ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވާން ފަށައިފިއެވެ. ކަންބޮޑުވާ ދަރަޖައަކަށެވެ. ކަންބޮޑުވެފައި ތިބެގެން ވާކަށް ނެތެވެ. އަމަލީ ގޮތުން އެކަން ހުއްޓުވަންވީއެވެ. އެކަން ހުއްޓުވަން އޮތީ ސަރުކާރެވެ. އެކަން ހުއްޓާލަންތިބީ އެކަން ކުރާ މީހުންނެވެ.
އެހެންނަމަވެސް ހިތްދަތިކަމާއި ކަންބޮޑުވުން ކޮޅުންލަނީ ގިނަފަހަރަށް އެކަންކުރަނީ އާއިލާތެރެއިން ކަމަށްވާތީއެވެ. ކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތްދޭން ތިބި މީހުންގެ އަމަލުތައް މިހެން ހުންނަ ކަމަށްވާނަމަ ސަރުކާރު ކިތަންމެ ވަރަކަށް އުޅުނަސް މިކަމަށް ހައްލެއް ނުލިބޭނެއެވެ. އެންމެ ހިތާމަވެރި އަދި ލަދުގަންނަން ޖެހޭ ކަމަކީ، ރަށަކުން އަޑުކިޔައިގެން ދިޔަ ހަޑިހުތުރު އަދި ނުބައިވެގެންވާ އަމަލު ފަޅާ މިއެރީ މިނިމުނު ބަރަކާތްތެރި ރޯދަމަސްތެރޭގައި ހިންގަމުންދަނިކޮށް ކަމަށްވުމެވެ. ރޯދަމަހުގައި ޝައިތާނުންވެސް ކަސްތަޅު އެޅުވެއެވެ. އެކަމަކު މިނުބައި މީހުން އުޅެނީ ހިތުހުރި ގޮތަކަށެވެ. ދެކުނުގެ ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެންމެފަހުން ހައްޔަރު ކޮށްފައިވަނީ އެކުއްޖާގެ ބޭބެއެވެ. ބޭބެއަށް ފަހު ދެން އަވަށްޓެރިޔެކެވެ. ހަމަ ދެކުނު ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް އެންމެފަހުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ދޮންބައްޕައެވެ.
މިއޮތީ އަސްލު މައްސަލަ ފެށޭ ހިސާބު ދިމާ ހާއަށް ފެންނާށެވެ. ދެންވީ މިކަން ހައްލުކުރުމަށް ފިޔަވަޅު އަޅާށެވެ. މިކަން ހައްލުކުރަން ހަދަންވީ ގޮތާއި ކުރަންވީ ކަމަކާމެދު ގޮތްނިންމަން ކަމާބެހޭ ފަރާތްތަކަށް ދޫކޮށްލަމާ ހިނގާށެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންގެ ދަފްތަރެއް އެކުލަވާލައިފައެވެ. އެ ދަފްތަރުގައި ކުށްކުރި މީހާގެ ނަމާއި އެޑުރެހާއި ރަށާއި ކުރިކުށަށް ދާނދެން ވަނީ ހިމަނާފައެވެ. އެ ދަފުތަރުގައި ޖުމްލަ 187 މީހަކު މިހާރުވެސް އެބަ ހިމެނެއެވެ. މިއީ މިހާތަނަށް ބޭޒާރުވެފައިވާ މީހުންނެވެ. ނުވަތަ ބޭޒާރުވެފައި ހުކުމް ކުރެވިފައިވާ މީހުންނެވެ. ނޭނގޭ ކިތައް ކަމެއް މިހާރުވެސް ހިނގަމުންދިއުމަކީ އެކަށީގެންވާ ކަމަށެވެ.
