މިއަހަރު ފިޠުރުޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވަނީ ނުވަ މިލިޔަން ރުފިޔާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ ފައިސާ މިހާރުވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް އިއްޔެ ޖަމާކޮށްފައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެ ނުވަ މިލިއަން ރުފިޔާއަކީ މިއަހަރުގެ ރަމަޟާން މަހު ނަވާވީސް ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުނީ ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި އެވެ. އެ ފައިިސާ މިހާރުވަނީ ފަޤީރުންގެ އެކައުންޓު ތަކަށް ޖަމާކޮށްފައެވެ.

އެ މުއްދަތުގައި ޒަކާތް ދައްކާފައިވަނީ އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަސް މީހެކެވެ.

ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަ މީހުންގެ ތެރެއިން، މާލެ ސިޓީން އެއްހާސް ހަތްސަތޭކަ ތިރީސް ހަ މީހަކަށް ތިންހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވެއެވެ. ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް ކިލޯއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރީލް 2023ގެ ނިޔަލަށް ވަނީ ބަހާ ނިންމާފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.