ޕަރީފެންގަނޑު - ތޭރަވަނަ ބައި (ލިޔުނީ: މަމްދޫޙު އިބްރާހީމް)

ތުއްތުސީދީ އާއިލާގެ މުނިކާފަ ހިސާބުން ފެށިގެން މިފޮތް މިއަދާހަމައަށް އަންނަން ޖެހުނު ސަބަބެއް ވެސް އޮޅުން ފިލުވާށެވެ. ޚުދް އޭނާއަކަށް ވެސް އެކަމުގެ ހަގީގަތެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެސިހުރުފޮތުގެ ފާރަވެރިއެއް ނުވަތަ ކަޅު ހިޔަންޏެއް އެފޮތް އޮންނަތަނެއްގައި އުޅޭކަމެވެ. އަދި އެފޮތުގެ ތެރެއިން ކޮންމެފަދަ ސިހުރު ހާހޫރައެއް ހެދިޔަސް ހަދަންއުޅުނަސް އެމީހަކަށް ނުބައިކަން ކުރުމުގެ މަގުފަހިކޮއްދޭ ކޮންމެ ވެސް ސަބަބުތަކެއް މެދުވެރިވާނެކަމެވެ. މިކަން މިހެން ހިނގާނެކަމަށް ވަނީ އޭނާގެ މުނިކާފަ ދުނިޔޭގައި ހުރިއިރު ވެސް އެމީހާގެ ދަރިންގާތު ބުނެފައެވެ. އެހެންނަމަވެސް ތުއްތުސީދީ ކުޑައިރު މިކަހަލަ ކަންތައްތަކާ އެހާ ޝައުގުވެރިއެއް ނުވެއެވެ.

އެހެން ނަމަވެސް އޭނާއަށް ފުރަތަމަ ފަހަރަށް ޝަބީބާ ކަމަނާ އެފެންގަނޑުގެ ތެރެއިން ނާނޭފުޅުފިއްލަވަން އެރި އުޅުއްވަނިކޮށް ފުރަތަމަ ފަހަރަށް ފެނުނީއްސުރެ ޝަބީބާ ކަމަނާ އަށް ހިތްކިޔައި އެ ކަމަނާ އަބަދުގެ އަބަދަށް ސިއްދީގުގެ މިލްކަކަށް ހެދޭނެ ގޮތެއް އޮތްތޯ އޭނާ ހޯދާބަލަން ބޭނުންވިއެވެ. އެކަމަކު ވެސް ޖިންނީންނާއި ކުރިމަތިލައި އެބައިމީހުންނާ މުއާމަލާތް ކުރެވޭނީ ވަރަށް ވެސް ކެރިގެންނެވެ. ހަޔާތުގެ ކަންތައްތައް ދިމާވިގޮތުން ތުއްތުސީދީއަށް މަޖުބޫރުވީ ހުރިހާކަމެއް ހުއްޓާލާފައި ލިބުނު ނާކާމިޔާބީއެކީ އަމިއްލަ ހަޔާތާއެކު ކުރިއަށްދާށެވެ. އެކަމަކު އެއްވެސް ހާލެއްގައި އޭނާ ހަމަހޭގައި ދުނިޔޭގައި ހުއްޓައި އޭނާކުރަން ބޭނުންވެފައިވާ ކަންތައް ނުކޮށް ދޫކޮއްލާކަށް ބޭނުމެއްނުވާނެއެވެ.

ތުއްތުސީދީގެ އަލަތު އަނބިމީހާ ފުރަތަމަ ފަހަރަަށް ބަލިވެ އިނދެ ވިހަން ބަނޑުގައި ރިއްސައި އުޅުނުރޭ ނުވިހަައިގެން ފޫޅުމައި ދައިތަ ކުޑަމަނިކެ ގެނެސް ވިއްސަން އުޅެއުޅެ އެކަން ނުވުމުން އޭނާ ބޭނުންވީ އޭނާގެ ކާބަފައިން ދީފައިވާ ސިހުރުފޮތުން ފަންޑިތައެއް ހަދައި އަނބިމީހާ ވިއްސޭތޯބަލާށެވެ. އެހެންކަމުން ހަލީމާ ވިހެއުމުގެ ވޭނާއި ކެކުޅުމުގައި ބާއްވާފައި ތުއްތުސީދީ ދިޔައީ އޭނާ ތިންވަނައަށް ފޮރުވައިފައިވާ ކޮޓަރި ތެރޭގައި ހުރި ބޮޑުރުނބައިގެ ތެރެއިން ބޮޑު ސިހުރުފޮތް ނަގާށެވެ. ރުނބައިގެތެރެއިން އެފޮތް ނަގައި އެފޮތުގައި ހުރިގޮތްނޭނގޭ ބަހުރުވަޔާ ކުރެހުމަކަށް ބަލާލާފައި އަންހެނަކު ސިފަވާ ކުރެހުމެއްގެ ފޮޓޯއެއްނެގިއެވެ. އޭގައިވަނީ އަންހެންމީހާ ބޮލަށް ބަޔަކުފެން އަޅާ މަންޒަރެކެވެ.

