މިއަދަކީ 1444ވަނައަހަރުގެ ރަމަޟާން މަހުގެ މަހުގެ ފަހު ރޯދަ ކަމަށާއި މާދަމާއަކީ ފިތުރު އީދު ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދުގެ އިރުއޮއްސޭ ވަގުތު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އަދި އިސްލާމީ ހުރިހާ ގައުމަކަށްވެސް 1444 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި މިއަދު އިރު އޮއްސުމަށްފަހުގައި، ބައެއް އިސްލާމީ ގައުމުތަކަށް 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

''ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމަ، މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވާ ހުކުރު ދުވަހަކީ 1444 ވަނަ އަހަރުގެ ފިތުރު އީދުކަމުގައި ކަނޑައަޅައިފީމެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ފިތުރު ޢީދު1444' ނަމާދު ބޮޑު ޖަމާޢަތުގައި ކުރާ ސަރަހައްދުތައް

މާދަމާ ހެނދުނު މޫސުން ތަންދޭ ނަމަ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުންވެސް މާދަމާއަކީ ފިތުރު އީދު ދުވަސްކަން ވަނީ އިއުލާނުކޮށްފައެވެ.

ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހަށް ވުމާއެކު އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު އަދި އާދިއްތަ ދުވަސް ވެސް ރަސްމީކޮށް ބަންދުވާނެ އެވެ.