ރާއްޖެއަކީ އެކި ރަށްރަށަށް ބެހިފައިވާ މަދު އާބާދީއެއް ދިރިއުޅޭ ގައުމެކެވެ. އެހެންނަމަވެސް ތަރައްގީއާއި ތަހުޒީބާއި ތަމައްދުންވެފައިވާ ބައެއް ކަމަށް ދައުވާ ކުރާބައެކެވެ. ސަތޭކަ ޕަސެންޓު މުސްލިމުން ކަމަށް ދަޢުވާ ކުރާ ބައެކެވެ. އެހެނަސް އިންސާނިއްޔަތު ކަމެއް ހުރި ބަޔަކުނަމަ ތިމާ ރައްކާތެރިކަން ދޭންޖެހޭ ކުދިންނަށް މި އަނިޔާ ދިނުމަށް ހިތަށް ވެސް ނާރާނެއެވެ.
ދޮންބައްޕައިން ދޮންދަރިންނަށް ޖިންސީ ގޯނާ ކުރުމަކީ ދޭތެރެދޭތެރެއިން ތިލަވާ މައްސަލައެކެވެ. އެހެންކަމުން ކުދީންނަށް ދޮންބައްޕައަކު ހޯދައިދޭއިރު އެމީހާއަކީ ތިމާގެ ރައްކާތެރިކަމާއި އިއްފަތްތެރިކަން ރައްކާކޮށްދޭނޭ އަދި ހިމާޔަތްކޮށްދޭނެ މީހެއްތޯ ކަށަވަރު ކުރުމަކީ އެ މަންމައެއްގެ ޒިންމާއެކެވެ. އެކަން ކަށަވަރު ނުވާކަމަށްވާނަމަ ދެވަނަ ވިސްނުމަކަށް ވެސް ދެވިދާނެއެވެ. އެހެންނޫނީ އާޚިރުގައި މައުސޫމު ކުއްޖާގެ މުޅި ހަޔާތް ދާއިމަށް ޚަރާބުވާ ފަދަ ކަމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ދެވަނަ ކައިވެންޏެއްކުރާއިރު އެމީހަކަށް ވަރަށްބޮޑަށް އިތުބާރުކޮށް ތިމާގެ ދެލޯފަދަ ދަރިފުޅުގެ ހުރިހާ ކަމެއް އެމީހާގެ އަތްމައްޗަށް ދޫކޮށްފައި އާމްދަނީ ހޯދުމަށް ވަޒީފާއަށްދާ މައިންވެސް މަދެއްނޫނެވެ. އެހެންނަމަވެސް ދިވެހި މުޖުތަމައުގައި ގިނައީ މީގެ އިދިކޮޅަށް އަމަލުކުރާ މައިންނެވެ. ްއެފަދަ މައިން އަމިއްލަ ހަޔާތުގެ އުފަލާއި ހިތްހަމަޖެހުން ގުރުބާން ކޮށްލައިގެންވެސް ދަރިން ރައްކާތެރިކޮށްދެއެވެ. އަދި ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ކައިވެންޏެއް ކުރިއަސް ދަރިންނަށްދޭ އިސްކަން ދޫކޮށްނުލައެވެ. އެމީހުންނަށް ސެލިއުޓު ހައްގެވެ.
މީގެ އަނެއްކޮޅަށް ބަލާއިރު، ދިވެހި މުޖުތަމައު މިހާރު އޮތްގޮތުން އިތުބާރުވަނީ ގެއްލިފައެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ހުދު އަމިއްލައަށް ވެސް ނޭނގެއެވެ. އެހެން ކަމުން ދަރިންނާ ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެކެވެ. ދަރިފުޅު ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެ ވަރަށް މައިންބަފައިން ދަރިންނާ ގާތްގުޅުމެއް ބާއްވަން ޖެހެއެވެ. ދަރިފުޅު ކުރާ ޝަކުވާތައް އެއްޗަކަށް ނުހަދައި ދޫކޮށްލުމުގެ ބަދަލުގައި އެކަން ބަލައި ތަހުގީގު ކުރަންޖެހެއެވެ. ކަމެއް ފާހަގަވެއްޖެއްޔާ ކަމާބެހޭ ފަރާތްތަކަށް އަންގަން ފަސް ޖެހިގެން ނުވާނެއެވެ. މިފަދަ ގާތް ގުޅުމެއް ބާއްވައިގެން ދަރީން ގާތުގައި ގެންގުޅެ ބަލައި ބޮޑުކުރާކަމަށްވަންޏާ ދަރިފުޅަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް މަންމައަށް ނޭނގި ނުދާނެއެވެ. ހަމައެހެންމެ ތިމާގެ ފިރިމީހާ މިވަރުގެ ކަމެއް ކޮށްލާއިރު ތިމާއަށް ނޭނގި އޮތުމަކީ ހައިރާންވާންޖެހޭ ވަރަށް ތިމާ ދެލޯ މެރިފައިހުރިކަމަށް ގަބޫލުކޮށް ތިމާގެ ކުށް ތިމާ ގަބޫލުކުރަންޖެހޭނޭ ކަމެކެވެ.