އެކުރެހުމުގައި ދައްކާފައިއިނީ ވަރަށް ޒީނަތްތެރި ގޮތަކަށް ހެދުން އަޅައިގެން އިން އަންހެނެކެވެ. އެމީހާ އިނީ ފެންގަނޑަކަށް ދެފައިލައިގެންނެވެ. އަދި އެކުރެހުމުގައި ސިފަ ވާގޮތުން އަންހެންމީހާ ވަނީ އެފެންގަނޑަށް ދެފައިލައިގެން އިންދާ ބޮޑު ބޮކެއް އައިސް އެއަންހެން މީހާ ފައިގައި ދަތްއަޅާ މަންޒަރެވެ. އަދި އެކި ފާހަގަތަކާއި ކުރެހުން ތަކެއް ހުއްޓެވެ.

މި ފޮޓޯގަނޑުގެ ތިރީގައި ވާނުވާނޭނގޭ ބަހަކުން ލިޔުންތަކެއް ހުއްޓެވެ. އަދި ފާހަގަތަކެއް ކުރަހައިފައިވެސް ހުއްޓެވެ. ތުއްތުސީދީއަށް ހަގީގަތުގައި މިއިން ރަމްޒުކޮށްދެނީ ކޮން އެއްޗެއްކަން ކުޑަކޮށް ވެސް ނޭނގެއެވެ. ވާނުވާނޭނގި ހާސް ކަންމަތީ ހުރެ ތުއްތުސީދީ އެފޮތުގައި ލިޔެފައި އަދި ކުރަހާފައި ހުރިކުރެހުން ކެޔޮފަތެއްގައި އަވަސް އަވަހަށް އޭނާ އަށް އެނގުނު ގޮތަކަށް ލިޔެ އަދި ކުރަހައި ހަލީމާ ވިހެއުމުގެ ވޭނާ ކެކުޅުމުގައި އަދި ވަރުބަލިކަން މަތީ އޮއްވައި ތުއްތުސީދީ މި ކެޔޮފަތްގަނޑު ހިފައިގެން އައިސް ހަލީމާގެ އިސްތަށިގަނޑުގައި އޮޅައިބަނދެ ބޮޑު ހުޅިއެއް ޖެހިއެވެ.

ތުއްތުސިދީ އަށް މިކުރެވުނީ ކޮންފަދަ ކަމެއްކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. މިކަން މިހެން ކުރިއިރު ޚުދް ހަލީއާމަށް ވެސް އެކަމެއް ނޭނގެއެވެ. މިހެން ހަލީމާ ވޭނުގައި ކުކުރަ ކުކުރާލާ ތެޅި ފޮޅިފޮޅި ވަރުބަލިކަންމަތީގައި ނުވިހިގެން އޮއްވައި ކުއްލިއަކަށް ހަލީމާ އޮތްކޮޓަރީގެ ދޮރުމައްޗަށް ބޮޑު ކަޅު ހިޔަންޏެއް އަތުވެއްޖެއެވެ. އެހިޔަނި ހުރީ އިންސާނަކު ހުންނަ ކަހަލަ ގޮތަކަށެވެ. އެކަމު ބޮލުގެދެފަރާތުން ނާ މަތިން ތިންދަޅު ފަޅާފައި ހުރިކަހަލަ ގޮތެއް ސިފަވާން ހުއްޓެވެ.

