އައްސަލާމް އަލައިކުމް. ވާހަކަ ކިޔާ ކުދިންނަށް ފިޠުރު ޢީދުގެ ތަހުނިޔާއާއި މުބާރަކް ފޮނުވަން! ރޯދަ މަސްވެސް ނިމުނީ، އެހެން ވިޔަސް އަދި ޝައްވާލުމަހުގައި 6 ރޯދައެއް ހިފަން ވާނެ. އެވާހަކަ މަމްދުބެ އެހެންދުވަހަކުން ބުނެދޭނަން އިނގޭ. ރޯދަމަސް ނިމުނަސް މަމްދުބެ ތިކުދިންނަށް ހަފުތާބަންދުގައި ހަދިޔާ ގެނެސްދޭނެ ވާހަކަވެސް ބުނެލަން، ބައެއް ދުވަހު މައުލޫމާތު ކިޔައިދިނުން، އަނެއްބައި ދުވަހު ވާހަކަ ގެނެސްދޭން އަންނާނަން އިންޝާﷲ.

ހިނގަމާ މިއަދުގެ ވާހަކައަށް ބަލާލަން. މިއަދުވެސް މި އޮތީ ވަރަށްވެސް މުހިންމު ކަމަކާ ބެހޭގޮތުން ކިޔައިދިނުން.

ތި ކުދިން ދިރިއުޅޭ ގެ ނުވަތަ އެޕާންޓުމެންޓު ހުންނަނީ ސިމެންތިން ރާނާ ރީތިކޮށް ޓިނުން ހިޔާކޮށްފައި އެހެންނު. ކޮންމެ ކުއްޖެއްގެ ގޭގައިވެސް އިލްކްޓްރޯނިކް ސާމާނު ކޮންމެވެސް އެއް ވަރަކަށް ބޭނުން ކުރާނެ. އެކަމަކު ތިކުދިންނަށް އެނގޭތަ އިހުޒަމާނުގައި ދިވެހިން އުޅުނީ ކޮންކަހަލަ ގެދޮރެއްގެ ކަމެއް؟ މި އުޅެނީ އެވާހަކަ ކިޔައިދޭން އިނގޭ!

ކުރީގައި ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މީހުން ދިރިއުޅުނީ ފަން ޖިފުޓިތަކުގައެވެ. އެއީ ކޮން އެއްޗެއްކަން އެނގޭތަ؟ އިނގިރޭސިބަހުން ޖިފުޓިއަށް ކިޔާނީ "ހަޓް"، އެއީ ރުކުގެ ފަނުން ހަދާފައި ހުންނަ ގެތަކެވެ. އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުމަށް ބިނާ ކުރެވިފައި ހުންނަ ގެދޮރަކީ ވަރަށް ހިތްގައިމު އަމާންކަމެއް ދައްކުވައިދޭ ގޮތައް ހުންނަ ތަނެކެވެ. އެހެންނަމަވެސް މިފަދަ ގެދޮރުތައް ބިނާކޮށްފައި ހުންނަނީ ވަރަށްވެސް ބުރަ ގަދަފަދަ މަސައްކަތުންނެވެ.

ރުކުގެ ފަންވިދެ އެއިން ހަދާފައި ހުންނަ ކުޑަ ގެ ތަކަކީ އޭރުގައި ދިވެހިންނަށް ދިރިއުޅުމުގައި ފުރަތަމަ އުޅެންފެށި ގެތަކެވެ. އެ ޖިފުޓިތައް ހަދާފައި ހުންނަގޮތުން ވާރޭވެހުނަސް ޖިފުޓީގެ ތެރެއަށް ފެން ނުފައިބާނެއެވެ. ކަރަންޓު ނެތަސް ފުޅިބައްތި ބޭނުން ކުރިއެވެ. އެއީ ކުދި ބިއްލޫރި ފުޅިތަކަށް ފީތާލާފައި ހުޅުރޯކޮށްފަ ހުންނަ ފުޅިބައްތިއެވެ. އެޒަމާނުގައި ކޮންމެ ދުވަހަކު ހަވީރުގެ ވަގުތު ނިމެން ގާތްވެ އިރުއޮއްސެންވާ އިރަށް ގޭގޭގައި އުޅޭ އެއްވަރުގެ ކުދިން ފުޅިބައްތިތައް ފޮހެ ސާފުކޮށް އެއަށް ފީތާ ހެޔޮވަރުކޮށް ތެޔޮ އަޅަން ބޮޑެތި މީހުންގެ އަތަށް ގެންގޮސް ދޭނެއެވެ. މިއީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް ކަމަށް އޭރުގެ މިދިރިއުޅުންތަކުގައި އުޅުނު މީހުން ކިޔައިދެއެވެ. ފުޅިބައްތިން ލިބޭނީ އޮރެންޖްރީދޫ ފާޑެއްގެ އައްޔެކެވެ.

