އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 15 ކުށްވެރިޔަކަށް އަފޫއާންމު ދެއްވައި މިނިވަން ކުރައްވައިފިއެވެ.

މިއީ، ވެރިކަމުގެ ފަހު ދުވަސްކޮޅު، މަގާމުގެ ބާރުގެ ބޭނުން ކުރައްވައިގެން ޓްރަމްޕް އަޅުއްވަމުން ގެންދަވާ ވަރުގަދަ ފިޔަވަޅުތަކުގެ ބައެކެވެ.

އަފޫއާންމު ދެއްވައި މިނިވަން ކުރި ކުށްވެރިންގެ ތެރޭގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ގާތް ބޭފުޅުންވެސް ހިމެނެއެވެ.

އޭގެ ތެރޭގައި، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރަޝިޔާއިން ނުފޫޒު ބޭނުންކުރި މައްސަލާގައި ކުށްވެރިވި ބޭފުޅަކާއި، 2007 ވަނަ އަހަރު ބަޣުދާދުގައި ހިނގި ގަތުލުއާމުގައި ޝާމިލްވެގެން ކުށްވެރިވި ކޮންޓްރެކްޓަރަކުވެސް ހިމެނެއެވެ.

އަދި ކެލިފޯނިއާގެ ރިބަޕަބްލިކަން ކުރީގެ މެމްބަރު ޑަންކަން ހަންޓަރއާއި، ނިއުޔޯކްގެ ކުރީގެ މެމްބަރު ކްރިސް ކޮލިންވެސް ހިމެނިވަޑައި ގަންނަވައެވެ. ހުކުމަށް ލުއިދެއްވި މީހުންގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ޓެކްސަސްގެ ކުރީގެ މެމްބަރު ސްޓީވް ސްޓޮކްމަންވެސް ހިމެނެއެވެ.

15 މީހަކަށް އަފޫއާންމު ދިނުމުގެ އިތުރުން، އެމެރިކާގެ ރައީސްވަނީ އިތުރު 5 މީހެއްގެ ހުކުމް ލުއިވެސް ކޮށްދެއްވާފައެވެ.

ވެރިކަމުން ވަކިވެވަޑައިގަންނަވާ ރައީސުން މިގޮތަށް މީހުންނަށް އަފޫއާންމު ދެއްވުމަކީ އެމެރިކާގައި އާކަމެއް ނޫންނެވެ.

އެހެން ނަމަވެސް ޓްރަމްޕްވަނީ، ޖަލުން މިނިވަން ކުރެއްވުމާއި، އަދަބު ލުއިކުރެއްވުމުގައި ގާތް އެކުވެރިންނާއި، ރަހްމަތްތެރިންނަށް އިސްކަން ދެއްވާފައެވެ.

ޓްރަމްޕް އެމީހުންނާމެދު ކަންތައްތައް ކުރެވިފައިވަނީ އިންސާފުން ނޫންކަމަށެވެ.

އަފޫއާންމު ދެއްވާ ލިސްޓުގައި ޓްރަމްޕް އާއިލާގެ ބޭފުޅުން ހިމެނޭ ކަމަށް މީޑިއާއިން ރިޕޯޓްކުރި ނަމަވެސް، ލިސްޓު ނެރުނުއިރު އެފަދަ ބޭފުޅެއްގެ ނަން ނެތެވެ. އަދި ޚުދު ޓްރަމްޕާއި، އޭނާގެ އިސް ގާނޫނީ ވަކީލު ރޫޑީގެ ނަންފުޅެއްވެސް ލިސްޓަކު ނެތެވެ.

ޓްރަމްޕް މިދިޔަ މަހުވެސްވަނީ ބަޔަކަށް މައާފް ދެއްވާފައެވެ. އޭގެ ތެރޭގައި، ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ ކުރީގެ މުޝީރު މައިކަލް ފްލިން ހިމެނިވަޑައި ގަންނަވައެވެ.