މި ހިޔަނީގެ ދެލޯހުންނަ ހިސާބު ހުރީ ރަތް އަނގުރު އަލިފާން ކޮޅެއްހެން ދިއްލިފައެވެ. އެއީ ކޮންމެ އެއްޗެއް ކަމުގައި ވިޔަސް ހުރީ ވަރަށް ރުޅި ގަދަވެފައެވެ. އެހެން ހުރެ ފޫޅުމައި ދައިތަ އެހިޔަނި ފެނިގެން ބިރުން ހަޅޭލަވައި ގަތްތަނުން ކުއްލިއަކަށް ފެނުނީ ފޫޅުމައިދައިތަ ކަރުގައި ހިޔަނި އައިސް ހިފައި އުފުލާލައި ފިއްތާބާރު ކޮށްލިތަނެވެ. އެދައިތަގެ ދެލޯ ބާރުވެގެން ދެގޮބޮޅި ނިކުމެ އަނގައިންނާއި ނޭފަތުން ލޭ އައިސް މުޅިމީހާ ނޫފައިގަންނަ ވަރަށް ފިއްތައި ބާރުކޮށް މަރާލައިފައި ބިންމަށްޗަށް ވައްޓައިލިއެވެ. މިމަންޒަރު ބަލަން ތުއްތުސީދީ އާއި ހަލީމާ ބިރުން ތިއްބައި ކަޅު ހިޔަނި ކުއްލިއަކަށް ވައި ރޯޅިއެއް ހެން އައިސް ވަނީ ހަލީމާގެ އަގައިގެ ތެރެއަށެވެ.

އެވަގުތު ތުއްތުސީދީ ހަދާނެގޮތް ހުސްވެ ބިރުން ހުރީ ވާނުވާ ނޭނގިފައެވެ. އެނާއަށް އެވަގުތު އެއްޗެއް ވެސް ހިތަށް އެރިއެވެ. އެއީ އަނެއްކާ އެކުރެހުން ކުރަހައިލިޔެ ކެޔޮފަތްގަނޑު ހަލީމާގެ އިސްތަށިގަނޑުގައި އޮޅާއި ހުޅިޖެހީމައި ވީގޮތް ނޫންބާ! ތުއްތުސީދީ އޭނާގެ އަނބިމީހާ ހަލީމާ އަށް ބަލާލިއިރު ފެނުނީ ހަލީމާ އަނގަހުޅުވި ފައި އިދިފުށަށް ދަމައިގަނެ ދެލޯހުދުވެ ކަރާ މޫނުމަތީގައި ހުރި ލޭ ނާރުތައް ފުއްޕައިވާ އޮތްތަނެވެ. އޭނާ އޮތް އެނދުން މައްޗަށް ހިއްލިފައި އޮތްތަނެވެ. އޭނާއަށް އެއަޅަމުންދަނީ ކޮންފަދަ އަނިޔާވެރި ވޭނެއްބާ!

ހަލީމާއަށް ވެފައިއޮތް ގޮތް ތުއްތުސީދީ އަށް ފެނުމުން ކުއްލިއަކަށް ހަޅޭލަވައި ގަނެ ހަލީމާގެ ބޮލުގައި ޖަހާފައިވާ ހުޅި ނައްޓައި އޭގައިހުރި ކުރެހުންގަނޑު ދަމާނަގައި ހޫރާލައިފިއެވެ. އެވަގުތު ހަލީމާ ވަރަށް ބާރަށް އެނދުމައްޗަށް ވެއްޓިއްޖެއެވެ. ހަލީމާ އެވަގުތު އޮތީ ދަރިފުޅު ވިހައިގެންނެވެ. ނަމަވެސް މަސްތުރަވެ ފޫޅުނުކެނޑެއެވެ. މާގިނައިރު ތަކެއްނުވެ ހަލީމާ މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވާއިރު އޭނާގެ ގައިގެ ހަންގަނޑަށް ވަނީ ފެހިކުލަ އަރައިފައެވެ. ފެންނައިރު ހީވަނީ ބޮކެއްގެ ހަންގަނޑު ހެންނެވެ. ކަޅު ލަކުނު ފާޑުގެ ތިކިތަކާއެކު ބޮޑެތި ފޮޅުތަކެއްނަގައި ވަރަށް ނުބައި ހުތުރުސިފައަކަށެވެ. ހަލީމާގެ އަނގަ ހުޅުވިފައި އޮތީ ހިލަދަނގަނޑު އަރާފައެވެ. ހަލީމާގެ ދަތްތައް ހުރީ އަނދާފައިވާ ކަޅު ދެލި ހުރިހެން ފީވެ ހަލާކުވެފައެވެ. ދަރިފުޅު އޮތީ ރޮއިރޮއެވެ.

