އަންނަ ޖޫމަހު ސަތާރާ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ ތިން ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ. އެ އިންތިޚާބުގައި ދިހަ ރަށެއްގެ ގޮނޑިއަށް ވާދާ ކުރަން ހުޅުވާލިއެވެ. އެހެން ނަމަވެސް ށ. މާއުނގޫދޫ އާއި ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕީއެމުން ފިޔަވައި އެހެެން ޕާޓީއަކުން ކުރިމަތި ލައިފައިނުވާތީ އިންތިޚާބަކާނުލައި ޕީޕީއެމަށް ވަނީ އެ ދެ ގޮނޑި ކާމިޔާބުވެފައެވެ.

ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޢާއިޝަތު ޙަނީފާ ގަހާ ށ. މާއުނގޫދޫ އެވެ. އަދި ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ވަސީމާ އިބްރާހީމް ފޭރުމާގެ ރ. މީދޫ އެވެ. މީގެ އިތުރުން ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވުނު ލިއުޝާ އިބްރާހީމް އަކީވެސް ޕީޕީއެމް މެންބަރެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ލިއުޝާ އިބްރާހީމްވެސް އިންތިޚާބުވީ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ގދ. ވާދޫގައި ނެތުމުންނެވެ.

ބައި-އިލެކްޝަނަށް ހުޅުވާލި 10 ރަށުގެ ތެރެއިން ފ. ބިލެތްދޫއަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވެއެވެ. ބާކީއޮތް 6 ރަށަށްވެސް ޕީޕީއެމްގެ ކެނޑިޑޭޓުން ވާދަކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ހދ. ފިނޭއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ޒުހުދާ މުޙައްމަދު ވާވެލާވެލި ކެންޑިޑޭޓް ނަންބަރު ދޭއް އެވެ. މ. ވޭވަށަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ޝިފާޒާ އިބްރާހީމް ސޯސަންވިލާ ކެންޑިޑޭޓް ނަންބަރު ދޭއް އެެވެ. ކ. ދިއްފުއްޓަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ އާއިޝަތު ސާހިރާ ހަނދުވަރީގެ ކެންޑިޑޭޓް ނަންބަރު އެކެއް އެވެ. ތ. ގާދިއްފުއްޓަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ނިހާމާ ޢަބްދުﷲ ހުދުފިނިފެންމާގެ ކެންޑިޑޭޓް ނަންބަރު ދޭއް އެވެ. ގދ. ހޯނޑެއްދޫ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ނަޒުރާނާ ޙުސައިންމަނިކު ސަޓާ ކެންޑިޑޭޓް ނަންބަރު އެކެއް އެވެ. ލ. މާމެންދޫއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ސަޢުދިއްޔާ ޙުސައިން ދެކުނުގެ ކެންޑިޑޭޓް ނަންބަރު އެކެއް އެވެ.