ކޮންމެ އަހަރެއްގެވެސް އެންމެ ހޫނުގަދަ ދުވަސްތައް އަންނަނީ އޭޕްރީލް މަހާއި މެއިމަހުގައި ކަމަށްވާތީ، މި ދުވަސްތަކުގައި ކަރަންޓު އިސްރާފުނުކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯއިން ކަސްޓަމަރުންނަށް މިއަދު ފޮނުވި މެސެޖެއް މެދުވެރިކޮށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކުރާ ކުރާ ކަމަށް ވަނީ ބުނެފައެވެ.

"ކޮންމެ އަހަރެއްގެވެސް އެޕްރީލް އަދި މެއި މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްތައް ކަމަށްވުމާއެކު، މިދުވަސްވަރު ކަރަންޓު އިގުތިސޯދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކަރަންޓު އިސްރާފުވިޔަ ނުދީ ކޮންމެހެން ބޭނުންވާ މިންވަރަށް ބޭނުން ކުރުމަށް އިލްތިމާސްކުރަން." ސްޓެލްކޯގެ މެސެޖުގައި ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ހޫނުގަދަ މިދުވަސްތަކުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ސްޓެލްކޯއަށް ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅައެވެ. ކަރަންޓު ބިލު ކުޑަކުރުމަށް ނުވަތަ ކަރަންޓު އިގުތިސޯދު ކުރުމުގެ ގޮތުން ކުރާނެ ކަންތައްތަކުގެ ތެރޭގައި އޭސީ 25،26 ވަރުގައި ބެހެއްޓުމާއި އޭސީއާއި ފަންކާ އެއްފަހަރާ ބޭނުން ނުކުރުން ހިމެނޭކަމަށް ސްޓެލްކޯއިން ވަނީ ކުރިން ބުނެފައެވެ.

މީގެ އިތުރުން ކަރަންޓު ސުވިޗުތައް ނިއްވާލާފައި ބެހެއްޓުމަކީވެސް ކަރަންޓު ހަރަދު ކުޑަކުރުމުގެ ތެރޭގައި ހިމެނޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.