ބަލާބެލުމަކަށް އެ ތުއްތުކުއްޖާފުޅަށް އެއްވެސް ކަމެއް ވެފައިއޮތް ހެނެއް ހިއެއްނުވެއެވެ. އެހެނަސް ފަހުން ކުއްޖާ ސާފުކުރަން ނެގިއިރު އޮތީ ގައިން ފޮޅުނަގައި އެއްކޮށް ރީނދޫވެފައެވެ. މިހިސާބުން ތުއްތުސީދީ އަށް އެނގުނީ އޭނާގެ ކާބަފައި ޒަމާނުއްސުރެ ދޫދޫމަތިން މީހުން ކިޔާއުޅޭ ވާހަކައެެެއް ކަމުގައިވާ އެބުނާ ކަޅުހިޔަންޏަކާއި ގުޅީގެ ތެރޭގައި އޮންނަ ސިހުރުފޮތާ ގުޅުމެއްވާކަމެވެ. އެކަމަކީ އެއްވެސް ޝައްކެއް އޮންނަ ކަމެއްނޫންކަމެވެ. އެ އާއިލާ ތެރޭގައި ސިއްރުވެރި ގޮތަކަށް މި ކަޅުހިޔަނި ވާރުތަވެ އަމިއްލައަށް އުޅެނީކަމެއް ނުވަތަ އެއީ އޭނާގެ ކާބަފައިން މިއަދާ ހަމައަށް ގެންގުޅުނު އެއްޗެއް ކަމެއް ނޫނީއެއީ ހަގީގަތެއް ކަމެއްނޭނގެވެ. ސަބަބަކީ މިފޮތުން އޭނާއަށް ހެދުނު ފަންޑިތައެއްގެ ސަބަބުން ކަޅުހިޔަނި އެތަނަށް އައީތީއެވެ. ރަށުގެ މީހުން އަބަދުވެސް ކިޔާ ވާހަކައެއް އޮވެއެވެ.

ތުއްތުސީދީގެ އާއިލާތެރޭގައި އޭނާގެ މުނިކާފަމެން ޒަމާނުއްސުރެ ކަޅު ހިޔަންޏެއް އެގޭތެރޭގައި އުޅޭ ވާހަކައެއް އޮވެއެވެ. ކުރިއަކުން އޭނާ އެހާ ބޮޑަކަށް އެކަމަކާ އަޅައެއް ނުލައެވެ. އެހެން ނަމަ ވެސް ހަލީމާ އާއި ފޫޅުމައި ކުޑަމަނިކެ މަރުވާން ދިމާވި ސަބަބުން މިވަނީ އެކިޔާ ހިޔަންޏެއް ތުއްތުސީދީ އަށް ވަނީ ފެނިފައެވެ. މިހިސާބުން ތުއްތުސީދީ އަށް މިއޮތީ ފަންޑިތަ ސިހުރުގެ އަވާގައި ޖެހި އެކަންކުރަން ހިތް ޖެހިފައެވެ. ތުއްތުސީދީއަށް ޝަބީބާ ކަމަނާ ހުންނެވި މަންޒިލަކުން އަތުލައި ގަނެ ހައްޔަރު ކުރާނެ ގޮތެއް މިފެނުނިއްޔޭ ހިތަށް އެރިއެވެ.

އެހެނަސް އަދިވެސް ގުޅީގެ ތެރޭގައި އެއޮންނަ އާދަޔާ ޚިލާފު ފޮތަކާއި އެހިޔަންޏަކާއި އޮތްގުޅުމަކީ އޭނާ އަށް ނޭނގޭ ކަމެކެވެ. ދުވަސް ތައް ފާއިތުވެ މިހާރު ކުޑަކުޑަ ޔާސިރުގެ އުމުރުން ހަ އަހަރު ވަނީއެވެ. އެކަމަކު މި ކުޑަ ކުއްޖާއަކީ އެއްގޮތަކަށް ވެސް ބޯހަމަޖެހޭ ކުއްޖެއްނޫނެވެ. ވިހޭދުވަހުން ފެށިގެން މިސޮރަކީ ސިކުނޑީގެ އުނިކަމެއް ހުރި ނުކުޅެދޭ ކުއްޖެކެވެ. އެއްގޮތަކަށް ވެސް އެހެން ކުދިންނާ ގުޅިގެން ނޫޅެއެވެ. އަދި އޭނާ މަދަރުސާާއަށް ކިޔަވަން ފޮނުވޭ ކަށް ވެސް ނޯވެއެވެ. އެއީ މިސޭކު ކުއްޖަކަށް ވެފައި ވާހަކަ ދައްކަން ވެސް ނޭނގޭ ކުއްޖަކަށް ވީމައެވެ.

