މަމްދޫޙު އިބްރާހީމްގެ "ޕަރީފެންގަނޑު" (ސާދަވަނަ ބައި/19އޭޕްރީލް2023ގެ އަދަދާގުޅޭ)
މިފަހަރު ތުއްތުސީދީ ކައިވެނި ކުރީ އެރަށު އަންހެނަކާ ނޫނެވެ. އެއީ އެހެން ރަށެއްގެ އަންހެނެކެވެ. ދަތުރުވަރިއެއްގައި އެރަށަށް ޢީދު ޗުއްޓީގައި އައިބައެއްގެ ތެރެއިން ދިމާވި އަންހެނެކެވެ. މި އަންހެން މީހާ އަކީ އޭނާގެ އަމިއްލަ އުފަން ރަށުގައިވެސް އެދުވަސް ވަރަށް ބަލައިލާ އިރުގައި މުއްސަނދި އަންހެނެކެވެ. އޭނާ ގެ އަމިއްލަ ގޯއްޗާއި ދަނޑުބިން އޮވެއެވެ. މި އަންހެން މީހާގެ ނަމަކީ އަޒީޒާއެވެ. ތުއްތުސީދީ އާ އަޅާބަލާއިރު އޭނާ އަށްވުރެ އުމުރުގެ ގޮތުން މާ ދޮށީ އަންހެނެކެވެ.
އެހެނަސް އަދި ކައިވެންޏެއް ނުކޮށް އިއްފަތްތެރިކަން މަތީ އިން ވަރަށް ރީތި އަންހެނެކެވެ. މި އަޒީޒާ އަކީ އޭނާގެ އަމިއްލަ ޒީނަތްތެރިކަމަށް ވަރަށް ބޮޑަށް ލޯބި ކުރާ އަންހެނެކެވެ. އަބަދުވެސް އަޒީޒާ އިންނާނީ ކަސަބު އެޅި ލިބާސް ލައި ރަން ފައްޓަރުބައި އަޅައި ވަރަށް ނަލަ ހެދިގެންނެވެ. އަޒީޒާ ގެ ރާޅުބާނި ދިގު އިސްތަށި ގަނޑު އަބަދުވެސް އޮންނަނީ ކާށިތެޔޮ ލައި ފުނާއަޅައި ބޮޑު ހުޅީގައި ރުމާފަޅި ޖަހައިފައެވެ. އަދި އޭނާ ގެ ދެ އަތުގައްޔާއި ފައިގާ ހުންނާނީ ރަން އުޅާއްޔާއި ކެވެލިފަތި އަޅާފައިއެވެ. އޭނާ ދެ އަތުގެ އިނގިލި ތަކުގައިވެސް ބައިވަރު ރަން އަނގޮޓި އަޅައިފައި ހުރޭއެވެ. އަޒީޒާ ގެ އަމިއްލަ ރަށުގައި އޭނާގެ ނަން މަޝްހޫރު ވެފައި ވަނީ ރީތި އަޒީޒާގެ ނަމުންނެވެ.
ޢީދު ޗުއްޓީއެއްގައި އަޒީޒާ ވެސް ތުއްތުސީދީގެ ރަށަށް އައިސް އުޅުނީ އޭނާ ގެ އަމިއްލަ ވިޔަފާރި އެއް ކަމުގައިވާ ކަސަބު އެޅި ދިވެހި ލިބާސް ވިއްކަން އައިހެވެ. ތުއްތުސީދީ އާއި އަޒީޒާ އާ ދިމާވެ އެދެފަރާތުގެ މެދުގައި ވަރަށް ގާތް ގުޅުމެއް ބަދަހިވިއެވެ. ތުއްތުސީދީ ގެ ހިތުގެ އަޒުމަކީ އޭނާ ގެ ހަމަ އެކަނި ހުރި ނުކުޅެދޭ ދަރިފުޅަށް މަންމަ އެއްގެ ފުރިހަމަ އޯގާތެރިކަމުގެ ލޯބި ހޯދައި ދިނުމެވެ. ތުއްތުސީދީ އަޒީޒާ ކުރެން ކައިވެންޏަށް އެދުމުން އަޒީޒާ ވަގުތުން އެއްވެސް އުޒުރު ވެރިކަމެއް ނެތި އެކަވެންޏަށް ރުހި ޤަބޫލުވިއެވެ.
