މައްސަލައަކީ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުން ނޫން ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މައްސަލައަކަށްވަނީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނެގުން ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ މައްސަލައަކީ ޕްލާސްޓިކްކޮތަޅުން ދެރުފިޔާ ނެގުމެއްނޫން. މައްސަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެރުފިޔާ ނެގުން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކުން ދެރުފިޔާ ނަގަން ފެށުމުން އެކަމާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެފައިވަނި ކޮށްނެވެ. ރައްޔިތުން ބުނަނީ ޕްލާސްޓިކް ކޮތަޅަށް ޖީއެސްޓީގެ ގޮތުގައި ދުއިސައްތަ ޕަސެންޓު ދެއްކުމަށްފަހު އަދި އަނެއްކާ އިތުރު ދެ ރުފިޔާ ނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. "މިހާރު މިވާގޮތުން ޖީއެސްޓީވެސް އެތައްފަހަރަކު އެބަނެގޭ. މިއީ ސަރުކާރާއި ވިޔަފާރިވެރީންނާއި މީރާއި، އާންމުން ވެެސް ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. ކިތަންމެ ރަނގަޅު މަގުސަދެއްގައި މިކަންކުރިޔަސް އުސޫލެއް ހިފަހައްޓަން އެބަޖެހޭ،" އާންމުންގެ މީހަކު ބުންޏެވެ.
މިނިސްޓަރ ވިދާޅުވީ ކޮތަޅަކުން ދެ ރުފިޔާ ނެގުމުގެ މައްސަލައަކީ ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ތަކުލީފަކަށްވާން ބޭނުންފުޅު ނުވާކަމަށެވެ. "ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ތަކުލީފަކަށް މިކަންވުމަކީ އަޅުގަނޑު އެދޭ ކަމެއްނޫން. ހައިލައިޓުވީ ހިސާބުން އަޅުގަޑުމެން މިވަނީ މި އިއްޒަތްތެރި މަޖިލީހަށް އެ މާއްދާ އެމެންޑު ކުރުމަށް ހުށަހަޅާފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ޖަލްްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްްވަމުން މިނިސްޓަަަރ ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކަށް ރަައްޔިތުން ހޭލުންތެރިކަން އިތުުރުކުރުމުގެ ޕްރޮގްރާމްތައް މާލޭސިޓީއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހިންގާފައިވާ ކަމަށެވެ. މިހާތަނަށް ހަތްދިހަ ނުވަ ރަށުގައި އެ ޕްރޮގްރާމް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެފްކޮންސްގެ ޖުރީމަނާ މާފުކުރުމާ ބެހޭގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ އެފްކޮންސް ޖޫރިމަނާ މައާފްކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.