މިއީ އޭނާއަށް ކުރެވުނު ކަމަކުން އަނބިމީހާ މަރުވެ ދިމާވި ހާދިސާއެއްގެ ސަބަބުން ދަރިފުޅަށް ވީގޮތެއްކަން ތުއްތުސީދީއަށް ހަމަރަނގަޅަށް ވެސް އެނގެއެވެ. ވާނީ ވެސް އެހެންތާއެވެ! ގޮތްނޭނގޭ ކަންތައްތައް ކުރަން އުޅޭކޮންމެ މީހަކަށް ވެސް މިކަހަލަ ކަމަކާ ކުރިމަތި ނުލާ ނުދާނެއެވެ. ދުވަސްތައް ފާއިތު ވަމުން ގޮސް ތުއްތުސީދީ އަނެއްކާ ވެސް ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. ތުއްތުސީދީ މިކައިވެނި ކުރީ ކޮންމެހެން މާރަނގަޅު ދިރިއުޅުމެއް ފަށައިގެން އުޅޭކަށް އުންމީދުތަކެއް ކޮށްގެނެއް ނޫނެވެ. އެހެނަސް އޭނާގެ މޮޔަވެފައިވާ ނިކަމެތި ދަރިފުޅު ޔާސިރަށް މަންމައެއްގެ ލޯބި ހޯދައިދިނުމުގެ ގޮތުންނެވެ.

މިފަހަރު ތުއްތުސީދީ ކައިވެނި ކުރީ އެރަށު އަންހެނަކާ ނޫނެވެ. އެއީ އެހެން ރަށެއްގެ އަންހެނެކެވެ. ދަތުރުވަރިއެއްގައި އެރަށަށް ޢީދު ޗުއްޓީގައި އައިބައެއްގެ ތެރެއިން ދިމާވި އަންހެނެކެވެ. މި އަންހެން މީހާ އަކީ އޭނާގެ އަމިއްލަ އުފަން ރަށުގައިވެސް އެދުވަސް ވަރަށް ބަލައިލާ އިރުގައި މުއްސަނދި އަންހެނެކެވެ. އޭނާ ގެ އަމިއްލަ ގޯއްޗާއި ދަނޑުބިން އޮވޭއެވެ. މި އަންހެން މީހާގެ ނަމަކީ އަޒީޒާއެވެ. ތުއްތުސީދީ އާ އަޅާބަލާއިރު އޭނާ އަށްވުރެ އުމުރުގެ ގޮތުން މާ ދޮށީ އަންހެނެކެވެ. އެހެނަސް އަދި ކައިވެންޏެއް ނުކޮއް އިއްފަތްތެރިކަން މަތީ އިން ވަރަށް ރީތި އަންހެނެކެވެ.

(ނުނިމޭ)

{ލިޔުންތެރިޔާގެ ނޯޓް: ވާހަކަ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި އޮތީ ޢީދު ދުވަހުގައެވެ. އަދި ޢީދުގެ ފަހުން ކޮންމެ ތިންދުވަހުން އެއްދުވަހު ގަވާއިދުން ވާހަކަ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކިޔުންތެރިންގެ އެދިލެއްވުމަކަށް އެއްބައި ގެނެސްދިނީމެވެ. ދެން އިތުރަށް ވާހަކަ ކުރިއަށް ގެންދެވޭނީ ޢީދަށް ފަހުގައެވެ. ޝުކުރިއްޔާ ތިދެއްވާ ތަރުޙީބާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރިއްޔާ! ތިބޭފުޅުންގެ ފާޑުކިޔުމާއި އެއްބާރުލުމަކީ އަޅުގަނޑުގެ ކާމިޔާބާއި ކުރިއެރުމެވެ! މަމްދޫހު އިބްރާޙީމް}