ހދ. ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން:

  • 45،760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 300 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 332 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • މޫރިންގ ބޮއީސް ހަރުކުރުން
  • މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރުގެ ސަރަޙައްދެއް މަރާމާތު ކުރުން
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 120 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން
  • 5252.30 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • 537.62 މީޓަރުގެ ކާރބް ހަރުކުރުން

މި މަޝްރޫޢަކީ 66.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 570 ދުވަސްތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.