ފެނަކަ ކޯޕަރޭޝަނުން އިއްޔެ ހަދިޔާ ކުރި 20 ޓަނުގެ ފެން ލިބުމަށްފަހު، ގދ. ހޯނޑެއްދޫއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް މިވަގުތަށް ހައްލު ލިބިފައިވާ ކަމަށް ހޯނޑެއްދޫ ކައުންސިލުން ބުނެފިއެވެ.

މިއަހަރުގެ މާޗް މަހުން ފެށިގެން ގދ ހޯނޑެއްދޫއަށް ބޯފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، އެރަށުގެ ރައްޔިތުން ފެނަށް ޖެހިގެން އާންމުންގެ އެހީއަށްވެސް ފުރުސަތު ހުޅުވާލެވުނެވެ. "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބުދެއްވަމުން ހޯނޑެއްދޫ ކައުންސިލް ރައީސް ހުސައިން ވާރިޝް ވިދާޅުވި ގޮތުގައި އިއްޔެ ފެނަކައިން ހަދިޔާކުރި 20ޓަނުގެ ފެނާއެކު ފެނަށް ޖެހުނު މައްސަލަ މިވަގުތު ހައްލުވެފައިވާކަމަށެވެ.

ފެން ހަދިޔާ ކުރަން ހުޅުވާލުމުން ހެޔޮ އެދޭ ފަރާތްތަކުން ފެން ހަދިޔާ ކޮށްފައި ވިޔަސް ހޯނޑެއްދޫއާ ހަމައަށް ގެންދިއުމުގައި ދަތިތަކެއް ހުރުމުން ނުގެނެވިފައިވާ ކަމަށްވެެސް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެ ފެންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.