މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޑް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ. އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި އަބްދުﷲ މުޙައްމަދު އަދި އެމްއެމްސީގެ ފަރާތުން ރައީސް އަޙްމަދު މުޞްޠަފާ ވަނީ ސޮއި ކުރައްވާފައެވެ.
އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ފުރަތަަމަ ކުންފުނި ކަމުގައި ފާހަގަކުރައްވައި، އެކަމަށްޓަކައި އެސްޓީއޯގެ އިސްވެރިންނަށް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްސީގެ ރައީސް މުސްތަފާ ވަނީ، ޝުކުރު އަދާކުރައްވާފައެވެ. އަދި މީޑިއާގެ ކުރިއެރުމަށް އެސްޓީއޯއިން ވެދެމުން އަންނަ އެހީތެރިކަން ވެސް މުސްޠަފާ ފާހަގަކުރެއްވިއެވެ.
އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅީ ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުންނަށް ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ޖެނުއަރީ މަހު ފެށި މި ޕްރޮގްރާމް، މިހިސާބަށް އައިއިރު ދެ ސްކޫލެއްގައި ހިންގައިފިއެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ކޮށްފައެވެ. އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް އެމްއެމްސީން ދަނީ ތައްޔާރުވަމުންނެވެ.
މިޕްރޮގްރާމްގައި ބައިވެރިންނަށް ތަމްރީނުދެއްވައި އުނގަންނައިދެއްވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، އެކަމުގެ ތަޖުރިބާ ލިބިފައިވާ އަދި އެދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްގެން ތިއްބެވި އިސް ބޭފުޅުންނެވެ.