ދެން ހުންނާނީ ބޮޑެތި ކަންތައްތަކަށް، ގޭގޭގައި ބާއްވާ ކެއުންތަކަށް ނޫނީ ގޭގެ އެތެރެގޭތެރެއަށް ބޭނުން ކުރާ ފާނޫޒު ކިޔާ ތަންކޮޅެއް ބޮޑު ރީތިީ ބައްތިއެކެވެ. މިއަށްވެސް ސާފުތެޔޮ(ކަރާސީނު(ކެރޮސިންއޮއިލް) އަޅާފައި ފީތާ ލާފައި ހުންނަ ފާނޫޒު ދިއްލާފައި ހުންނާނެއެވެ. އަދިވެސް ހުންނާނެ ވަރަށް ބޮޑު ބައްތިއެއް؟ އެއީ ކޮންއެއްޗެއްކަން ތިކުދިންނަށް އެނގޭތަ؟ އެއަށް ކިޔާނީ ބިގަރު. ބިގަރަކީ އަލިފާން ރޯކޮށްގެން ދިއްލާފައި ހުންނަ ބޮޑު ބައްތިއެވެ. އާންމުކޮށް ބިގަރު ބޭނުން ކުރާނީ ރޭގަނޑު މޫދު ފަރުމަތިން އިހިނަގަން ނުވަތަ ކަނޑުމަތީގައި އުޅޭއިރު އަލިކުރުމުގެ ގޮތުންނެވެ. ނުވަތަ ރަށުތެރޭގައި ބޮޑުކަމެއް ވެގެން އުޅޭއިރުގައެވެ.

އެޒަމާނުގައި ޓޯޗު ލައިޓަކީ ހުންނަ އެއްޗެއް ނޫނެވެ. ގެތަކުގެ ބިންމަތީގައި ހުންނާނީ މޫދު ދޮންވެލިން އަތުރާފައެވެ. ނުވަތަ ކަށިވެލި ވެސް ލައިފައެވެ. ކަށިވެއްޔަކީ މޫދުން ނެގޭ ވެލިތަކުގެ ކޮންމެވެސް ވަރަކަށް ރާޅުކޮށް ހުންނަ ކުދިކުދި ގަލެކެވެ. މީހުންގެ ގޯތިރެތެއަށް މިގޮތައް ދޮންވެލި ނުވަތަ ކަށިވެލި ފަތުރާފައި ހުންނަ އިރުގައި ވަރަށް ރީތިވާނެއެވެ. އެހެނަސް ބަދަލުތަކެއް އައިސް ސިމެންތިން ތަންޅުންގަނޑު ރާނައި އަދި ދޫލައަޅައި، ތަރުފާލަށް ވެސް ބަދަލުވިއެވެ. ތަރުފާލަކީ އެކި ރީތި ފަރުމާތަކުގައި ހުންނަ ރަބަރު ބޮޑު ދޫލައެވެ.

މި ތަރުފާލު އުވިގެން ދެން އައި ބަދަލަކީ މިޒަމާނުގެ ޓައިލްސަށެވެ. ފަންޖިފުޓީގައި ނިދާ އެނދަކަށް ހުންނާނީ ރޯނުދެމި އެނދެވެ. އެއީ އޮޅުއަށި ކިޔާ އެނދެވެ. މަދިރި ހަފާނެތީވެ އެނދުގެ ވަށައިގެން ދަމާފައި ހުންނާނީ މަދިރިގެ ކިޔާ ފޮތިސަނދުވާ ދަމައިފައެވެ. މި ޖިފުޓިތަކުގައި ކުދި އުނދޯއްޔާއި، ޖޯލިފަތިވެސް އިށީނުމަށް ބަހައްޓާފައި ހުންނާނެއެވެ.