މި ކައިވެންޏަކީ އަޒީޒާގެ އަލަތު ކަނިވެނި ކަމުގައިވީ ނަމަވެސް މިއީ ތުއްތުސީދީގެ ދެވަނަ ކައިވެންޏެވެ. ނަމަވެސް އެދެމަފިރިނަށް މިކައިވެންޏަށް ދަރިއަކު ނުލިބެއެވެ. އަޒީޒާއަކީ ވަރަށް ހީވާގި މުރާލި ގެވެހި އަންހެނެއް ވެސް މެއެވެ. ތުއްތުސީދީ ގެ ކާބަފައިން ގެ ތެރެއިން ވާރުތަވެ އައިސްފައި ހުރި ގުޅިޔާ ސިހުރު ފޮތް އޮންނަ ކަމަކީ މިއީ އަޒީޒާ އަށް އެނގޭ ކަމެއް ނޫނެވެ. ތުއްތުސީދީ އެ ތަކެތި ފޮރުވައި ރައްކާ ކޮއްފައި ހުންނަނީ އެއްވެސް ބަޔަކަށް ނޭނގޭ ގޮތަށް އެ ގޭގައި ފޮރުވިފައި ހުންނަ ސިއްރު ކޮޓަރިއެއްގައެވެ.
މި ކޮޓަރި އަކީ އެގޭގައި ހުންނަތަނެއް ކަމެއް އަޒީޒާ އަކަށް އެއީ އެއްގޮތަކަށް ވެސް އެނގޭކަމެއް ނޫނެވެ. އެނގޭގައި ސިއްރުވެރި އެއްޗެހިތަކެއް ފޮރުވައި ރައްކާ ކޮށްފައި ހުރިކަމެއް ވެސް އެއީ އޭނާ ދެނަހުރި ކަމެއްނޫނެވެ. އަޒީޒާ ކިތަންމެ އުފަލުގައި ތުއްތުސީދީ އާއި އެކު ދިރިއުޅު ނަސް އޭނާ ޔާސިރުދެކެ އެއްވެސް ލޯތްބެއް ނުވެއެވެ. އެއްދުވަހެއްގެ މެންދުރު ފަހު އަޒީޒާ އިނީ ކަސަބު ގަތާށެވެ. އެވަގު ތުއްތުސީދީ ގެއަކު ނޫޅެއެވެ. ކަސަބު ގަތަން އިނދެފައި އަޒީޒާގެ ހިތަށް އެއްޗެއް އެރިއެވެ. އޭނާގެ ހިތަށް އެރި މިކަންތަކުގެ ވާހަކަ ތުއްތުސީދީ ގާތުގައި ބުނަން ނިންމިއެވެ.
އަޒީޒާ މިއަދު މެންދުރަށް ކައްކާ ކާން ތައްޔާރު ކުރީ އެހެނިހެން ދުވަސް ތަކަށް ވުރެ މާ ރަނގަޅަށެވެ. ބަދިގެ މޭޒުމަތީގެ ސުފުރާމަތި ވަނީ އެކިވައްތަރު ކަނާގެ ބާވަތް ތަކުން ތައްޔާރުކޮށް ބޮޑު ޖާފަތެއްހަދައި ފަޅުފިލުވާލައިފައެވެ. ކާ މޭޒުމަތި ފެންނަ އިރުގައި ހީވަނީ ބޮޑު މާލޫދަކަށް ބޮޑު ކެއްކުން ކައްކައިފައި ހުރިހެންނެވެ. އަދި ކާއެއްޗެހީގައި ކާގޮށި އަޅައި ނިންމައި ހަދައިފިއެވެ. އޭގެ ފަހުން އަޒީޒާ ދިޔައީ ފެންވަރަން ވަޅުދޮށަށެވެ. ފެންވަރައި ނިމި ނަލަ ހެދިލައި ޒީނަތްތެރި ވެއްޖެއެވެ. އަޒީޒާ ބޭނުންވީ ތުއްތުސީދީ ގެއަށް އައުމުން ޔާސިރުއާ ބެހޭގޮތުން ވާހަކައެއް ދައްކާށެވެ.
އެދުވަހު މެންދުރު އަޒީޒާ އޭނާގެ ފިރިމީހާއަށް ކާންހަދާފައި، ތުއްތުސީދީ ގެއަށް އަންނާނެ ވަގުތަކަށް އިނީ އިންތިޒާރު ކޮށްކޮށެވެ. ތުއްތުސީދީ ގެއަށް އައުމުން އެ ދެމަފިރިން ވަރަށް އުފާވެ ތިބެ ކާންފެށިއެވެ. ތުއްތުސީދީ ކާން އިނދެފައި އަޒީޒާކުރެން ޔާސިރު ކައިފިތޯ އެހުމުން އޭނާ ބުނީ އާއެކެވެ. އެކަމަކު އެއީ އަޒީޒާ ހެދި ދޮގެކެވެ. ކައި ނިންމައިލައިގެން އަޒީޒާ ބޭރު ޖޯއްޔަށް ނިކުތީ ގުޑުގުޑާއާއި ފޯއްތަބައް ހިފައިގެންނެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ އަޒީޒާ ގޯތިތެރޭގައި ހުރިޖޯލިފަތި ކައިރިއަށް އަތުވެއްޖެއެވެ. އެތާނގައި ހުރި މޭޒުދޮށަށް އައިސް ފޯއްތަބައް ބަހައްޓައި ބިންމަތީގައި ގުޑުގުޑާ ބެހެއްޓިއެވެ. އަޒީޒާ ހިނިތުންވެ އިނދެ ތުއްތުސީދީ ގާތުގައި ޔާސިރާ ބެހޭގޮތުން ވާހަކައެއް ދައްކަން ފެށިއެވެ.
އެކުއްޖާ އަކީ ނުކުޅެދޭ ކުއްޖަކަށް ވެފައި އޭނާ ގުރައިދޫ ކަހަލަ ތަނަކަށް ފޮނުވާލަން ބޭނުންވި ވާހަކަ އަޒީޒާ ތުއްތުސީދީ ގާތު ބުންޏެވެ. މިއަޑު އިވިފައި ގަދަޔަށް ދުފައި ގުޑުގުޑާ ބޯން އިން ތުއްތުސީދީ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. ތިޔަކަމަކާ ދުވަހަކު ވެސް އެއްބަހެއް ނުވެވޭނެޔޭ ކިޔާ އެދެމަފިރިން ދޭތެރޭގައި ބޮޑު އަރާރުންގަނޑެއް އުފެދި ބޮޑު ޒުވާބެއްކޮށް މައްސަލަ ޖެހިއްޖެއެވެ.
ތުއްތުސީދީ އަރައިގަތް ރުޅިއެއްގައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަޒީޒާ ހުރީ ވަރަށް ހިތް ނުތަނަވަސް ވެ ހިތްހަމަ ނުޖެހިފައެވެ. އޭނާ އަށް ހަމަޖެހޭ ދިރިއުޅުމެއް މިމޮޔަ ކުއްޖާގަނޑު މިގޭގައި ބަހައްޓައިގެން އުޅެވޭކަށްނެތެވެ. އެކުއްޖާގަނޑު ޖެހޭނީ މިގެއިން ބޭރުކުރާށެވެ. އަޒީޒާ ބޭނުންވަނީ ކުރިއަށް އޮތް ތާނގައި ދަރިން ހޯދައި މިގޯތީގެ ހައްޤުވެރިންނަކީ އޭނާގެ ފުށުން ލިބޭ ކުދިން ކަމުގައި ނޫނީ ނުހަދާށެވެ.
ކުޑަކުޑަ ޔާސިރު ގޯތީގެ ތެރޭ ދުވަމުން އައިސް ވަނީ އޭނާ އަމިއްލައަށް ކުޅެ ސަކަރާތް ޖަހަމުންނެވެ. އަޒީޒާއަށް ކުޑަކުޑަ ޔާސިރު ހަމަ ފެނުމުން ވެސް އަޒީޒާ ނަފްރަތާއި ނުރުހުމުގެ ގޮތުން ފޫހިކަންމަތީ ކަޅިއަޅައި ބަލައިލިއެވެ. މިއީ އަހަރެންނަށް ޖެހިފައިއޮތް ބޮޑު އުނދަގުލެކޭ ހިތަށްއަރުވާ ރުޅިވެރިކަމާ އެކު ތުން އަނބުރާލިއެވެ. އަޒީޒާ އެތާ ޖޯލިފަތީ ކައިރީހުރި ދުންގުޑުގުޑާ ގައިހުރި ސިލުނބު ނަގާ އޭގައިހުރި އަލިފާން ތައް އެކުޑަކުޑަ ޔާސިރުގަޔަށް ޖަހައިފިއެވެ. އެކުއްޖާގެ ގަޔަށް ހަމަ ޖެހުމާއެކީ ފިހިގެން ވަރަށް ބާރަށް ރޯން ފެށިއެވެ. އަޒީޒާގެ ހިތަށް އެރިއެވެ. ތުއްތުސީދީ އެއްވެސް ވާހަކައެއް މިވީކަންތަކާ ބެހޭގޮތުން ދެއްކިޔަސް އަހަރެން ބުނާނީ އެއީ އެކުއްޖާ އަމިއްލައަށް ގުޑުގުޑާގަނޑު ނަގައި ކުޅެން ހަދައިގެން ފިހުނީ ކަމަށެވެ.
އަޒީޒާ އަށް ނޭނގޭ ކަމަކީ ތުއްތުސީދީގެ އާއިލާގައި ވެނިމިފައި ހުރި ކަންކަމާއި ތުއްތުސީދީ އާ ބެހޭ އެއްވެސް ހަގީގަތެށް އަދި އެ އާއިލާތެރޭގައި އަބަދުމެހެން ކަޅު ހިޔަންޏެއް އުޅޭކަމެވެ. އަޒީޒާ ވެސް ބޭނުންވީ ބޮޑު ގޯއްޗެއް އޮތް މީހަކާއެކު އިނދެގެން ވަރަށް އިއްޒަތްތެރިކޮށް އަރާމު ދިރިއުމެއްގައި ދިރިއުޅޭށެވެ. ދެން އެކުޑަ ޔާސިރު ރޯން ހުއްޓާ އިލޮށިފަތި ނެގިއެވެ. އަދި ވަރަށް ބާރަށް އެ ކުޑަކުއްޖާގެ ފައިގެ ދަށްފުށުގައި ޖަހައި ބިންމައްޗަށް ވައްޓާލިއެވެ. އަދި އެ ކުޑަކުއްޖާ ބޮލުގެ އިސްތަށި ގަނޑުގައި ހިފައި ދަމައިކޫއްތައި އަނިޔާ ކުރަމުން ގެންގޮސް ގިފިލި ތެރޭގައި ހުރި ކުކުޅު ކޮއްޓަށް ވައްދައި އެކުއްޖާ ގައިގާ ކޮޅުފައިން ޖަހައި ބިންމައްޗައް ގުޅަވަރަކަށް ޖެހިއެވެ.
" މީއަހަރެންނަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް،"
ކިޔާފައި ގެއިން ނިކުމެގެން އަޒީޒާ ދިޔައީ ބޭރަށެވެ. އެކުޑަކުޑަ ޔާސިރު ރޮއެރޮއެ ގިސްލެވެމުން ވެއްޔާއެކު ކުކުޅުގެ ނަޖިސްތަކުތެރޭ ބިންމަތީގައި އިނެވެ. އެގޭގައި އެއްވެސް މީހަކު ނެތެވެ. އެހިސާބު ގަނޑަކީ އެމީހުން ފިޔަވައި އެހެން އެއްވެސް ބަޔަކު ދިރިއުޅޭ ހިސާބެއް ވެސް ނޫނެވެ. ވީއިރު ކިތަންމެ ވަރަކަށް މިކުޑަ ކުއްޖާ ފަކީރު ގަދައަޑުން ރޯން އިނަސް އެހީވާނޭ މީހަކު ނާންނާނެއެވެ.
އަޒީޒާ ގެއިން ނިކުމެގެން ދިޔައީ އަތިރި މައްޗަށެވެ. އެހެން ނަމަ ވެސް ކަންތައްވީ މުޅިއަކުން އެހެންނެއް ނޫނެވެ. އޭނާ ހިނގާހިނގާ ވަރުބަލި ވީއިރު ވެސް ގޮނޑުދޮށާ ހަމައަކަށް ވާސިލެއް ނުވެއެވެ. އެއްގޯޅި އަޅާއިރު ނުކުމެވެނީ ވަލުފަރާ ތަށެވެ. އަނެއްކާ ވަލުފަރާތުން ބޭރަށް ނިކުންނައިރަށް ފެންނަނީ ރަތްއަކިރީ ގެ ދޮރުމައްޗެވެ. ކިހާ ހެއްވާކަމެއް ހެއްޔެވެ؟ މިހާރު އަޒީޒާ ހިނގާ ހިނގާ ވަރުބަލިވެއްޖެއެވެ. އޭނާ އަކަށް ދެން އިތުރަކަށް ކުރިއަކަށް ނުދެވޭނެއެވެ. ދެފައިން ބާރުދޫ ވެއްޖެއެވެ. ދެން އެތާ ވަލުފަރާތުގައި ހުރި ރުއް ބުޑެއްގެ މަތީގައި ކުޑައިރުކޮޅަކު އިށީދެއްޖެއެވެ.