ދެން އޮތް މައްސަލައަކީ ބޭބެއަކު ކޮއްކޮއަކަށް މިފަދަ ގޯނާއެއް ކޮށްލާއިރު އޭނާގެ ގާތުގައި ތިބި ހަމައެއްވެސް މީހަކަށް ހިލަމެއް ނުވާ މައްސަލައެވެ. ކުއްޖާގެ ބެލެނިވެރިއަކަށް ނުވަތަ ބެލެނިވެރީންނަށް "މިނުރައްކަލުގެ ވަސް" ނުދުވާކަމަށް ވާނަމަ އެބެލެނިވެރިޔަކު މިކަމުގައި އިހުމާލުވީކަމަށް ބެލެވިދާނެއެވެ. އަމުދުން އެންމެ އެގާރަ އަހަރުގެ ކުއްޖަކަށް 26 އަހަރުގެ ބޭބެއެއްގެ ފަރާތުން މިފަދަ ނޭދެވޭ ގޯނާ ފޯރާނީ ކޮންމެވެސް ހިސާބަކުން އިހުމާލުވެވިފައިވާތީ ކަމަށްވެސް ބެލެވިދާނެއެވެ.ކޮންމެ ގޮތަކަށް ވިޔަސް ޔަގީންވަނީ އެއްކަމެކެވެ.
ކުޑަކުދިންނަށް ހިމާޔަތް ލިބެން ޖެހޭ ބައެއް މީހުންގެ ފަރާތްތަކުން ކުދީންނަށް އޮތީ ނުރައްކާކަމެވެ. އިތުބާރު ކުރަން ޖެހޭ ފަރާތްތަކުން އެކުދިންގެ ހަޔާތް އަނދިރިގަނޑަކަށް ވައްޓާލައި ހަލާކުގެ ތެރެއަށް އެއްލާލަނީއެވެ. މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ވާކުދިންނަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު އެތައް ވޭނެއް އުފުލަން ޖެހޭ ކުދިންނަށް ވެދެއެވެ. އެއްވެސް ބޭހަކަށް އެއްވެސް ތެރަޕީއަކަށް އެއްވެސް ސެޝަނަކަށް މިއަނިޔާގެ ވޭނާއި ތަކުލީފު ފިލުވައެއް ނުލެވޭނެކަމީ މީގެ ހިތި ހަގީގަތެވެ. އެފަދަ ހިތާމައެއްގެ ހަގީގީ ވޭނާއި ތަކުލީފު އެވޭން ދެނެގަނެވިދާނެއެވެ. އެކަމަކު ކިތަންމެ ބާރަށް އެނގެއޭ، ވޭނުގެ ބޮޑުކަން ފަހުމްވެއޭ ބުންޏަސް އެބިރުވެރި އަނިޔާގެ ތަކުލީފު އުފުލާ ފަރާތަށް ނޫނީ އޭގެ ހަގީގީ ތަދާއި އެރިހުމާއި ތަކުލީފުގެ ހަގީގީ ވޭނެއް އިހުސާސް ނުކުރެވޭނެއެވެ.