ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު)، ރޭ ފަތިހު އަވަހާރަވެއްޖެއެވެ. ދޮން މަނިކު އަވަހާރަވީއިރު އުމުރުފުޅުން 91 އަހަރެވެ. ދޮންމަނިކު އަވަހާރަވީ އޮސްޓްރޯލިއާގައެވެ.

ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. އަދި އަވަހާރަވެފައި ވަނީ މީގެ އަށް އަހަރު ކުރިން ފެށިގެން ދިރިއުޅުއްވަން ފެއްޓެވި އޮސްޓްރޯލިއާގެ ބްރިސްބެންގައި ކަމަށެވެ.

ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ދޮންމަނިކު ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައެވެ. އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގައެވެ. ދޮންމަނިކަށް ދެ ވަނަ ޕެންޝަން ލިބިވަޑައިގަތީ، ސަރުކާރަށް 40 އަހަރު ހިދުމަތް ކުރައްވައިގެން، އެ މަގާމުގައި ހުންނަވަނިކޮށެވެ.

ސެންސަރުބޯޑުގެ ޗެއާމަންގެ މަގާމަށް ދޮންމަނިކު އައްޔަންކުރެއްވީ 1980 ވަނަ އަހަރުގެ މާޗް 25 ގައެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކާ ފިލްމުތަކާއި ސިނަމާތަކުގައި އަޅުވާ ފިލްމުތައް މުޖުތަމައުއަށް އެކަށީގެންނުވާ މަންޒަރުތަކާއި އަޑު ހުރި ނަމަ، (އެ ބައިތައް އުނިކޮށް) ސެންސަރުކުރުމުގެ ޒިންމާ އަދާ ކުރާ މި އޮފީހުގައި މެދުކެނޑުމެއް ނެތި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ގައެވެ. ސަރުކާރަށް ހިދުމަތް ކުރުމުގައި 1951ގައި ދޮންމަނިކު އެންމެ ފުރަތަމަ އަދާކުރައްވަން ފެއްޓެވީ މަހުކަމަތުލް އަމަންއާންމުގެ ކާތިބުކަމުގެ މަގާމުންނެވެ.

ދޮން މަނިކަށް ތިން ކައިވެއްޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އަވަހާރަވި އިރު، ދުނިޔޭގައި ހުންނެވީ އެންމެ އަނބިކަނބަލެއްގެ އިތުރުން ސައުވީސް ކާފަ ދަރިންނާއި ހަތަރު މުނިކާފަ ދަރިން އެބަ ތިއްބެވިއެވެ.