އަނެއްކާ ވެސް ތެދުވެ ހިނގައިގަތެވެ. މިހާރު ހާދަ އިރެއްވެއްޖެއެވެ. އޭނާ މަގުމަތި އެޅީ ބާވައޭ ވެސް އަޒީޒާގެ ހިތަށް އެބައަރައެވެ. ދެން އަޒީޒާ ހިނގަމުން ގޮސް ވަލުތެރޭގައި ހުރި ގަސްބޯ ހިސާބެއްގައި ހުރި ބޮޑު ކަނޑޫފަލެއްގެ ފެންގަނޑު ތެރޭގައިވާ ޗަކަގަނޑު ގަނޑަކަށް އެރިގެން ހިނގާހިނގާ ހުއްޓެވެ. މިހެން އުޅެނިކޮށް ބޮޑު ހާލެއް ގޮވާލި އަޑު އިވިއްޖެއެވެ. މިއަޑު އިވިފައި އަޒީޒާ ސިއްސައިގެން މައްޗަށާއި ފަހަތަށް ބަލައިލެވިއްޖެއެވެ. ވަރަށް ބިރު ގަނެއްޖެއެވެ. އަޒީޒާ އޭނާގެ ވަށައިގެން ބަލައިލިއެވެ. އެއްވެސް ތާކުން އެއްޗެއް ފެންނާކަށްނެތެވެ. ކުކުޅެއް އަދި ހާ ލެއް ވެސް ފެންނާކަށްނެތެވެ.
އަޒީޒާގެ ވަށައިގެން ހުރި ގަސްތައް ހީވަނީ އިހުނަށް ވުރެ ވެސް ދިގުވެފައި ވާބޯވެ ރުއްތައް ވެސް ދިގުވެގެން ގޮސް ފަންސާހަކަށް ފޫޓު މައްޗަށް އަރައިފައި ހުރިހެންނެވެ. މުޅިތަނަށް ވަނީ އަނދިރިކަމާއި ނާމާންކަމެއް ވެރިވެފައިވާ ހެންނެވެ. ދެވަނަ ފަހަރަށް ވެސް ހާލެއް ގޮވާލި އަޑު މުޅި ހިސާބަށް އިވިއްޖެއެވެ. މި ފަހަރު އެ އަޑު ފުރަތަމަ އިވުނީ ވަރަށް ދުރުން ހެންވެސް ހީވިއެވެ. އެހެނަސް އެ އަޑު އައީ ވައިރޯޅިއެއް ޖެހިގެން އައި ފަދައިން ދުރުން ގާތަށެވެ. އެ އިވުނު އަޑު ހުއްޓުނީ އަޒީޒާގެ ކަންފަތް ބުޑަށެވެ. އަޒީޒާ ބިރުން ފިއްކަނޑައިގެން ގޮސް ގައިން ހީބިނަގައިގަތެވެ. ފާޑެއްގެ ދުންތަކެއް ވާނުވާ ނޭނގޭ ގޮތަށް މުޅި ތަންގަނޑަށް އަރައިގެން ދިޔައެވެ. ވަރަށް ބޮޑަށް ފިނި ގަދަވާން ވެސް ފެށިއެވެ. އަޒީޒާ ހުރީ ވަރަށް ބޮޑަށް ހީކަރުވައިގެން ފައެވެ. އަދި މިއީ ދުވާލެއް ކަމެއް ރޭގަނޑެއްކަމެއް ވަކި ކުރާކަށް ނޭނގޭ ވަރުވެފައެވެ.
އަޒީޒާ ބިރުން ގޮސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. މުޅި ގައިން ހީބިހި ނަގައިގެން ގައިގެ ހަންގަނޑު ވާންވެ ބާރުވެއްޖެއެވެ. ދެފައި އައްސިވެގެން ތުރުތުއަޅަން ފެށިއެވެ. ދެން އެކަނި އެހެން އިނދެ ވަރަށް ބޮޑަށް ރޯންް ފެށިއެވެ. ެއޭނާ އެހުރީ ކޮންތަނެއް ކަމުގައި ވެސް ޚުދް އޭނާއަކަށް މިހާރު ޔަޤީނެއް ނުވެއެވެ. ދެން ވަރަށް ބާރަށް ތުއްތުސީދީ އަށް ގޮވަން ފެށިއެވެ. އެހެންނަމަ ވެސް އަނެއްކާ ވެސް އަޑު ކުރަކި ގޮތަކަށް މި ފަހަރު ތިންވަނަ ފަހަރަށް ގަދައަޑަކުން މީހަކު ވަރަށް ބާރަށް "އަޒީޒާ ޒާހިރު" އޭ ކިޔައި ގޮވާލިއަޑު މުޅިހިސާބު ގަނޑަށް އިވިއްޖެއެވެ. އެ އިވުނީ އަޒީޒާގެ ފުރިހަމަ ނަމުން ގޮވާލިއަޑެވެ. އަޒީޒާ އަށް މިވަގުތު ހީވީ އޭނާ ގެ ފައިތިލަ ދަށުން ބިންގަނޑު ދަމައިގަނެގެން ބިމުގެ އަޑި އަށް ދެފައި ގަނބައި ގަންނަން އުޅުނު ހެންނެވެ. ކުއްލި އަކަށް އަޒީޒާ ދެ އަތް ބޮލުގައި އަޅައި ބިންމަތީގައި އިށީދެއްޖެއެވެ.
މިހެން އިންދައި އަނެއް ފަހަރު ވަރަށް ބާރަށް ހަތަރުވަނަ ފަހަރަށް ހާލެއް ކުރަކިބަރު އަޑަކުން ގޮވާލިއަޑު އިވިއްޖެއެވެ. މިފަހަރު މިއަޑު ގަދަކަމުން ދިގު ރުއްތަކުގެ މަތިން ބޮޑު ކާޅު އައިންތަކެއް ހަޅޭލަވައި އުދުހޭތަން ފެނިއްޖެއެވެ. ހީވަނީ އެތަކެއްޗަށް ވެސް ބިރުވެރިކަމެއް ކުރިމަތިވެގެން ދުވެ ފިލަން ސަލާމަތްވާން އުދުހިފައި ދިޔަހެންނެވެ. ދެން އެކިދިމަ ދިމާލުން ކުރަކި ބަރު އަޑުން ބައިވަރު ހާ އެއްފަހަރައި ހުއްޓުމެއްނެތި ގޮވާ އަޑުއިވެން ފެށިއެވެ.
ބިރުން ތުރުތުރު އަޅައިއަޅަމުން އަޒީޒާ އަށް ބޭއިޚްތިޔާރުގައި އިން ތަނުން ތެދުވެ ވަރަށް ބާރަށް ދުއްވައި ގަނެވިއްޖެއެވެ. ދެވެނީ ނުދެވެނީ ކޮންތާކަށް ކަމެއް އަޒީޒާ އަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އެދިޔަގޮތަށް ގޮސް ކޮންމެ ވެސް އެއްޗެއްގައި އަޅައިގަނެ ވެއްޓިއްޖެއެވެ. އެވަގުތު އަޒީޒާ އަށް ހުރެވުނީ ކަނޑޫ ފަލުގައިވާ ޗަކަސްގަނޑު ތެރޭގައެވެ. ޗަކަގަނޑުގައި އޮވެ އަޒީޒާ އިސް އުފުލައި ބަލައިލިއިރު އޭނާގެ ކުރިމަތީގައި ހުރީ ބޮޑު ކަޅު ހިޔަންޏެއް ފަދަ އެއްޗެކެވެ. ބޮލުގައި ބޮޑެތި ދަޅުތަކެއް ފަޅައިފައި ރަތް އަނގުރުފަދަ ދެލޯ ބޮޑުކޮށްގެން ހުރި ފާޑުގެ އެއްޗެއް ހުއްޓިގެންނެވެ.
އެހެން ހުރެފައި އެ ހިޔަނި އޭތީގެ ބޯ އަނެއްފަޅި އަށް އަބުރައިލިއެވެ. އެވަގުތު އެ ހިޔަނީ ގެ ބޮލުގެ ފަހަތުގައި ވެސް ރަތް ކުލައިގެ ދިއްލިފައި ހުރި ޒާތެއްގެ ވައް ލޮލެއް ފާޑު އެއްޗެއް އަޒީޒާ ދިމާއަށް ބަލަހައްޓައިގެން ހުރިކަން ސިފަވިއެވެ. އޭތި އެހެން ހުރެ އިސްކޮޅުން ދިގުވަމުން ގޮސް ދިވެހި ރުކެއްވަރު ވެއްޖެއެވެ. މިބިރުވެރި ކަޅުއެތި ކުރިމަތީގައި ހުރިތަން އަޒީޒާއަށް ފެނުމާއެކީ ގަންނާކުރެއްވި ބިރުން ރޮއެ ހަޅޭލަވައި ގަނެވިއްޖެއެވެ.
....... ......... ........ ...... ............ ........ ........
ތުއްތުސީދީ ކުރީދުވަހު ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. ތުއްތުސީދީ އަށް ގޯތިތެރޭގައި ދުންގުޑުގުޑާ ވައްޓާލާފައިވާ ތަންވެސް ފެނުނެވެ. އޭގައިވާ ސިލުނބުވެސް އޮތީ ބިންމައްޗަށް ވެއްޓި މުގުރިފައެވެ. ތުއްތުސީދީ ދެތިން ފަހަރަކަށް އަޒީޒާ އަށް ގޮވައި އޭނާގެ އަޑެއް ގޭތެރެއިން ނީވުމުން ހީކުރީ ކޮންމެވެސް ގެއަކަށް ކަސަބު އެޅި ލިބާސްތައް ހިފައިގެން ވިއްކަން ދިޔައީ ކަމުގައެވެ. ދެން ޔާސިރު ހޯދާހޯދާ ނުފެނިގެން ގޮސް ވަޅު ދޮށަށް ވަންއިރު އެކުއްޖާ އިނީ ކުކުޅު ކޮށީގެ ތެރެއަށް ވަދެ ވެއްޔާ ކުޅޭށެވެ. އެފަކީރު މުޅި ގައިގާ ހުރީ ކުކުޅުގެ ނަޖިސް އުނގުޅިފައެވެ. ދެން އެސޮރު ނަގައި ފެންވަރުވައި ހަދައިގެން ގެނައި އިރު އެސޮރުގެ ބަނޑުގައި ފިހިފައި ހުރިތަން ތުއްތުސީދީ އަށް ފެނުނެވެ. އޭނާ އެކަމާ ވަރަށް ދެރަވިއެވެ.
ތުއްތުސީދީ އަށް ހީވީ އެއީ އެސޮރު އަމިއްލަޔައް ގޮސް ގުޑުގުޑާއާ ކުޅެންހަދައިގެން ފިހިފައި ހުރީ ކަމަށެވެ. އެހެންނަމަ ވެސް އަޖައިބެއްފަދަ ކަމެކެވެ. އެއްވެސް މީހަކު ގޭތެރެއަަކުން ފެންނާކަށް ނެތެވެ. އަޒީޒާ ކޮބައި ބާ؟. މިހުރިހާ ކަމެއް ވީއިރު އޭނާ އެވީ ކޮންތަނަކަށް ގޮސް ބާ! އަޒީޒާގެ އެއްވެސް ޚަބަރެއް ނުވެގެން ރަށު އޮފީހަށް އަންގައި ރަށު ތެރޭގައި އަޒީޒާ ގެއްލިގެން ހޯދާ ވާހަކަަ ފެތުރިއްޖެއެވެ.
ޖެހިގެން އައި ދުވަހު އަޒީޒާ ވީނުވީ ތަނެއް ނޭނގިގެން ރަށު ކަތީބު ވަނީ ސަންގުފުމެ އޭނާ ހޯދަން އިއުލާން ކޮށްފައެވެ. ރަށު އެންމެން އޭނާ ހޯދަނީއެވެ. މިހެން ރެއާދުވާލު އޭނާހޯދަން މުޅިރަށު ރައްޔިތުން ރަށުތެރެއާއި ކައިރި ފަޅުތެރޭގައި ސަރަހައްދު ވެސް ހޯދަން ނިކުމެ އުޅުނެވެ. އެރަށު އަންހެންނުން ތަކެއް ކަނޑޫ ހޮވަން ގޮސް ޗަކަސްގަނޑު ތެރެއަށް އެރިއުޅެނިކޮއް އެމީހުންގެ ތެރެއިން ސަންޕާފުޅަށް ރަން ފައްޓަރުބައެއް ޗަކަގަނޑު ތެރެއިން ފެނިގެން ހޮވައިގެން އޭނާގެ ގެއަށް ގެނައެވެ. ތުއްތުސީދީ ގެ އަންހެނުން އަޅައިގެން އުޅޭ ފައްޓަރުބަޔާ ވައްތަރު ރަން ފައްޓަރުބައެއް ކަނޑޫ ފަލުން ފެނުނު ވާހަކަވެސް ފެތުރިއްޖެވެ.
