މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި އެންމެ މަޝްހޫރު، އަދި އެންމެ ވަރުގަދަ އެއް ކޮމާންޑަރަކީ ފާރިސީންގެ ޖެނެރަލެއް ކަމުގައިވާ ހުރުމުޒާންއެވެ. އޭނާ އަކީ ޤާދިސިއްޔާ ހަނގުރާމައިގައި ފާރިސީ ލަޝްކަރުގެ ކަނާތުފިޔައިގެ ކޮމާންޑަރެވެ. ވަރުގަދަ ހަނގުރާމައެއް ކުރެއްވުމަށްފަހު މުސްލިމުގެ ލަޝްކަރު ބަލިނުކުރެވޭނެ ކަން އެނގުމުން ފިލައި ރައްކާވިއެވެ. ނަމަވެސް އަލުން ލަޝްކަރު ތައްޔާރުކޮށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށިއެވެ. އެއީ މުސްލިމް މުޖާހިދުންނާ ކުރިމަތިލާންޖެހުނު އެންމެ މަކަރުވެރި އެންމެ ވަރުގަދަ އެއްފަހުލަވާނެވެ. ނަމަވެސް ބަަޞަރާއާއި ކުފާގެ މުސްލިމް ލަޝްކަރުތައް ގުޅިގެން ދިން ވަރުދަގަ ހަމަލާތަކުގެ ކުރިމަތީގައި ސާބިތު ނުވެވުނެވެ.

އެންމެފަހުން ސުލްހަވެރިކަމާއެކު ޖިޒީ ދައްކައިގެން އުޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެދުވަސްތަކުގެ ބޭނުން ހިފައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާނެ ވަގުދަދަ ބާރެއް شوشتر ގައި އޭނާ އެކުލަވައިލިއެވެ. އަދި ޖިޒީ ދިނުން ހުއްޓާލައި މުސްލިމުންނާ ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ ކުރަން ފެށިއެވެ. ނަމަވެސް ދެއަހަރެއްހާ ދުވަހު ވަރުގަދަޔަށް ހަނގުރާމަ ކުރުމަށްފަހު މުސްލިމުން އޭނާގެ މަށްޗަށް ކާމިޔާބު ހޯދިއެވެ. އަދި އޭނާ އަސީރުކޮށް ޣަނީމާ މުދާތަކާ އެކު، އަބޫ މޫސާގެ ބެއްލެވުމުގެ ދަަށުން މަދީނާއަށް ގެންދެވުނެވެ. އަރިހުގައި މާތް ނަބިއްޔާގެ މަތިވެރި ދެ ޞަޙާބީން ކަމަށްވާ އަނަސް ބިން މާލިކާއި އަލްއަޙްނަފް ބިން ޤައިސް ހިމެނިވަޑައިގަންނަވައެވެ.

ދެންފަހެ ހުރުމުޒާން ގޮވައިގެން މިބޭކަލުން މަދީނާއަށް ވެންނެވި އިރު އޭނާ ހުރީ ރަނުން ޖަރީ ކުރެވިފާއިވާ ހެދުމެއްގައެވެ. ބޮލުގައި އަގުހުރި ޖަވާހިރުތައް ޖަހައި، ރަނުން ހަދާފައިވާ ކޯރިއެއް އަޅާފައި އޮތެވެ. އޭރު ވަރަށް އާދައިގެ ހެދުމެއް ތުރުކުރައްވައިގެން މުސްލިމުންގެ ޚަލީފާ އުމަރު ބުނުލް ޚައްޔާބު މިސްކިތުގެ ކަނެއްގައި އަވަހާރަވުޅު ލައްޕަވާފައި އޮންނެވިއެވެ.

ފަހެ އުމަރުގެފަަނު ހޭފުޅުލެއްވި އިރު މަދީނާގެ އެތަން މިތަނުން މުސްލިމުންތައް ވަނީ މިސްކިތައް ޖަމަޢުވެފައެވެ. އެހިނދު އެކަލޭގެފާނު މުސްލިމުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. "ފާރިސީންގެ ރަސްގެފާނު ނިކަމެތި ކުރައްވައި، އިސްލާމްދީނަށް ނަސްރުދެއްވި الله އަށް ޙަމްދު ހުއްޓެވެ. މުސްލިމުންނޭވެ. އީމާންތެރިކަމުގެ މަތީގައި ސާބިތުވެ ތިބޭށެވެ.”

