އިމާމް އަބޫ ޔޫސުފް އިބްރާހީމްގެ ބައްޕަ އެކަލޭގެފާނު ވަރަށް ތުއްޕުޅު އިރު އަވަހާރަވިއެވެ. ދެން އެކަލޭގެފާނުގެ މަންމަ، އެކަލޭގެފާނުގެ ދިރިއުޅުމާމެދު ކަންބޮޑުވެ، ހަދާނޭ ގޮތް ހުސްވިއެވެ. އެ ހިނދު ހެދުން ދޮންނަ މީހެއްގެ ވަޒީފާއަށް އެކަލޭގެފާނު ފޮނުއްވިއެވެ.

އިމާމް އަބޫ ޔޫސުފްގެ ހިތްޕުޅުގައި ތުއްޕުޅު އިރުވެސް، ޢިލްމު ޙާޞިލުކުރުމުގެ ވަރުގަދަ އެދުމެއް އޮތެވެ. އެހެންކަމުން ހެދުން ދޮވުމުގެ މަސައްކަތަށް ދިޔުމުގެ ބަދަލުގައި އެކަލޭގެފާނު ކުރެއްވި ކަމަކީ އިމާމް އަބޫ ހަނީފާގެ ދަރުސްތަކަށް ހާޒިރުވާން ފެށްޓެވީއެވެ. ފަހެ މިކަންތައް އެކަލޭގެފާނުގެ މަންމައަށް އެނގުނެވެ. އަދި ދަރުސްތަކަށް ހާޒިރުވުން ވަގުތުން މަނާކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ދުވަހަކު ދަރުސްތަކަށް ހާޒިރުނުވެ ހުންނެވިވެ.

ކޮންމެއަކަސް، ފަރުވާތެރިކަމާއި، ހިންމަތާ އެކު މަސައްކަތެއް ކުރާ ދަރިވަރުންނަށް، ކޮންމެ މުދައްރިސަކުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ފަދައިން، އަބޫ ޔޫސުފްގެ ކަންތައްވެސް އިމާމް އަބޫ ހަނީފާގެ ސަމާލުކަމަށް އައެވެ. އެހެންކަމުން އިމާމު އަބޫ ޔޫސުފް ގެންނަވައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. އަދި ވެގެން އުޅޭގޮތް އޮޅުން ފިލުއްވައި، ޖެހިގެން އަންނަ ދުވަހު ދަރުހަށް ހާޒިރުވުމަށް އެދިވަޑައިގެންނެވިއެވެ. ފަހެ އެދުވަހުގެ ފިލާވަޅު ނިމުން އަބޫހަނީފާ އިމާމު އަބޫ ޔޫސުފްއަށް ގޮވައިލެއްވިއެވެ. އަދި ކައިރިޔަށް ގެންނަވާފައި ސަތޭކަ ދިރުހަމް ހިމެނޭ ކޮތަޅެއް ދެއްވިއެވެ. ވިދާޅުވިއެވެ. "މިފައިސާ ތިބާގެ ބޭނުންތަކަށް ޚަރަދު ކުރާށެވެ. ހުސްވާން ކައިރިވުމުން އަހުރެން ގާތުގައި ބުނާށެވެ." އިމާމު އަބޫ ޔޫސުފް ވިދާޅުވެފައިވެއެވެ. އިމާމް އަބޫ ހަނީފާ ދުވަހަކުވެސް އަހަންނަށް އެކަލޭގެފާނު އަރިހުގައި ފައިސާ ހުސްވެއްޖެއޭ ބުނުމުގެ ފުރުޞަތެއް ނުދެއްވައެވެ. އަބަދުވެސް ހުސްވުމުގެ ކުރިން އެހެން ފައިސާ ކޮތަޅެއް ދެއްވައެވެ.

