އެފްރިކާގެ ބައެއް ޤައުމުތަކަށް ކުރިމަތި ވެފައިވާ 'ހިދާޔާ' ޠުފާނުގެ ސަބަބުން ބައެއް ޤައުމުތަކަށް ލިބެމުން ދާ ގެއްލުން އިތުރުވާން ފަށައިފިއެވެ. އެ ގޮތުން ކެންޔާ އާއި، ޓެންޒޭނިޔާ އަށް މި ޠޫފާނުގެ ސަބަބުން ލިބެމުންދާ ގެއްލުން ވެސް ވަނީ ބޮޑުވާން ފަށާފައެވެ. މި ސަބަބާ ހުރެ ކެންޔާގެ ސަރުކާރުން ވަނީ އެ ޤައުމުގެ 178 ޑޭމާއި، 33 ފެން ރައްކާކުރާ ތަންތާނގެ ކައިރީގައި ދިރިއުޅޭ މީހުން އެހެން ދިމަދިމާ އަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.

މި ޠޫފާނުގައި ބޮޑަށް އަސަރު ކޮށްފައި ވަނީ އިރުމަތީ އެފްރިކާގެ ޤައުމުތަކަށެވެ. އެ ޤައުތަކުގެ ތެރޭގައި ކެންޔާ އާއި، ޓެންޒޭނިޔާ އަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑެވެ. ވަޔާއި، ވާރޭ ގެ މި ޠޫފާނުގައި އިރުމަތީ އެފްރިކާގެ ޤައުމުތަކުން މިހާތަނަށް 400 އެއްހާ މީހުން މަރުވެފައި ވެއެވެ. އަދި ހާހުން ގުނާ ލެވޭ ވަރަށް ގެދޮރު ދޫކޮށް ރައްކާތެރި އެހެން ތަންތަނަށް ދާން މަޖުބޫރު ވެފައި ވެއެވެ.

ކެންޔާ އިން ހާމަކޮށްފައި ވާ ގޮތުގައި އެ ޤައުމުގައި މާޗް މަހުން ފެށިގެން 210 މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ. އަދި 125 މީހުންނަށް އަނިޔާ ވެފައި ވެއެވެ. 90 މީހުން ގެއްލިފައި ވެއެވެ. 165500 (އެއް ލައްކަ ފަސްދޮޅަސް ފަސްހާސް ފަސްސަތޭކަ) މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމުގައި ކެންޔާގެ މޫސުމާ ބެހޭ އިދާރާ އާ ޙަވާލާ ދީ އަލްޖަޒީރާ ގައި ވެއެވެ.

ޓެންޒޭނިޔާ ގައި 155 މީހުން ނިޔާ ވެފައި ވާއިރު، ބުރުންޑީ އިން 29 މީހުން މަރުވެފައި ވެއެވެ. އަދި 175 މީހުންނަށް އަނިޔާ ވެފައި ވެއެވެ.