ޑރ. އަޙުމަދު ޒަކީގެ ސާވޭއަށްފަހު ޖުމްހޫރީޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ އުންމީދު ބޮޑު ކޮށްފިއެވެ.

އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީންނެވެ. އެހެން ބުނެފައިވަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 39.40 ޕަސެންޓު މީހެކެވެ.

ދެވަނައަށް އެންމެ ފުރުސަތު ބޮޑީ ޖޭޕީއަށް ކަމަށް ސާވޭއިން ވަނީ ދައްކައިގައެވެ. ޖޭޕީއަށް އިންތިޚާބު ކާމިޔާބުވާނޭ ކަމަށް ބުނެފައިވަނީ 33.90 ޕަސެންޓް މީހުންނެވެ.

ޕީޕީއެމަށް އިންތިޚާބު ކާމިޔާބު ވެދާނޭ ކަމަށް ބުނެފައިވަނީ 1.40 ޕަސެންޓު މީހުންނެވެ. އެމްއެންޕީން ވެރިކަން ހޯދާނޭ ކަމަށް ބުނެފައިވަނީ 0.90 ޕަސެންޓެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް ވެރިކަން ލިބިދާނޭ ކަމަށް ބުނެފައިވަނީ 8.30 ޕަސެންޓު މީހުންނެވެ.

މި ކަމާ ގުޅިގެން ގާސިމްގެ ސްޕެޝަލް އެޑުވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވީ މިނަތީޖާއަށްފަހު ޖޭޕީއާ ގުޅޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ޑރ ޒަކީގެ ސާވޭގެ ނަތީޖާއަށް ފަހު ރައްޔިތުންގެ ވިސްނުމާއި ފިކުރު އަންނަނީ ބޮޑުތަނުން ބަދަލުވަމުން އެސާވޭ ގިނަބަޔަގަބޫލުކުރޭ ! އެނަތީޖާއާއި އެކު ގިނަބަޔަކު އަންނަނީ ޖޭޕީއާއި ގުޅެމުން،" ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޖޭޕީން މިހާރު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާ ބައިއަތު ހިފައިގެން ވާދަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރައްވަމުންނެވެ.