ފިތުރުއީދުގެ ތަހުނިޔާއާއެކު ޝައްވާލު މަހުގެ ހަ ރޯދައުގެ ހަނދާން އައުކޮށްދެމެވެ. ކުދިންނޭވެ! މިޝައްވާލު މަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ރޯދަ ހިފުމަކީ ސުންނަތްކަން ބޮޑުވެގެންވާ ސުންނަތެކެވެ.

އީދު ހަދިޔާގެ ގޮތުގައި މަމްދުބެ މިގެނެސްދެވީ ވަރަށްވެސް ހުނަރުވެރި އެހާމެ ބަސްއަހާ ކުޑަލިޔުޝާއެއްގެ ވާހަކައެވެ. މިވާހަކައިންވެސް ތިކުދިންނަށް އިބްރަތްތަކެއް ހާސިލުވެ އާ ކަންތައްތަކެއް ދަސްވާނެކަމަށް އުންމީދު ކުރަމެވެ. ދެން އަވަހަށް ވާހަކައާއެކު ކުރިއަށް ދަމާހެއްޔެވެ!

ދުވަހަކީ އުޑުމަތި ސާފުހިތްގައިމު ވައިރޯޅިޖެހޭ ދުވަހަކެވެ. ފަތިހުގެ ހިތްގައިމު އިރުގެ އަލިކަމާއެކު އެންމެންވެސް ތެދުވެ އުޅެނީ އޮފީސްތަކަށް ދިޔުމުގައާއި އެހެނިހެން މަސައްކަތުގައެވެ. ގަޑިން ހެދުނު 6އެއް ޖެހީއެވެ. ހުރިހާ ކުޑަކުދިންވެސް ތެދުވެ އުޅެނީ ސްކޫލަށް ދާށެވެ.

ކުލާހުގެ ހުރިހާ ދަރިވަރުންނަށް ވުރެ އެންމެ ފާހަގަ ކޮށްލެވޭ ދަރިވަރަކީ ހަތް އަހަރުގެ ކުޑަ ލިޔުޝާއެވެ. އެދުވަހުގެ ހަވީރު ލިޔުޝާ ގެއަށް އައީ އަމިއްލައަށް މޮޅުރޭވުމެއް ރާވައިލައިގެނެވެ. ކުޑަ ލިޔުޝާގެ އާއިލާ މެމްބަރުން ތިބީ ހަވީރުގެ ސައި ބޯށެވެ. މި ކުޑަ އާއިލާގައި ތިބެނީ ތިން މެންބަރުންނެވެ.

ޖެހިގެން އަންނަ ދުވަހަކީ ސްކޫލު ކިޔެވުން ބަންދު ދުވަހެކެވެ. މިފަހަރު ލިޔުޝާ ބޭނުންވީ ލިބުނު ޗުއްޓީގައި ޕިކްނިކަށް ދާށެވެ. އަބަދުވެސް ލިޔުޝާއަކީ އެކި ހުނަރު ބޭނުންކޮށްގެން ކަރުދާހުގައި މާ ހަދާކުއްޖެކެވެ. އަދި މިނުނޫންވެސް އެކި ކަހަލަ އަތްތެރި މަސައްކަތުގެ އެކި އެއްޗެހި ހަދަން ވަރަށް މޮޅުކުއްޖެކެވެ.

ވާހަކަ ކިޔަން ތިބި ކުދިންނަށް އެނގެނީ ކޮންކަހަލަ ހުނަރުވެރި މަސައްކަތްތަކެއް ކުރަންތަ؟ ތިކުދިން ވެސް ވިސްނާލާފަ އެކުއްޖަކު ކުރާހިތް ވާ ކަމެއްގެ ހުނަރު ފާހަގަ ކޮށްލައްޗޭ!

