އަބޫ ސައީދުލް ޚުދުރީ ވިދާޅުވެފައި ވެއެވެ. "އަހަރެންގެ އުމުރުން 13 އަހަރުގައި، އުހުދު ހަނގުރާމައިގައި ބައިވެރިކުރުވުމަށް އަހުރެންގެ ބައްޕަ އަހުރެން ގޮވައިގެން ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އަދި ބައްޕަ އަހަރެންނާ ބެހޭގޮތުން، ނަބިއްޔާގެ އަރިހުގައި ވާހަކަ ދެއްކަވަމުން ވިދާޅުވިއެވެ.

"އޭ الله ގެ ނަބިއްޔާއެވެ. އަހުރެންގެ ދަރިފުޅު ހަށިގަނޑު ވަނީ ރަނގަޅަށް ހެދިބޮޑުވެފައެވެ. އޭނާގެ ކަށިތައް ފުރިހަމަވެ ބާރުޖެހިފައެވެ. އެހެންކަމުން އޭނާ ހަނގުރާމައިގައި ބައިވެރި ކުރުމުގެ އިޒުނަ ދެއްވަފާނަންތޯއެވެ؟"

އެހިނދު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އަހަރެންނާ ދިމާއަށް ތަކުރާރުކޮށް ބައްލަވާލެއްވިއެވެ. އެހެންނަމަވެސް އެންމެ ފަހުވަގުތު، އަހަރެންގެ އުމުރުގެ ސަބަބުން އަހަރެން އަނބުރާ ގެޔަށް ފޮނުވާލެއްވިއެވެ. ނަމަވެސް އަހުރެންގެ ބައްޕަ ހަނގުރާމައިގައި ބައިވެރިވިއެވެ. އަދި ޝަހީދު ވިއެވެ. ބައްޕަ ޝަހީދު ވީއިރު، އަހަންނަށްޓަކައި ދިރިއުޅެން އެއްވެސް އެއްޗެއް ދޫކޮށްލާފައި ނުވެއެވެ. "އެހެންކަމުން ކޮންމެވެސްކަހަލަ އެހީތެރިކަމެއް ލިބޭތޯ އަހުރެން ނަބިއްޔާގެ އަރިހަށް ދިޔައީމެވެ. ފަހެ އަހުރެން ވާހަކަ ދެއްކުމަށްޓަކައި ބަހެއް ބުނެލުމުގެ ކުރިން އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ޢަބޫ ސަޢީދު އެވެ. الله ގެ ޙަޟްރަތުން ކެތްތެރިކަމަށް އެދޭ މީހަކަށް އެކަލާނގެ ކެތްތެރިކަން ދެއްވާނެއެވެ. އެކަލާނގެ ކިބައިން ފުއްސެވުމަށް އެދޭ މީހަކަށް ފުއްސަވާނެއެވެ. އަދި ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބިގަންނަން އެދޭ މީހަކަށް އެކަލާނގެ އެކަން ފަހިކޮށްދެއްވާނެކަން ޔަޤީނެވެ."

ފަހެ ނަބިއްޔާގެ މިބަސްފުޅުތައް އަޑު އިވުމުން އަހުރެން ގެޔަށް އެނބުރި ދިޔައީމެވެ. އަހުރެންގެ ދަތި ޙަލުގެ ވާހަކަ ނުދަންނަވަމެވެ. އެހީތެރިކަމަކަށް ނޭދެމެވެ.

ވިސްނާލަބަލާށެވެ. އެހާ ޅައުމުރުގައި އަބޫ ސަޢީދުގެ ކެތްތެރިކަން ބައްލަވާށެވެ. އުހުދުގައި އެކަލޭގެފާނުގެ ބައްޕަ ޝަހީދުވީއެވެ. އެކަލޭގެފާނު ޔަތީމުވީއިރު، އެކަލޭގެފާނުގެ ބައްޕަ އެކަލޭގެފާނަށްޓަކައި އެއްވެސް އެއްޗެއް ދޫކޮށްލާފައި ނުވެއެވެ. ހުރިހާ ގޮތަކުންވެސް އެހީތެރިކަން އެކަލޭގެފާނަށް ހައްޤުވެއެވެ. ނަމަވެސް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ މަދު ބަސްފުޅެއްގެ ސަބަބުން އެކަލޭގެފާނުގެ ތަކުލީފުގެ ވާހަކަތައް ނުދައްކަވައި ކެތްތެރިކަން އިސްކުރެއްވިއެވެ.

މިކަމުގެ ސަބަބުން، الله ތަޢާލާ އެކަލޭގެފާނުގެ ދަރަޖަ މަތިކުރެއްވިއެވެ. ބަރަކާތް ލެއްވެވިއެވެ. ޒުވާން ސަޙާބީންގެ ތެރޭގައި، އަބޫ ސަޢީދު ފަދަ ޢިލްމާއި އުނގެނުމުގެ ޤާބިލުކަން ލިބިފައިވާ މަދު ބޭކަލަކު ނޫނީ ނުވެއެވެ. ހަގީގަތުގައި ވެސް الله ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ ލޮބުވެތި ނަބިއްޔާ އަށްޓަކައި ޚިޔާރުކުރެއްވެވި ފަރާތްތަކަކީ އެ ޝަރަފު ހައްޤު ބޭކަލުންނެވެ. އެއީ ނަބީ ޞައްލަالله ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވާ ފަދައިންނެވެ. "الله ސުބުޙާނަހޫ ވަތަޢާލާ ވަނީ، އެހެން ހުރިހާ ފިރިހެނުންނަށްވުރެ ތިމަންކަލޭގެފާނުގެ ޞަޙާބީން މަތިވެރި ކުރައްވާފައެވެ."

ސްޓޯރީސް އޮފް ސަހާބާ