އެކަކު އަނެކަކުގެ ހައްގުތައް އަދާ ކުރުމަށް ފުރަތަމަ އިސްކުރަންވީ މައިންބަފައިންކަމަށް ފިތުރު އީދުގެ ހުތުބާގައި މިއަދު ގޮވާލައިފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ކުރެވުނު އީދު ނަމާދުގެ ހުތުބާގައި، އީދު ނަމާދަށް އެންމެން އެއްވެ ތިބުން، އެބައެއްގެ މެދުގައި އޮތް އެއްބައިވަންތަކަން އަންގައިދޭ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި އެންމެ ފުރަތަމަވެސް ގޮވާލާފައިވަނީ އެންމެން އެކުވެރިވެ، ހިތްތައް ސާފުކޮށް އެކަކު އަނެކާގެ ހައްގުތައް އަދާކުރުމަށެވެ. އެގޮތުން ފުރަތަމަ އިސްކުރާންވީ މައިންބަފައިންކަމަށާއި އެމީހުން ހިތުގައި ނުޖެއްސުމަށް ހުތުބާގައި ވަނީ ބުނެފައެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.، މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ފޯރުވާ، ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އީދުގެ ދުވަހު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވުމަށްވެސް އީދު ހުތުބާގައި ގޮވާލާފައިވެއެވެ

ހުތުބާގައި ބުނި ގޮތުގައި ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމް ދީނާއި އެކުވެރިކަމާއި މިނިވަންކަމާއި އިސްތިގުލާލެވެ. އެހެންކަމުން އަންނަން އޮތް ޖީލަށް އެ މަތިވެރި އަގީދާ ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކުން ވެސް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރިއެވެ.

''މި ލޮބުވެތި ވަތަން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދީގެންނެވެ.'' ހުތުބާގައި ބުނެފަވެއެވެ.

އިސްލާމީ އީދުތަކުގެ އުފަލުގައި އެންމެން ވެސް ބައިވެރި ކުރުވަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. މިއީ ހަމައެކަނި މުއްސަނދިން އުފާފާޅު ކުރަން ޖެހޭ ދުވަހެއް ނޫންކަމަށްވެސް ބުންޏެވެ. އަދިވެސް ހުތުބާގައި ބުނީ ފަގީރުންނާއި މިސްކީނުންނަށް މުއްސަނދިން ހެޔޮފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިފަދަ ބަރަކާތްތެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ފިޠުރު ޢީދުގެ ބަރަކާތްތެރި ޖަމާޢަތަށް މުސްލިމުން އެއްތަން ކުރުވީ މާތް ވެގެންވާ އިސްލާމް ދީންކަމަށް ބުންޏެވެ. އެހެންކަމުން އަޅުގަނޑުމެން އިސްލާމް ދީނާއި ދީނުގެ އަގީދާއަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

މިއަދު ފާހަގަކުރަމުންދާ ފިޠުރު ޢީދުގެ ހުތުބާގައި ބުނެފައި ވަނީ ބަޔަކަށް ލިބިދޭނެ އެންމެ ބޮޑު ނިއުމަތަކީ ވަތަންގެ އަމާންކަމުގެ ނިއުމަތް ކަމަށެވެ. އަދި މި އަމާނތް ހިމާޔަތް ކުރުމަށް ގައުމުގެ ހުރިހާ ދަރިން ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.