ޕިކްނިކު ދާ ދުވަހަކީ ލިޔުޝާގެ ފިރިހެން ކޮއްކޮ ގެ އުފަންދުވަހެވެ. ކޮއްކޮގެ ނަމަކީ ތައިސަމެވެ. މިފަހަރު ތައިސަމްގެ އުފަންދުވަހުގެ ކޭކު ފެޅުން އޮންނާނީ ޕިކްނިކު ދާ ރަށުގައެވެ. އެކަމަކު ކޮއްކޮ ގާތު އެ ވާހަކައެއް ނުބުނެއެވެ. އެއީ ކޮއްކޮ އަށް ސަޕްރައިސް އެއް ދިނުމުގެ ގޮތުންނެވެ. ލިޔުޝާ އޭނާގެ މޮޅު ހުނަރުން ކުދި ބޮއްޔާ ރެދެނލި ތަކާއި އަދި އުށްބައްތި ބޭނުންކޮށްގެން ވަނީ ކޮއްކޮއަށް ހަދިޔާއެއް ތައްޔާރު ކޮށްފައެވެ.

ޖެހިގެން އައި ދުވަހު ހެދުނު ލިޔުޝާގެ ކުޑަ އާއިލާ ތިބީ ދަތުރު ދާން ޖެޓީ ކައިރީގައެވެ. އިތުރުން ލިޔުޝާގެ ކުލާހުގެ ބައެއް އެހެން ދަރިވަރުންނާޢީ އެ ކުދިންގެ ބެލެނެވެރިންވެސް މި ދަތުރުގައި ބައިވެރިވިއެވެ. ގިނަބަޔަކު ދަތުރު ދާތީ ވަރަށް ގިނަ ސާމާނު އެއްކޮށްފައި ހުއްޓެވެ. ލަސްތަކެއް ނުވެ ބަނދަރު ދޮށަށް ލޯންޗެއް އަތުވެއްޖެއެވެ. ދަތުރު ދާން ކެތްމަދު ވެފައި ތިބި ކުދިން ލޯންޗަށް އެރިއެވެ. ގަޑިން ހެނދުނު ހަތެއް ޖެހީއެވެ.

ޗުއްޓީ ދަތުރުގައި މަޖާ ކޮށްލަން އައިސް އިންތިޒާރުގައި ތިބި މީހުންގެ ދަތުރު ފެށިއްޖެއެވެ. މިފަހަރުގެ ޗުއްޓީ ދަތުރު ދާން ހަމަޖެހިފަ އޮތީ "ބޮލިފުށި" ކިޔާ ކުޑަ ފަޅު ރަށަކަށެވެ. ދަތުރު މަތީގައި ހުރިހާ ކުދިން ތިބީ މަޖާކޮށް ހީނ ސަކަރާތް ޖަހަމުން ދިޔައެވެ. ކަނޑުމަޑު މި ރީތި ދުވަހު ބައިވަރު ކޯމަސްތައް ބަރިއަކަށް ކަނޑުގައި ދުވެލާ ތިއްބެވެ. އެސޮރުމެންގެ ދުވެލި ހަލުވިކަމާއެކު ހީވަނީ ލޯންޗުގެ ސްޕީޑުގައި ދުވެލާހެނެވެ. ވަރަށް ވެސް ބަލާލަން މަޖާ އުފާވެރި މަންޒަރެކެވެ.

ހެނދުނު ގަޑިން 8 ޖަހަން ގާތްވެއްޖެއެވެ. ހަލުވި ކަމާއެކު ދަތުރު ކުރި ލޯންޗު މަޑު ކޮށްލީ ބޮލިފުށީގެ ފާލަން ކައިރިއަށެވެ. މިހާރު މި އާދެވުނީ ރީތި ކުޑަރަށަކަށެވެ. ލޯންޗުގައި ތިބި ހުރިހާ އެންމެން ސާމާނުތައް ހިފައިގެން ރަށަށް އަރައިފިއެވެ. ބޮލިފުށި ކިޔާ ރީތި މި ކުޑަރަށުގެ ހިތްގައިމުކަން ވަރަށް ހިތްފަސޭހަވެފައި ފުރިހަމައެވެ. ގޮނޑުދޮށަށް ބީއްސާލާ ހިތްގައިމު ނަލަ ރާޅުތައް ފެނި، މޫދަށް އެރިލަން ހުރިހާ ކުދިންވެސް ތިބީ ކެތްމަދުވެފައެވެ.

ލިޔުޝާގެ މަންމަ އާއި އެހެން ކުދިންގެ ބައެއް ބެލެނެވެރިން އުޅުނީ ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އެ ދުވަހުގެ ހެދުނުގެ ސަޔަށް ލިޔުޝާގެ މަންމަ އާއި ރަހްމަތްތެރިން ތައްޔާރު ކުރީ ފެނުކެއްކި ބިހާއި ޖޭމް އާއި ބަޓަރުގެ ސޭންޑްވިޗެވެ. އަދި ރޮށްޓާ މަސްހުނި ވެސް ހުއްޓެވެ. ކަޅުސަޔާއި އަދި ކިރުސައި ވެސް ހުރީ ކުޑަ މޭޒުމަތީގައި އަތުރާލާފައެވެ.

ލިޔުޝާގެ ބައްޕަ އުޅުނީ ހުރިހާ ކުދިންނަށް ތިބެވޭނެ ގޮތައް ޓެންޓެއް އަޅާ ހިޔާކުރާށެވެ. ލިޔުޝާ އާއި އަދި އިތުރުން ފަސް ކުއްޖަކު ވެގެން ދިޔައީ ރުކުގެ ފަން ހޯދާށެވެ. އެ ކުދިން ބޭނުންވަނީ ހަވީރު ވުމުގެ ކުރިން ފަނުން ކުޑަ ގެއެއް އަޅާލަންށެވެ. ހެދުނުގެ ސައި ބޮއެ ނިމުމުން ދެން އޮތީ ދުވަހުގެ އެކި ކުޅިވަރުތައް ކުޅުމުގެ ހަރަކާތް ތެރިވުމެވެ. ފަސް ޓީމަކަށް ހުރިހާ ކުދިން ތިބީ ބަހާލާފައެވެ. ކުޅިވަރުތަކުގެ ތެރޭގައި

  • ފެތުމުގެ މުބާރާތެއް
  • ގޯނިރޭސް ޖެހުން
  • ވޮލީކުޅުން
  • އަލީލާން ބަލީލާން ކުޅުން
  • ކޮރާކުޅުން އަދި
  • ވާދެމުން ވެސް އޮތެވެ.

އަދި ވެސް މިނޫން އެހެން އެކި ކުޅިވަރުތައް ވަނީ ކުޅެން ހަމަ ޖެހިފައެވެ. މިހާރު ބައެއް ކުދިން ތިބީ މޫދުގައި ފަތާށެވެ. ދެންތިބި ކުދިން އެދިޔައީ މަސްހިފާށެވެ. މެންދުރު ވުމުގެ ކުރިން ލިޔުޝާ ބޭނުންވަނީ ރުކުގެ ފަނުން ތައްޔާރު ކުރާ ކުޑަ ގެ އަޅައި ނިންމާށެވެ. މިހާރު ލިޔުޝާމެން ކުޑަފަންގެ ހަދާ ނިމުނީއެވެ. އެއީ ވަރަށް ރީތި ކުޑަ ގެއެކެވެ. މިއަދު ލިޔުޝާބޭނުން ވަނީ ޗޮކްލޭޓްކޭކު އަޅާށެވެ. ލިޔުޝާގެ މަންމަ ވެސް ވަރަށް ޝައުގުވެރިކަމާއެކީ ކޭކު އެޅުމުގައި ލިޔުޝާއަށް އެހީ ތެރިވެދިނެވެ. ލިޔުޝާމެން ކޭކު އެމުގައި ވަރަށް ހަލުވި ކޮށްލައިގެން އުޅުނެވެ. ލިޔުޝާގެ ކޮއްކޮ ތައިސަމް ވީ ބައްޕަ އާއެކު މަސް ހިފަން ގޮހެވެ. ބޭނުން ވަނީ މެންދުރަށް މަސް ފިހާށެވެ. ބައެއް ކުދިން ތިބީ ދޮންވެލި ގަނޑުމަތީގައި ސޭންޑް ކާސަލް ހަދާށެވެ. ލިޔުޝާ ކޭކު ފިހަން ކުޑަ ޑަބިޔަލަކުން އަވަނެއް ހެދިއެވެ. ތައިސަމް އާއި ލިޔުޝާގެ ބައްޕަ އައީ މެންދުރަށް ބާބެކިޔު ހަދަން މަސް ހިފައިގެނެވެ. އަދި މަސް ފިހަން ސާމާނު އެއްކޮށް ތައްޔާރު ވެސް ކޮށްފިއެވެ.

މިއަދު ދަތުރު އައިސް ތިބި ހުރިހާ ކުދިންނަށް މެންދުރު ކާން ހުންނާނީ މަސްބަތާ ތެއްލި ރިހާކުރާ އަދި ތަރުކާރީ ފުރައިޑް ނޫޑުލްސްއެވެ. ލިޔުޝާމެން ތައްޔާރު ކުރީ ކުރުނބާފަންޏާ އޮރެންޖު ޖޫހެވެ. ވަރަށް މީރުވާނެކަން ޔަގީނެވެ. މެންދުރު ގަޑީގައި މޫދަށް އެރި މަޖާކޮށް އެކި ގޭމްތައް ކުޅެ ހެދީމަ މިހާރު ހުރިހާ ކުދިން ވެސް ތިބޭނީ ވަރަށް ވަރުބަލި ވެފަ ކަން ޔަގީނެވެ.

ދަތުރުގައި ބައިވެރި ވި އެންމެންވެސް މެންދުރު ނަމާދު ކޮށް ނިމުނީމަ ދެން އޮތީ ކެއުމެވެ. ލިޔުޝާގެ ހުރިހާ ރައްޓެހި ކުދިންވެސް މެންދުރު ކެއުމަށް އައެވެ. ދަތުރުގައި ބައިވެރިވި ހުރިހާ އެންމެވެސް ތިބީ ވަރަށް އުފާވެފައެވެ. މޫދު ކައިރީ ހުރި ދިގު ރުކެއްގެ ދަށުގައި ބޮޑު މޭޒެއްހުއްޓެވެ. ކާތަކެތި ހުރީ އަތުރާލާފައެވެ. ހުރިހާ ކުދިން ވެގެން ކާންފެށިއެވެ. ކާން ތިބި ކުދިން އެކުދިންނަށް މިއަދު ކުރި އެކި މަޖާ ކަންތަކުގެ ވާހަކަ ތައް ކިޔަދިނެވެ. ހުރިހާ ކުދިންގެ ވާހަކައިން އެންމެ މަޖާ ވާހަކައަކަށް ވީ ފުއްޕާހަމަކަށް ފެން އަޅައިގެން އެއްލާ ކުޅުނު ވާހަކައެވެ. އެއްލާ ކުޅެނިކޮށް ފަޅައިގެން ދިޔަ ފުއްޕާހަމެއްގަ ނޫކުލަ ހުރީ އަޅާފާއެވެ. އެއްވެސް ކުއްޖަކަށް އެކަމެއް ނޭނގޭއެވެ. އެ ފުއްޕާހަން ހިފަން އުޅުނު ކުއްޖާ ގަޔަށް ފުއްޕާ ފެންހަން ފަޅައިގެން އޭގައި ހުރި ކުލަފެން ބަންޑުންވިއެވެ. އެ ގޮތައް އެކި ކުދިންނަށް ދިމާވި މަޖާ ހާދިސާތައް ކިޔަދިނެވެ. މެންދުރު ފަހުން ދެން އޮތީ ބައިސްކަލް ރޭސްޖެހުމެވެ. އެއީ މަޖާކުރުމުގެ އިތުރުން ހަށިގަނޑަށް ލިބޭ ކަސްރަތެއްވެސްމެއެވެ.

ކުޑަ ލިޔުޝާ މަސައްކަތް ކުރަމުން ދިޔައީ ކޮއްކޮ ތައިސަމަށް ސަޕްރައިސް ޕާޓީއެއް ބޭވުމަށް އެކި ކަންތައް ރާވަމުންނެވެ. ލިޔުޝާ ބޭނުންވަނީ ދަތުރުގައި ހަދާފައި ހުރި ކުޑަ ފަންގޭގައި ކޮއްކޮ ގެ ސަޕްރައިސް ޕާޓީ ބާވަންށެވެ. އަދި އެ ކުޑަ ގެ ވަރަށް ރީތި ކޮށް ޒީނަތްތެރި ކޮށްފައި ބަހައްޓާށެވެ. އޭރުން ކޮއްކޮ ވަރަށް އުފާނެއެވެ.

އަސުރު ނަމާދު ކޮށް ނިމުނީމަ ދެން އޮތީ ބީޗް ކައިރީގައި ހިނގާލަން ދިޔުމެވެ. ހަވީރު ގަޑީގައި ލިޔުޝާގެ މަންމަ އާއި ބައްޕަ އުޅުނީ ރޭގަނޑުގެ ކެޔުން ތައްޔާރު ކޮށް އަދި ކޮއްކޮ ތައިސަމަށް ޕާޓީގެ ކަންތައް ހަމަޖައްސާށެވެ. ކުޑަ ލިޔުޝާމެން ހަދާފައި ހުރި ފަންގެ ވަށާއިގެން ޒީނަތްތެރި ކޮށްލާށެވެ. މިރޭގެ ބާބެކިޔު ތައްޔާރުވެސް ކުރުން އޮތީ ހަމަޖެހިފައެވެ. ހަވީރު ހިނގާލަން ދިޔަކުދިން މަޖާކޮށް ވާހަކަ ކިޔައި ހަދައެވެ. ހުރިހާ ކުދިންވެސް އުޅުނީ ވަރަށް އެކުވެރި ކޮށެވެ.

ހަވީރު ސައި ބޯން ތައްޔާރު ކޮށްފައި ހުރީ ތަފާތު ބާވަތުގެ ބިސްކޯދާ ހެދިކާއެވެ. އަދި ކިރުސަޔާއި ފަލޫދާވެސް ހުއްޓެވެ. އިރުއޮށްސި އަނދިރި ވާންފެށުމުން ހުރިހާ ކުދިން ދެން ކުރަންވީ ކަމަކީ ކޮބައިކަން އެކުދިންނަށް އެނގެއެވެ. މިހާރު ނަމާދު ގަޑި ޖެހެން ގާތްވަނީއެވެ. އެހެންކަމުން ހުރިހާ ކުދިންވެސް ނަމާދު ކުރަން ތައްޔާރުވަނީއެވެ. ރޭގަނޑު ގަޑިން އަށެއް ޖެހީއެވެ. ބީޗް ބާބިކިޔު ވަނީ ވަރަށް ފުރިހަމަ ތައްޔާރު ކޮށްފައެވެ. ކުޑަ ލިޔުޝާ ތައްޔާރު ކޮށްފައި ހުރި ފަންގެ ހުރީ އެކި މަލުންނާ ކުދި އުށްބަތި ތަކުން ޒީނަތްތެރި ކޮށްފައެވެ. ވަރަށްވެސް ރީއްޗެވެ. ހަނދުވަރުގެ އަލިކަމުގެ އިތުރުން އުޑުމަތީގައިވާ ތަރިތައް ވެސް އަލިގަދަވެފައި ވަރަށް ފުރިހަމައެވެ. ކުޑަ ލިޔުޝާ އޭނާގެ ކޮއްކޮ އަށް ދޭން ބޭނުންވި ހަދިޔާ އޮތީ ފަންގެ އެތެރޭގައި ބާއްވާފައެވެ. އެކަމަކު ކޮއްކޮއަށް ނޭނގޭނެ ގޮތައް ފޮރުވާފައެވެ. މިއަދު ލިޔުޝާ ތައްޔާރު ކޮށްލި ޗޮކްލޭޓު ކޭކުވެސް ހުރީ މޭތުމަތީގައި ބަހައްޓާފައެވެ. ކޭކު ވަށައިގެން ކުދި ބޮއްޔާ މާތަކާއި އެކި ކުދިންގެ ހުނަވެރި މަސައްކަތުން ތައްޔާރު ކޮށްފަ ހުރި އެކި ހަދިޔާތައް ހުއްޓެވެ.

މަޖާ ދަތުރު އައިސް ތިބި ހުރިހާ ކުޑަކުދިންނާއި ބެލެނެވެރިން ތިބީ ރޭގަނޑުގެ ކެއުމަށް އައިހެވެ. ލިޔުޝާއާއި އެކުވެރިން ވެގެން ހަދާފައި ހުރި ފަންގެ ވަށައިގެން ހުރީ ގާ އަތުރާލާފައެވެ. އަދި ވަރަށް ރީތި ކޮށް ގަސްތަކެއް ބަހައްޓާ ހުރީ ވަރަށް ޒީނަތް ކޮށްލާފައެވެ. ކޮއްކޮ ތައިސަމާ އެކީ މަންމަ އާއި ބައްޕަ ވެސް އަތުވެއްޖެއެވެ. އަދި ޖަމާވެފަ ތިބި ހުރިހާ ކުދިން ތައިސަމް ކޮއްކޮ އަށް އުފަން ދުވަހުގެ މަރުހަބާ ކިޔެވެ. ކޮއްކޮ ހުރީ ވަރަށް އުފާވެފައެވެ.

.އެރޭގެ ކެއުމަކީ ބާބެކިޔުގައި ތައްޔާރު ކޮށްފައި ހުރި އެކި ބާވަތުގެ ކާނާއެވެ. ހުރިހާ ކުދިންނާ އެންމެން ވަރަށް އުފާވެ ތިބެ ކެއެވެ. ކުޑަ ލިޔުޝާ އެނާގެ ކޮއްކޮ އަށް ހަދިޔާ ދިނެވެ. އަދި ކޮއްކޮ ގާތު ވަރަށް ލޯބިވާ ވާހަކަވެސް ބުންޏެވެ. ބާބިޔުގަ ހުރީ ސީފުޑްސް ގެ އެކި ބާވަތްތަކާ އެކި ކަހަލަ ތަރުކާރީއެވެ. ރޭގަނޑުގެ ކެއުން ނިމުމުން ދެން ހުރިހާ ކުދިން ދިޔައީ މޫދުކައިރީގައި ހަނދުވަރުގެ ރީތިކަން ބާލާށެވެ.

މިހާރު ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފާވެފައެވެ. ކުޑަ އަލިފާންގަނޑެއް ރޯކޮށްފައި ހުއްޓެވެ. އަދި އުޑުގެ ތަރިތައް ވަރަށް ރީއްޗެވެ. ހުދު ދޮންވެލި ގަޑުމަތީގައި ހުރިހާ ކުދިން މަޖާ ވާހަކަ ކިޔާ މިއަދުގެ ދަތުރުގައި އެކި ކުދިންނަށް ދިމާވި މަޖާ ހާދިސާތައް ކިޔައިދީ ހެދިއެވެ. އަދި އެކި ކަހަލަ ކުދި ގޭމްތައް ވެސް ކުޅެ ހެދިއެވެ.

ހުރިހާ ކުދިންނަކީ ވެސް ވަރަށް އެކުވެރި ކުދިންގެ ގޮތުގައި ތިބެންވާނެ އިނގޭ! ކުޑަ ލިޔުޝާ ގެ މި މަޖާ ދަތުރުގެ ވާހަކަ ކިޔަން ތިބި ކުދިންނަށް ދަސްވީ ކޮންކަމެއްތަ؟ ތިޔައިގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ކުޑަ ލިޔުޝާ ކަހަލަ ހިތްވަރު ގަދަ ހުނަރުވެރި ކުއްޖަކަށް ވާން ހިތްވަރު ކުރަންވާނެއެވެ. އެކިކުދިންނަށް އެކިހުނަރު ލިބިފައިވާނެއެވެ. އެކުއްޖަކަށް އެންމެ ރަނގަޅަށް ކުރެވޭ ކަމަކުން ހިތްހަމަޖެހުމާއި އުފާ ލިބޭނެއެވެ.

(ނިމުނީ)