ގްރީން އާޓްސްއިން އުފައްދާފައިވާ ދިވެހި ފިލްމު "ނޫރާ" ގެ ޕޯސްޓަރ ރިލީޒް ކޮށްފިއެވެ.

މި ހަރަކާތް ބާއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކެއާގައި ކުލަގަދަ ރަސްމިއްޔާތަކާއެކުގައެވެ. މިއީ ފިލްމެއްގެ ޕޯސްޓަރ ރިލީސިން އައްޑޫ ސިޓީގައި ބޭއްވި ފުރަތަމަފަހަރެވެ. ކުލަގަދަކޮށް ބޭއްވި މިހަފްލާގައި މުނިފޫހި ފިލުވުމުގެ ދާއިރާގެ މަޝްހޫރު ބައެއް މީހުން ބައިވެރިވެފައިވެއެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.

މިއީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ބިނާވެފައިވަނީ އާއިލީ ގުޅުމުގެ ހާދިސާތަކެއްގެ މައްޗަށެވެ. މުޅި ފިލްމުގެ ހުރިހާ މަސައްކަަތެއް ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ. މިއީ ސަތޭކަ ފަސެންޓް މަސައްކަތް އައްޑޫ ސިޓީގައި ނިންމައި ރިލީސް ކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ މައްޝޫރު ތަރިން ހިމެނެއެވެ. އޭގެ ތެރޭގައި އައިމިނަތު ނޫރާ، މަރިޔަމް ޝަހުޒާ، އަހުމަދު އަމަން އަލީ ހިމެނެއެވެ. އޭގެ އިތުރުން އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖިމްޝާދު ޝަރީފާއި، އައިމިނަތު ވަހީދާއި، އިބުރާހީމް އަލީ އާއި، މުހައްމަދު އަޒްމީލާއި، ޝަމްސުންނިސާއި، ނަޖުދު އާދަމް ހިމެނެއެވެ. އޭގެ އިތުރުން އަހުމަދު ރިފްއަތާއި، މުހައްމަދު އަމީލާއި، އަހުމަދު ޝިފާއު އާއި، މުހައްމަދު މަދީން ވެސް ހިމެނެއެވެ.

މިއީ މަރިޔަމް ޝަހުޒާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓް ކުރީ ވެސް އޭނާއެވެ. މި ފިލްމަކީ ގްރީން އާޓްސް ގެ ފުރަތަމަ ފިލްމެވެ.