އާރބަންކޯއިން މ. މުލަކު ސްކޫލް ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފިއެވެ. މިއީ އާރބަންކޯއިން އިސްނަގައިގެން، މުލަކުގެ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް(ސެލް)އިން އިންތިޒާމުކޮށްގެން، މުލަކު ސްކޫލާއި، މުލަކު ކައުންސިލާއި، މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން މުލަކު ޕޮލިސްގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދާ ކޭމްޕެކެވެ.

މިގޮތުން މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން "ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023" ނަމުގައި ކުރިއަށް ގެންދާ މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގެ އޮތީ އިއްޔެ ހަވީރު މުލަކު ކައުންސިލްގެ ވޮލީ ކޯޓުގައެވެ. މި ރަސްމިއްޔާތުގައި މި ކޭމްޕް ރަސްމީކޮށް ފަށްޓަވައިދެއްވީ ޝަރަފްވެރި މެހެމާން، މުލަކު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޠާހާ މުޙައްމަދުއެވެ.

އާރބަންކޯއިން ވިދާޅުވީ މި ކޭމްޕަކީ އެ ސްކޫލުގައި ތަޢުލީމް ޙާޞިލްކުރާ ގްރޭޑް 7 ، 8 އަދި 9 ގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ކޭމްޕެކެވެ. އަދި މުލަކު ސްކޫލުގެ ޖުމްލަ 50 ދަރިވަރުންނާއެކު ކުރިއަށްގެންދާ މި ކޭމްޕުގައި ތަމްރީނުތައް ދެއްވަނީ ރާއްޖޭގައި މީގެ ކުރިން ޤައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗްކަން ކޮށްދީފައިވާ އަދި ވޮލީބޯލް އެސޯސިއޭޝަންގައި އިސްދައުރެއް މިހާރުވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު ސާޖިދް(ކާއްޓޭ)އެވެ. އަދި މީގެ އިތުރުން އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މުލަކުން އިތުރު 10 ވޮލީ ކުޅުންތެރިން ބައިވެރިވާކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން އާރބަންކޯއިން ވިދާޅުވީ މިފަދަ ކަމެއް އެކޯޕަރޭޝަނުން ކުރުމުގެ މަޤްސަދަކީ ވޮލީގެ މި ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ހުޅުމާލެގެ އިތުރުން މުޅި ރާއްޖޭއަށް އަމާޒުކޮށްގެން މި ކަންކުރުން ކަމުގައެވެ.

އަދި ފާއިތުވެދިޔަ އަހަރުތަކުގައިވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މާލެ ސަރަހައްދުން ބޭރުގައި މި ކޭމްޕް ބާއްވާ މިއީ ފުރަތަމަ ފަހަރުކަމަށާއި މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑުއެއްބާރުލުމާއި ތަރުހީބު ލިބިގެންދާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އަދި މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވެގެން ދާނެކަމަށާއި އެ ކޯޕަރޭޝަންގެ ފަރާތުން މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ވަނީ ރޭވިފައިކަމަށްވެސް ވަނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މުލަކައަތޮޅު އަތޮޅު ކައުންސިލް ގެ ރައީސްއާއި މުލަކު ކައުންސިލްގެ ރައީސްގެ އިތުރުން އެ ކައުންސިލްގެ ބައެއް މެމްބަރުންނާއި އަދި އާރބަންކޯ ގެ ސީ.އެސް. އާރް މެނޭޖަރ ބައިވެރިވެލެއްވިއެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކަށެވެ.