ކަޅުވަކަރު މިސްކިތް ކުރިން ދިރާގެ ހުރި ބިމުގައި ބަހައްޓަނީ

0
ކަޅުވަކަރު މިސްކިތް

ނިމިދިޔަ ސަރުކާރުން ގދ. ތިނަދޫގައި ރޭވުމަށް ނިންމާފައިވާ ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.

ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު ހެޑު އޮފީސް ހުރި ބިމުގައި ކަމަށެވެ. އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބަޔާނުގައިވެ އެވެ.

Advertisement

އެ ބަޔާނުގައިވާ ގޮތުން މިސްކިތް އަލުން ރޭވުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ކެމިކަލް ފަރުވާ ދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި މިސްކިތް ބަހައްޓާ ބިމުގެ ކުރެހުންތައް ތައްޔާރުކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް ކުރެވެމުންދާކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ، ހެރިޓޭޖުން ވަނީ ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައި ހުރީ ސަލްޓަން ޕާކްގައި މިހާރު ވިންޓަ ޕާކް ހަދާފައި ހުރި ތަނުގަ އެވެ. އެތަނުން އެ މިސްކިތް ނެގީ ނިމިދިޔަ ސަރުކާރުން ސަލްޓަންޕާކް ތަރައްގީކުރުމަށެވެ.

Advertisements