އެއަށްފަހު އުމަރުގެފާނު އަމުރުކުރެއްވިއެވެ. "މީނާ އާދައިގެ ހެދުމެއް ލައްވައިގެން އަހުރެންގެ ކުރިމަށްޗަށް ގެންނާށެވެ." ފަހެ މީނާ އާދައިގެ ހެދުމެއްލައްވައި އުމަރުގެފާނުގެ ކުރިފުޅުމަށްޗަށް ހާޒިރުކުރެވުމުން އޭނާ އާއި މުޚާޠަބު ކުފައްވައި ވިދާޅުވިއެވެ. "ތިޔައީ އަހުވާޒުގެ ބާޣީ ގަވަރުނަރު ހުރްމުޒާން ހެއްޔެވެ.؟" ހޮރްމުޒާން ބުންޏެވެ. "އާނ އެކެވެ. އަހަރެންނަކީ ހޮރްމުޒާން އެވެ. ޚަލީފާ ވިދާޅުވިއެވެ. "ތަކުރާރުކޮށް ތިޔަބައިމީހުން މުސްލިމުންނާ އެކު ވެވުނު ވައުދާއި ޚިލާފެ ވެއްޖެއެވެ." ހޮރްމުޒާން ބުންޏެވެ. "އާނއެކެވެ. ތިޔައީ ހިތި ހަޤީގަތެކެވެ. ނަމަވެސް އަހަރެންގެ ނަފްސު ބާރުއަޅަނީ އަހުރެން، އަހަރެންގެ އަމިއްލަ ބިން ދެކެ ލޯބިވުމަށެވެ. އަބަދުވެސް އުއްމީދު ކުރަމުން ދިޔައީ އަހަރެންގެ ބިމުން މުސްލިމުން ފައްސާލުމަށެވެ." އުމަރު ވިދާޅުވިއެވެ. "މިހާރު ކަލޭ ބަލިވެއްޖެއެވެ. ކަލޭގެ ޚިޔާނާތްތެރިކަން ޝައްކެއްނެތި ސާބިތުވެއްޖެއެވެ. އެފަދަ ކުށެއްގެ އަދަބަކީ މަރުކަން ކަލެއަށް އެނގޭ ހެއްޔެވެ؟" ހޮރްމުޒާން ބުންޏެވެ. "އާނ އެކެވެ. އަހަންނަށް އެކަން އެނގެއެވެ. ގާނޫނު އޮތީ ކާމިޔާބު ހޯދާ ފަރާތުގެ އަތްމަގީގައެވެ." އުމަރު ވިދާޅުވިއެވެ. “އެހެންކަމުން އަހުރެން ކަލޭގެ ގަތުލުކުކުރުމަށް އަމުރު ކުރަމެވެ. ކަލޭ މަރަށް ތައްޔާރުވާށެވެ."

އެއަށްފަހު އުމަރުގެފާނު އެކަލޭގެފާނުގެ ކަނޑިކޮޅު ގެންނެވުމަށް އަމުރުކުރެއްވިއެވެ. ފަހެ ކަނޑިކޮޅު ގެނެވި، ހުރުމުޒާންގެ ކަނދުރާ އާއި ދިމާއަށް އުފުއްލެވުމާ އެކު ބުންޏެވެ. "އަހަރެން މިހުރީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފައެވެ. ގަތުލުކުރުމުގެ ކުރިން އަހަންނަށް ފެންފޮދެއް ލިބިދާނެ ހެެއްޔެވެ.؟ އެގޮތް ކަލޭގެފާނަށްވެސް މާ ހެޔޮކަން ބޮޑެވެ.”

ދެންފަހެ އަސީރުންނަށް ހެޔޮކޮށް ހިތުމަށް މާތްނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ދެއްވާފައިވާ މަތިވެރި އިރުޝާދާއި އެގޮތުގެ މަތީން، މީނާއަަށް ފެން ގެނެސް ދިނުމަށް އުމަރުގެފާނު އަމުރުކުރެއްވިއެވެ. ފަހެ ފެންތަށްޓެއް ގެނެސް ހުރްމުޒާންގެ އަތަށް ދިނުމުން ބުންޏެވެ. "މި ފެން ބުއިމުގެ ކުރިން އަހަރެން ގަތުލުކޮށްލަފާނެތީ ބިރުގަންނަމެވެ.” އުމަރުގެފާނު ވިދާޅުވިއެވެ. "ޔަޤީންކުރައްވާށެވެ. ފެން ބުއިމުން ނޫނީ ކަލޭ ގަތުލު ނުކުރާނަމެވެ." އެހިނދު ހުރްމުޒާން ފެންތަށި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ބުންޏެވެ. "މިހާލަތުގައި އަހަރެން ފެން ނުބޯނަމެވެ. އަދި އަހަރެން ފެން ބުއިމުގެ ކުރިން އަހަރެން ގަތުލުނުކުރާނެ ކަމަށް ކަލޭގެފާނު އަހަންނަށް ވައުދު ވެއްޖެއެވެ.” އެހިނދު ކޯފާ އިސްކުރައްވައި އުމަރުގެފާނު ވިދާޅުވިއެވެ. ​​"އޭ ﷲ ގެ އަދުއްވާއެވެ. ކަލޭ އަހަންނަށް އޮޅުވާލީއެވެ. އަހުރެން ކަލޭ ގަތުލުކުރާނަމެވެ." ހޮރްމުޒާން ޖަވާބު ދިނެވެ. "ތިބާ ބޭނުން ގޮތަކަށް ކަންތައް ކުރެވިދާނެއެވެ. ނަމަވެސް އަހަރެން ފެންބުއިމުގެ ކުރިން ރައްކާތެރިކަން ދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު އެބައޮތެވެ. ތިބާގެ ދީން ތިބާއަށް ދަސްކޮށްދިނީ ވަޢުދު އުވާލަން ކަމުގައި ވާނަމަ އެކަން ކުރައްވާށެވެ.”