އެރަށު ތުއްތުސީދީ ގެ އަންހެނުން ރީތި އަޒީޒާ ނޫނިއްޔާ އެކަހަލަ ރަން ފައްޓަރުބައި އަބަދު އަޅައި އުޅޭ އަންހެނަކު ނޫޅެއެވެ. މިފެނުނު ފައްޓަރުބައި އޮތީ ކަނޑައިގެން ގޮސްފައެވެ. އަދި އެ ފައްޓަރުބައި ވަނީ ކަތީބު ބުނުއްވައިގެން ރަށު އޮފީހަށް ގެންގޮސްފައެވެ. ރަށުގެ މީހުން ހާސްކަންމަތީ ގައި ރަށުގެ އެކި ތަންތަން ބަލައި ހަދަމުން ގެންދިޔައެވެ.
ހޯދަމުން ހޯދަމުން އުޅެނިކޮށް މުޅި ރަށަށް ހާސްކަމާއި ބިރުވެރި ކަންބޮޑުވުމެއް ވެރިވާ ފަދަ ކަމަކާ ދިމާވެއްޖެއެވެ. ކުދިބޮޑު އެންމެންގެ ހިތްތަކުގައި ބިރުގެ ރާޅެއް ހިނގައިގެންދިޔައެވެ. މަންޒަރު ލޮލުން ދުށް މީހުންގެ ތެރެއްން ބައެއް މީހުން މޭނުބައިކޮށް ހޮޑުލައި ހާލުދެރަވިއެވެ. ފެނުނީ، މީހުން އާދަވެގެން ގޮސް ނޫޅޭ ވަލުޖަންގަލި ހިސާބުގައި ހުރި ކަށި ކެޔޮގަހެއްގައި އެކޮޅުކޮޅުން އެލުވައި ގައިން ހަންދަމައި ރޯމަސް ގަނޑުން ލޭ ތިކިޖަހާލަ ޖަހާލައި މެހިބުރައި ބުރައި އޮތް އިންސާނެކެވެ.
އެއީ ހޯދާ ނުފެނިގެން އުޅޭ އަޒީޒާ ކަން ވަނީ ޔަޤީންކުރެވިފައެވެ. މުޅި މީހާ ހަންދަމައި ނޮޅައިފައި އޮތް އިރު އޭނާގެ ހަތަރަސް ފައިގެ ހުޅުތައް ހުރީ ހަންދަމައިފައެއް ނޫނެވެ. އަދި ކަރުންމަތި ހުރީ ވެސް ހަންދަމާފައެއް ނޫނެވެ.
(ނުނިމޭ)
ބިރުވެރި ހާދިސާއެއް ހުރި ބައެއް އަސްލުވެސް ވަރަށް ރީތި ވާހަކައެއް ދެން އޮތްބާ ކިޔާހިތުން ހުރެވެނީކީ އެއްނޫން މަމްްދޫހު އިބްރާހީމަކީ ތަފާތު ލިޔުން ތެރިއެއް ކަމަށް ފާހަގަ ކުރެވިއްޖެ
ދެނެ އޮތްބައި އަވަހަށް ގެނެސްދީ ވަރަށް ކިޔާހިތުން މި ހުރީ މި ވާހަކަ ނިމުނީމަ އެހެން ވާހަކައެއްވެސް ގެނެސްދެއްވައްޗޭ އަޅުގަނޑުމެން މިހާރު މަމްދުހުގެ އެހެން ވާހަކައެއްވެސް ބަލާލަން ނިކަން ބޭނުން ތަފާތު ވާނެކަން ޔަގީން އެހެންވެ
ވާހް ހަމަ ސާބަސް އިނގޭ، މިވަރެއް ނެތް، މިފަހުގެ ލިޔުންތެރިޔަކަށް ފެނުނު އެންމެ ތަފާތު އެއް ލިޔުންތެރިޔާ
އަންމާތް. އަސްލުވެސް ވަރަށް ބިރުވެރި.މ މަމްދޫހުއިބްރާހީމްގެ މިނޫން ވާހަކައެއްވެސް މާކެޓުން ފެނުމަށް އެދެން ޕަރީފެންގަނޑު ގަނެގެން ކިޔައިފިން. މިގޮތަށް ކިޔަންވެސް ބޭނުން އެހެން ވާހަކައެއް ނުކުންނާނީ ކޮންއިރަކުތޯ މަމްދޫހު؟