އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި 6-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު މަޝްހޫރު ލިވަޕޫލުން ދަމަހައްޓައިފިއެވެ.

މިމެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާއި އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒް އާއި ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޯޓާގެ އިތުރުން ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގަކްޕޯއެވެ. މީގެ ތެރެއިން ސަލާހާއި ޖޮޓާ، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެލަނޑު ކާމިޔާބު ކޮށްފައެވެ.

މިމެޗުގައި ސަލާހް ޖެހި ދެލަނޑާއެކު އޭނާ ވެފައި ވަނީ ޕްރިިއަރ ލީގުގެ ތާރިހުގައި ވާތުފައިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. އެއީ 107 ލަނޑު ޖަހައިގެންނެވެ. ކުރިން މިރެކޯޑް އޮތީ ލިވަޕޫލް އާއި އިންގްލެންޑުގެ ކުރީގެ ފޯވާޑް ރޮބީ ފައުލާ އަތުގައެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ 8 ވަނައިގައި އޮތީ 47 ޕޮއިންޓާއެކުއެވެ. ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި މެންޗެސްޓަރ ސިޓީ، ލިވަޕޫލަށް އަތުލެވެން ނެތްއިރު ލިވަޕޫލަށް މަސައްކަތް ކުރަން ޖެހިފައި އޮތީ ލީގުގައި ލިވަޕޫލަށް ބާކީ އޮތް 8 މެޗުން، 3 ވަނައިގައި 59 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ޔުނައިޓެޑާއި 56 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަތުލުމަށެވެ.

ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ލީޑްސް ޔުނައިޓެޑުގެ ހަމައެކަނި ލަނޑު މިމެޗުގައި ކާމިޔާބު ކޮށްދިނީ ލުއިސް ސިނިސްޓެއްރާއެވެ. މިމެޗުން ބަލިވިނަމަވެސް ލީޑްސް އަދިވެސް އޮތީ ރެލިގޭޝަން ޒޯނަށް ވުރެ 2 ޕޮއިންޓް ކުރީގައެވެ. އެއީ 29 ޕޮއިންޓާއެކުއެވެ.