ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކަސްޓަމަށް 72.6 މިލިއަން ރުފިޔާގެ ސާމާނު އިއްޔެ ދީފިއެވެ. މިއީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރަން ޖަޕާނުން ދިން އެހީއެކެވެ. ޖަޕާނުން ދިން މިއެހީއާ ހަވާލުވުމަށް ކަސްޓަމްސްގައި ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ބޯޑަރު ބަލަހައްޓަން ބޭނުންކުރާ ސާމާނާއި ބައެއް ވެހިކަލްތައް ހިމެނޭ މިއެހީއާ ކަސްޓަމްގެ ފަރާތުން ހަވާލުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ.

ޖަޕާނުން ދިން ސާމާނުގެ ސަބަބުން ރާއްޖެ އެތެރެކުރުން އަދި ބޭރު ކުރުން މަނާ ތަކެތި އަތުލައިގަތުމަށް މިހާރަށް ވުރެ ފަސޭހަ ވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ކުއްލި ހާލަތުގައި މަސައްކަތް ކުރުމުގެ ކަސްޓަމްސް އޮފިސަރުންނަށް ފަސޭހަ ވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. ރާއްޖޭގެ ސަލާމަތީ އިދާރާތަކުގެ ގާބިލުކަން އިތުރު ކުރުމަށް ޖަޕާނަކީ އަބަދުވެސް އެހީތެރިވާ ގައުމެއްކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާންގެ އެމްބަސީން ބުނީ "ޖަޕާން އެއިޑް" އެހީތެރިކަމުގެ ސަބަބުން ބޯޑަރު ކޮންޓްރޯލް ކުރުމަށް އެ އިދާރާގެ ގާބިލުކަން ހަރުދަނާވާނެ ކަމަށެވެ. އަދި އާންމު ރައްކާތެރިކަމާ ދިމާލަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.