ކޮންމެއަކަސް މިއޯގާތެރި އެހީއަކީ އަބަދަށް ދެމިގެން ދާނެ ކަމަކަށް ނުވާނެތީ، އިމާމް އަބޫ ޔޫސުފްގެ މަންމައަށް، އެކަލޭގެފާނު ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދާނެ އެހެން ކޮންމެވެސް ވަސީލަތެއް ހޯދަން ޖެހޭނެ ކަމަށް ވިސްނުނެވެ. އެހެންކަމުން އިމާމް އަބޫ ހަނީފާގެ އަރިހަށް ދިޔައެވެ. "އަހުރެންގެ ދަރިފުޅަކީ ޔަތީމު ކުއްޖެކެވެ. އަހަރެން އެދެނީ އޭނާއަށް ދިރިއުޅުމެއް ހޯދައިދެވޭނެ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދިނުމަށެވެ. އެހެންކަމުން ކަލޭގެފާނުގެ ފިލާވަޅުތަކަށް ހާޒިރުވުން މަނާކުރައްވާށެވެ."

އިމާމް އަބޫ ހަނީފާ ޖަވާބު ދެއްވިއެވެ. "ކަމަނާއެވެ. ކަންބޮޑު ނުވާށެވެ. މިތަނުގައި އަހަރެން އޭނާއަށް ދަސްކޮށް މިދެނީ ބަޓަރާއި ޕިސްޓާޗިއޯ އާއި އެއްކޮށްގެން ކިރު ބޯށެވެ."

ކޮންމެއަކަސް އަބޫ ޔޫސުފްގެ މަންމަ މިކަން ސަމާސާއެއްކަމަށް ބަލާފައި އެނބުރި ހިނގައްޖެއެވެ. އިމާމު އަބޫ ޔޫސުފް ވިދާޅުވެފައި ވެއެވެ. "ކޮންމެއަކަސް މާތްالله ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން، އަހުރެން އިމާމު އަބޫ ޙަނީފާގެ އަރިހުން އުނގެނުނު ޢިލްމުގެ ސަބަބުން އަހުރެން ޝަރަފްވެރި ކުރެއްވިއެވެ. އަދި އިސް ޤާޟީ ކަމަށް އަހުރެން އައްޔަން ކުރެވުނެވެ. އެކަމުގެ ސަބަބުން އަހުރެން ވަރަށް ގިނައިން ޚަލީފާ ހާރޫން ރަޝީދާއެކު އެއް ސުފުރާއެއްގައި ކައިބޮއި ހަދަމެވެ. އެއްދުވަހަކު އަހަރެމެން ކާން އިށީނދެގެން ތިއްބާ ޚަލީފާ އަހަރެންނާ ދިމާއަށް ތަށްޓެއް ދިއްކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. "އަބޫ ޔޫސުފެވެ. މިއީ އަހަރެމެން ބައެއް ފަހަރު ތައްޔާރުކުރާ ޚާއްސަ ބުއިމެކެވެ. މިއީ ބަޓަރާއި ޕިސްޓާޗިއޯ އާއި ކިރާއި އެއްކޮށްގެން ތައްޔާރު ކުރާ ބުއިމެކެވެ." ފަހެ ޚަލީފާ މިހެން ވިދާޅުވުމުން އަހަރެން ވަރަށް ހައިރާންވެފައި ހޭން ފެށީމެވެ. ދެން އެކަލޭގެފާނު އަހުރެން ކުރެން އެއްސެވިއެވެ. "ކަލޭގެފާނު ތިޔަ ހެނީ ކޮންކަމާތޯއެވެ.؟” އެހިނދު އަހުރެން ކުޑައިރުގެ ވާހަކަތައް ކިޔައި ދިނުމަށްފަހު، އަބޫ ޙަނީފާ ވިދާޅުވި ބަސްތައް ކިޔައި ދެއްވީމެވެ. ދެން ޚަލީފާ ހައިރާންވެވަޑައިގެންފައި ފަހަތަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "الله ތަޢާލާ އިމާމް އަބޫ ހަނީފާ އަށް ރަޙުމަތް ލައްވާށިއެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ސިކުނޑީގެ "ލޮލުން" އެހެން މީހުންނަށް ފޮރުވިފައިވާ ކަންތައް ފެނިވަޑައިގަންވާ ބޭކަލެކެވެ.

މަސްދަރު: ތާރީޚް ބަޣްދާދު / ހަންޑުރެޑް ސްޓޯރީސް އޮފް އިމާމް އަބޫ ޙަނީފާ