ތިމާވެށި ރައްކާތެރި ކުރުމަށް ކަމަށް ބުނެ ޕްލާސްޓިކް ކޮތަޅުގެ އަގުބޮޑު ކުރުމަކީ ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެމްއެންޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިދުވަސްވަރަކީ ފަގީރުކަން ނުހަނު ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެފަދަ ދަނޑިވަޅެއްގައި ޕްލާސްޓިކް ކޮތަޅު ނޫން އެހެން ގޮތެއް ހޮދައި ނުދީ އޭގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ނިކަމެތު ކޮށްލުން ކަމަށެވެ.

"ފަގީރުކަން ނުހަނު ބޮޑު ވެފައިވާ ދަނޑިވަޅެއްގައި އަދި ރައްޔިތުންނަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެން ތަކެތި ލިއްބައިނުދީ ތިމާވެށްޓަށްޓަކައި ކަމަށް ބުނެ ކޮތަޅުގެ އަގު ބޮޑު ކުރުމަކީ ރައްޔިތުން ނިކަމެތި ކުރުން،" އޭނާ ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވެފައިވަނީ ރާއްޖޭގައި ޕްލާސްޓިކް މަދު ކުރުމަށް މަސައްކަތްކޮށްފައިވިޔަސް އެކަމަށް ބޭނުންވާ ހަރުދަނާ ސިޔާސަތެއް ނެތްކަމަށެވެ.

ނާޒިމް ގެންދަވަނީ ރައްޔިތުންނަށް ދިމާވަމުންދާ މިފަދަ މައްސަލަތައް އޭނާގެ ވެރިކަމެއްގައި ހައްލުކޮށްދެއްވައި ފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވާނޭ ކަމަށް ވިދާޅުވަމުންނެވެ.