ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އަނެއްކާވެސް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯ އިން މިފަހަރު މިއިލްތިމާސް ކޮށްފައި ވަނީ ސްޓެލްކޯގެ ފޭސްބުކް އޮފިޝަލް ޕޭޖުގައި މިއަދު ހަވީރު ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޕޯސްޓުގައި، މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް އިންތިހާއަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީވެ ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯ އިލްތިމާސްކޮށްފައިވެއެވެ.

ފޭސްބުކްގެ މިޕޯސްޓުގައި ސްޓެލްކޯއިން ބުނީ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތަށް މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

މިދުވަސްވަރު ފިނިކުރުމަށް ގެންގުޅޭ އެސީ ފަދަ އާލާތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އެދިފައިވެއެވެ. އެގޮތުން 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށް އެދިފައިވެއެވެ. އަދި އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު، އިންވާޓަރއަށް އިސްކަންދިނުމަށް ސްޓެލްކޯގެ މިއިލްތިމާހުގައި ވަނީ އެދިފައެވެ.

މީގެ އިތުރުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް، މިރޭ ކުރެއްވި ޓުވީޓެއްގައިވެސް އަހަރުތެރޭގައި އަންނަ ހޫނުގަދަ ދުވަސްވަރެއްކަމުން، މިދުވަސްވަރު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރާ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ޓުވީޓުގައި ޝަރީފު ވިދާޅުވީ މިހާތަނަށް އެންމެ ގިނައިން މާލެ ސަރަހައްދުން ކަރަންޓު ބޭނުންކުރި ދުވަހަކީ މި އޭޕްރީލް މަހުގެ 11 ކަމަށެވެ. އެދުވަހު އެސަރަހައްދުން އެކަނި 92.5 މެގަވޯޓަށްވުރެ މައްޗަށް ދިޔަ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ކުރެއްވި ޓުވީޓުގައި ހިއްސާކޮށްފައިވާ ދުވަހުގެ ރިޕޯޓުގައިވާ ގޮތުން އޭޕްރީލް 11، 2023ގައި ހަމައެކަނި މާލެއިން ބޭނުން ކޮށްފައި ވަނީ 45.860 މެގަވޯޓުގެ ކަރަންޓެވެ. އަދި ހުޅުމާލެއިން ބޭނުން ކޮށްފައި ވަނީ 46.722 މެގަވޯޓުގެ ކަރަންޓެވެ.

ކުރިއަށް އޮތް ދެ ހަފްތާގައިވެސް މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ. ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމަށް 120 މެގަވޯޓު އުފެއްދުމުގެ ގާބިލުކަން ހުރި ކަމުގައިވިޔަސް، މިސަބަބަށްޓަކައި ކަރަންޓު އިގްތިސާދު ކުރެއްވުމަށް ޝަރީފް އިލްތިމާސްކުރެއްވިއެވެ.

މީގެ ކުރިންވެސް ސްޓެލްކޯއިން، މިމަހުގެ 18 ވަނަ ދުވަހު ކަސްޓަމަރުންނަށް ފޮނުވި މެސެޖެއް މެދުވެރިކޮށް، ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.