ފަހެ އެހިނދު މިކަމުގެ ތެރެއަށް އެހެން މުސްލިމުން ތަދައްޚުލްވެ، ވިދާޅުވާން ފެށްޓިއެވެ. "އޭ އަމީރުލް މޫމިނީން އެވެ. ވަޢުދަކީ ވަޢުދެވެެ. އަދި އެކަން ފުއްދަންޖެހޭނެއެވެ.” އުމަރުގެފާނު އަނަސް ބިން މާލިކް އާއި ދިމާއަށް އެނބުރިވަޑައިގެންފައި އެކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯ އެއްސެވިއެވެ. ޖަވާބު ދެއްވިއެވެ. “ޔާ އަމީރުލް މޫމިނީން އެވެ. އަހުރެންގެ ބޭބެ ގަތުލުކޮށްލީ މީނާ އެވެ. އަހުރެންގެ ނަފްސު މިހުރީ މީނާގެ ކިބައިން ބަދަލު ހިފުމަށް ކެތްމަދުވެފައެވެ. އެހެނަސް، އޭނާ އޮޅުވާލިޔަސް، ނުލިޔަސް ޚަލީފާގެ ވައުދު އުވާލުމަށް އަހުރެން ނަސޭހަތްތެރި ނުވާނަމެވެ.”

އެހިނދު އުމަރުގެފާނު ހޮރްމުޒާންއާއި ދިމާއަށް އެނބުރިލަމުން ވިދާޅުވިއެވެ. “އޭ ފަރިސީންގެ ހިޔަޅާއެވެ. އަހަރެން ކަލެއަށް އަމާންކަން ދީފީމެވެ." އެއާއިއެކު ހުރުމުޒާން ވަގުތުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވިއެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. “ހުރުމުޒާން އެވެ. ކަލެއަށް ހަލާކު ހުށްޓެވެ. ކަލޭ ތިޔަކަން ކުރުމަށް ފަސްކުރީ ކޮންކަމާ ހެއްޔެވެ.؟” ބުންޏެވެ. "އޭ މުއުމިނުންގެ އަމީރެވެ. އަހުރެން އިސްލާމްވުން ފަސްކުރީ މަރަށް ބިރުން އިސްލާމްވީ ކަމަަށް މީސްތަކުން ބުނެފާނެތީއެވެ.” އުމަރުގެފާނު އޭނާ އަށް މަރުހަބާ ދަންނަވަމުން ވިދާޅުވިއެވެ. "ކަލޭ އަހުރެމެންގެ މެހެމާނެއްގެ ގޮތުގައި ދުވަސްކޮޅަކަށް މަދީނާގައި މަޑުކުރައްވާށެވެ. އެއަށްފަހު ފަހުން ފާރިސީއަށް އެނބުރި ދިޔުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.” ހުރުމުޒާން ބުންޏެވެ. “މުސްލިމެއްގެ ހައިސިއްޔަތުން މަދީނާގައި މަޑުކުރަން އަހުރެން އިސްކަންދެމެވެ.” އެއަށްފަހު ހުރްމުޒާން މަދީނާގެ ރައްޔިތެއްގެ ގޮތުގައި ވަޒަންވެރިވެވަޑައިގަތުމުން، އުމަރުގެފާނު އޭނާއަށް އަހަރަކު ދެހާސް ދިހާމުގެ އިނާޔަތެއް ދެއްވިއެވެ. އަދި ފާރިސީ ކަންކަމުގައި ލަފާދޭ މީހެއްގެ ގޮތުގައި އޭނާ އައްޔަން ކުރެއްވިއެވެ.

މަސްދަރު: މި ވާހަކައަކީ، އަބުދުލް މާލިކު މުޖާހިދު ލިޔުއްވާފައިވާ (ޖެމްސް އެންޑް ޖެވެލް) ފޮތުންނާއި / ހިސްޓްރީ އޮފް ޚަލީފާ އުމަރު، އަދި އައިޑިއަލް މުސްލިމް މޭން (ތާރީޚް އޮފް އިމާމް ތަބަރީ) އިން މަޢުލޫމާތު ނަގައި އެކުލަވާލާފައިވާ ވާހަކައެކެވެ.