަ ކުޑަކުޑަ ރަށެއް ކަމަށްވާ ތޫސް އަށެވެ.
އެޒަމާނުގައި (ގާތްގަނޑަކަށް ހިޖުރައަށްފަހު ފަސްވަނަ ޤަރުނުގައި) ޢިލްމު ޙާޞިލް ކުރަން ބޭނުންވާ ދަރިވަރުންތައް ދަތުރުކުރަނީ نیشابور އަށެވެ. އެއީ އެޑިސްޓްރިކްޓްގެ މައިމަރުކަޒު ކަމުގައި ވެފައި، އެތައް ބައިވަރު ޢިލްމުވެރިން ދިރިއުޅުއްވި، އަދި އުނގަންނައިދޭ އެތައް މަރުކަޒެއް ހުރި ތަނަކަށް ވާތީ، ޢިލްމުގެ ކިއްލާއެއްގެ ގޮތުގައި ބެލެވުނު ތަނެކެވެ. امام محمد غزالی ވެސް ތަޢުލީމުގެ ފުރަތަމަ މަރުޙަލާ ގޭގައި ފުރިހަމަ ކުރެއްވުމަށްފަހު، ނިޝާޕޫރަށް ވަޑައިގަތީ އިތުރަށް ކިޔަވާ ވިދާޅުވުމަށެވެ.
އެކަލޭގެފާނަކީ ވިސްނުންފުޅުތޫނު މޮޅު، ހިންމަތާ އެކު މަސައްކަތްކުރައްވާ ދަރިވަރެއް ކަމުން ދާދި އަވަހަށް އުސްތާޒުންގެ ތަޢުރީފް އެކަލޭގެފާނަށް ލިބެން ފެށިއެވެ. ފަހެ އިމާމް ޣަޒާލީ نیشابور ގައި، އެތައް އަހަރަކު ފޯރިއާއެކު ކިޔެވުން ކުރިއަށް ގެންގޮސް، އެތައް އިލްމުވެރިންގެ ކިބައިން ޢިލްމު ހޯއްދެވިއެވެ. އަދި ޙާޞިލްކުރެއްވި، ޢިލްމުގެ އެއްވެސް މިންވަރެއް ހަނދާން ނެތިވިޔަ ނުދިނުމަށާއި، އެތައް ޤުރުބާނެއް ވެގެން ޙާޞިލްކުރެއްވި އިލްމުގެ ފޮނިމީރުކަން ގެއްލިގެން ދިޔަނުދިނުމަށްޓަކައި، އަބަދުވެސް ދަރުސްތައް ނޯޓްކޮށް، ރައްކާކުރެއްވިއެވެ.
ޢިލްމުވެރިންގެ ކިބައިން އަޑުއިވި، ދަސްވި ހުރިހާ އެއްޗެއް ނޯޓްކޮށް، ވަރަށް ފަރުވާތެރިކަމާއެކު އެކި ސުރުޚީތަކާއި ބާބުތަކުގެ ދަށުން އަލުން ލިޔުއްވިއެވެ. މިނޯޓްތައް އެކަލޭގެފާނު ރައްކައުކުރެއްވީ އެކަލޭގެފާނުގެ ފުރާނަ ފަދައިން ނުވަތަ އެއަށްވުރެ ވެސް އަގުހުރި އެއްޗެއް ގޮތުގައެވެ. ދެންފަހެ، އޭގެ އަހަރުތަކެއް ފަހުން ކިޔެވުން ނިންމަވާލެއްވުމަށްފަހު އެނބުރި އުފަން ބިމަށް ވަޑައިގަތުމަށް ނިންމެވިއެވެ. އެހެންކަމުން އެކަލޭގެފާނު ގެންގުޅުއްވި ހުރިހާ ނޯޓެއް ވަރަށް ފަރުވާތެރިކަމާ އެކު ޖަމަޢުކޮށް ތަރުތީބުކޮށް، ބޮނޑިޔަކަށް ބެންނެވިއެވެ.
ދަތުރުކުރި ޤާފިލާއަކާ އެކު އަމިއްލަ ވަޒަނަށް ވަޑައިގަތުމަށް نیشابور އިން ނިކުމެ ވަޑައިގަތެވެ. ފަހެ ދަތުރުގެ ވަކިހިސާބަކުން، ކުއްލިއަކަށް މިގާފިލާ އާ ލައިގަތީ މަގުފޭރޭ ވަގުންގެ ބައިގަނޑަކާއެވެ. އެމީހުން ޤާފިލާ މައްޗަށް ވެރިވެގަނެ އަތުޖެހުނު ކޮންމެ މުދަލެއް ފޭރިގަތެވެ. ފަހަރަކު މީހެއްގެ މުދައު ފޭރެމުން ލޫޓުވަމުން ގޮސް އެންމެ ފަހުން ޣަޒާލީއާއި ދިމާކޮށްލައިފިއެވެ. އަދި އެމީހުން ބޭނުންވާ ހުރިހާ އެއްޗެއް ފޭރިގަތުމްށްފަހު، އަތްފުނާ އަޅަމުން ގޮސް، ބޮނޑި ބޮނޑިޔަށް އައްސާފައި ހުރި ކަރުދާސްތަކެއްގައި އަތްލެވުނެވެ.
އެހިނދު އެކަލޭގެފާނު ވަގުތުން ކީރިތިކުރައްވަން ފެށްޓެވިއެވެ. އަދި ވަރަށް އާދޭހާއި އެކު ވިދާޅުވިއެވެ. "ކަލޭމެން ބޭނުންވާ ހުރިހާ އެއްޗެއް ގެންދާށެވެ. އެކަމަކު، ދެފައިގައިހިފައި އާދޭސްކޮށްފައި ބުނަމެވެ. މިނޯޓުތައް އަހަންނަށް ދޫކޮށްލާށެވެ." ފަހެ އެހިނދު ފޭރޭމީހުން ހީކުރީ، ހަމަ ޔަގީނުންވެސް އޭގެތެރޭގައި ވަރަށް އަގުހުރި އެއްޗެއް ރައްކާކޮށްފައި ހުންނާނޭ ކަމަށެވެ. އެހެންކަމުން އެހުރިހާ ކަރުދާހެއް ހާވައި ރަނގަޅަށް ބެލިއެވެ. ނަމަވެސް ލިޔެފައިވާ ކަރުދާސްތަކެއް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ނުފެނުނެވެ.
ދެން އެމީހުން ހައިރާންވެފައި ސުވާލުކުރިއެވެ. "ތިޔަހާ ވަރަކުން ތިޔައުޅެނީ މިކަރުދާސްތަކާ ހެދި ހެއްޔެވެ؟ މިއީ އަޅެފަހެ ކޮންފައިދާއެއްހުރި އެއްޗެއް ހެއްޔެވެ"" ޣަޒާލީ ވިދާޅުވިއެވެ. "އާނއެކެވެ. މިއީ ކޮންމެ އެއްޗެއް ވިޔަސް މިއީ ކަލޭމެންނަށް އެއްވެސް މަންފާއެއް ކުރާނެ އެއްޗެއް ނޫނެވެ. އެކަމަކު މިއީ އަހަންނަށް ވަރަށް އަގުހުރި އެއްޗެކެވެ. ވަގުން އެހިއެވެ. "އެކަމަކު އެއީ ކޮން ފައިދާއެއް ހެއްޔެވެ؟" ޣަޒާލީ ވިދާޅުވިއެވެ. "މިއީ އަހުރެން ކިޔެވުމުގައި، އެތައް އަހަރެއް ވަންދެން ކުރި ބުރަ މަސައްކަތުގެ މޭވާއެވެ. މިތަކެތި އަހަރެންގެ އަތުން ގެއްލިއްޖެ ނަމަ އަހަރެންގެ ޢިލްމު ނެތިގޮސް، ޢިލްމު ހާޞިލް ކުރުމަށް އަހަރެން ކުރި ހުރިހާ މަސައްކަތަކާއި، ދުވަސްތައް ބޭކާރުވީއެވެ.
އެހިނދު ފޭރޭ މީހުންގެ ތެރެއިން އެކަކު ބުންޏެވެ. "އެހެންވިއްޔާ ކަލޭގެފާނުގެ ޢިލްމު ތިޔައޮތީ ކަރުދާސްތަކެއްގައި ނޫންހެއްޔެވެ.؟ ބޭނުން މީހަކަށް (ވަގަށް) ގެންދެވޭ ގޮތަށް، ބޮނޑިބޮނޑިޔަށް ހުރި ކަދުދާސްތަކަކީ އެއްގޮތަކަށްވެސް ޢިލްމެއް ނޫނެވެ. ތިޔައަކަށް ހަމަހިލާ ޢިލްމެކޭ ނުކިޔޭނެއެވެ. ތިބާ އަލުން ތިޔަ ވިސްނުން މުރާޖަޢަ ކުރާށެވެ."
ދެންފަހެ ވަގުކަލޭގެ މިބަސްތައް އުންޑައެއްހެން އިމާމް ޣަޒާލީގެ ހިތަށް ވަދެގެން ދިޔައެވެ. މީހާ ތުރުތުރު އަޅައިގަތެވެ. އެބަސްތަކުން އެކަލޭގެފާނުގެ ނަފްސު އިތުރަށް ހޭލައްވައިލިއެވެ. ވިސްނުން މުޅިން ބަދަލުވިއެވެ. ހިތްޕުޅަށް އަރާވަޑައިގަތެވެ. "އަހުރެން އުނގެނެމުން މިދަނީ ވާހަކަ ދައްކާ ގުރައެއް ފަދައިންތާއެވެ. އެޔެކޭ އަހުރެންނެކޭ ތަފާތެއް ނެތެވެ." ފަހެ އެދުވަހަށްފަހު އެކަލޭގެފާނުގެ ވިސްނުން ބަދަލުކުރެއްވިއެވެ. އެކަލޭގެފާނަށް ވިސްނިވަޑައިގަތީ ހަޤީޤީ ޢިލްމުވެރިޔަކަށް ވާން ބޭނުން ނަމަ އަމިއްލަ އަށް އެކިއެކި ކަންކަމާއި، ދިރާސާކޮށް ވިސްނުން ފުޅާކުރަން ޖެހޭ ކަމެވެ. ހަމަ އެކަނި އުސްތާޛުން ކިޔަވައިދޭ އެއްޗެއް ދަސްކުރުމުގެ ބަދަލުގައި އަމިއްލަ އަށް ހޯދައި ބަލައި ފިކުރު ހިންގަން ޖެހޭ ކަމެވެ. ފަހެ އެކަލޭގެފާނު އެފަދައިން ކުރިޔަށް ވަޑައިގަތެވެ. އަދި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަތެވެ.
މުސްކުޅި އުމުރުފުޅުގައި ވިދާޅުވެއުޅުއްވިއެވެ. "އަހުރެންގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލާނެ އެންމެ ހެޔޮ ނަޞީހަތެއް ދިނީ މަގުފޭރޭ ވަގުންގެ މީހެކެވެ."
މަސަދަރު: ނެރޭޓިވްސް އޮފް ދަ ވެރޭޝިސް ވޮލިއުމް 1 / މުރުތަޟާ މުތައްހަރީ