ޒަމާން ބަދަލުވަމުން މި ކުދިކުދި ގެތަކަށް ބޮޑެތި ގިނަ ބަދަލުތަކެއް އައެވެ. މި ޖިފުޓިތަކުގެ ފާރުތައް ހިރިގަލުން ރާނާފައި ތަފާތުވެގެން ދިޔުން، ޖިފުޓިތަކުގެ ފުރާޅުތަކަށް ހުރި ފަނުގެ ބަދަލުގައި ދަނގަޑު ޓިނުތަކަށް ބަދަލުވުމެވެ. ހިރިގަލަކީ މޫދުން ނަގާ ގަލެވެ. މިގާތައް ނަގައި ހިއްކަން ބަހައްޓާނެއެވެ. ގިނަ ދުވަސް ތަކެއްވަންދެން ގާފުނިތައް ބެހެޓުމަށްފަހު ގާތަޅައި އެކި ސައިޒުތަކަށް ބައްޓަން ކުރާނެއެވެ. ގިނަގޭގެތަކުގައި ހުންނާނީ މިފަދަ ކުދި ގަލުން ރާނާފައި ހުންނަ ތިރި ފާރުތަކެވެ.

އެދުވަސްވަރު އެއީ ކަރަންޓު ލިބެން ހުންނަ ޒަމާނެއް ނޫނެވެ. އެހެންވެއްޖެޔާ ހާދަ ހޫނެއްވާނޭ ދޯ؟ އޭސީއެއް، ފްރިޖެއް ޓީވީއެއް އެކަށްޗެއްވެސް ނުހުންނާނެ ދޯ؟ އެކަމަކު އޭރުގައި ކަރަންޓު ނެތަސް ރަށުގައި ހެދިފައި ހުންނަ އެކި ބައިވަރު ބިޔަގަސްތަކުގެ ހިޔަލަކީ ހުރިހާ އެންމެނަށް ލިބޭ ފިނިކަމެވެ. އެޒަމާނުގައި ފާޚާނާ ކުރުމަށް މީހުން ދިޔައީ އަތިރިމައްޗްށެވެ. އަދި ގިފިލީގައި ފާޚާނާ ކުރުމަށް ވަޅުޖެހިއެވެ. އެއީ އޭރުގައި ދިވެހިންގެ ދިރިއުޅުން ބިނާވެފަ އޮތް ގޮތެވެ. ހުރިހާ އާއިލާގެ މީހުން ހަމަޖެހިލައިގެން ކުދިން ގޮވައިގެން ވާހަކަ ދައްކާ ބައްދަލުވުން ބާއްވާނީ ބޮޑެތި ގަސްތަކުގެ ހިޔަލުގައެވެ.

ކިހާ ހިތް ފަސޭހަވެފަ ހިތްގާމުވާނެ ދޯ. އެފަދަ ދިރި އުޅުމަކީ ވަރަށް (ނެޗުރަލް ލައިފްސްޓައިލް) ނުވަތަ ޤުދުރަތީ ހަގީގީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. ވާނެއެވެ.

ޒަމާންތައް ބަދަލުވަމުން މިއަދުގެ ދުނިޔޭގައި މީހުން އުޅޭ ގެތައް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބޮޑެތި އިމާރާތް ތަކާ އެންމެ ފަހުގެ ޓެކްނޮލޮޖީއިން މުޅި ދިރިއުޅުން ބަދަލުވެފައެވެ. މިއަދުގެ މި ބުނެދިން މައުލޫމާތާމެދު ތިކުދިން ހިތްހަމަޖެހޭނެކަމަށް. ތި ކުދިނަން އިބްރަތްތެރި ފައިދާ ހުރި މައުލޫމާތުތަކެއް ލިބުނު ކަމަށް މަމްދުބޭ އުންމީދުކުރަމެވެ. ކޮންކުއްޖެއް ފަންޖިފުޓި ގެއެއްގަ ދިރިއުޅުލަން ބޭނުންވަނީ؟ އެއީވެސް އާ ތަޖުރިބާއަކަށް ވެފައި އުފާވެރި ހަނދާނަކަށް ވާނެއެވެ!