ލިޔުނީ: މަމްދޫޙު އިބްރާހީމް (ސާދަވަނަ ބައި/22އޭޕްރީލް2023ގެ އަދަދާގުޅޭ)

އެރަށު ތުއްތުސީދީ ގެ އަންހެނުން ރީތި އަޒީޒާ ނޫނިއްޔާ އެކަހަލަ ރަން ފައްޓަރުބައި އަބަދު އަޅައި އުޅޭ އަންހެނަކު ނޫޅެއެވެ. މިފެނުނު ފައްޓަރުބައި އޮތީ ކަނޑައިގެން ގޮހެވެ. އަދި އެ ފައްޓަރުބައި ވަނީ ކަތީބު ބުނުއްވައިގެން ރަށު އޮފީހަށް ގެންގޮސްފައެވެ. ރަށުގެ މީހުން ހާސްކަންމަތީ ގައި ރަށުގެ އެކި ތަންތަން ބަލައި ހަދަމުން ގެންދިޔައެވެ. މީހުން އާދަވެގެން ގޮސް ނޫޅޭ ވަލުޖަންގަލި ހިސާބުގައި ހުރި ކަށި ކެޔޮގަހެއްގައި އެކޮޅުކޮޅުން އެލުވައި ގައިން ހަންދަމައި ރޯމަސް ގަނޑުން ލޭ ތިކިޖަހާލަ ޖަހާލައި މެހިބުރައި ބުރައި އޮތް އިންސާނަކު ފެނިއްޖެއެވެ.

އީ ހޯދާ ނުފެނިގެން އުޅޭ އަޒީޒާ ކަން ވަނީ ޔަޤީންކުރެވިފައެވެ.

އޭނާ ހަންދަމައި ނޮޅައިފައި އޮތް އިރުވެސް އޭނާގެ ހަތަރަސް ފައިގެ ހުޅުތައް ހުރީ ހަންދަމައިފައެއް ނޫނެވެ. އަދި ކަރުންމަތި ހުރީ ވެސް ހަންދަމާފައެއް ނޫނެވެ. އެކަމަކު ދެލޯ ހުރީ ކޮނެލާފައެވެ. އަޒީޒާގެ ބޯހުރީ އަނެއްފަޅިއަށް އަނބުރާފައެވެ. ހީވަނީ ކުޅޭކުޅޭ ބުދެއްގެ ބޯ އަނބުރާލައިފައި ހުރިހެންނެވެ. އޭނާ ގެ ރާޅުބާނި ރީތީ ދިގު އިސްތަށިގަނޑު ހުރީ ބޮލުން އުފުރާލައި ނައްޓާލައިފައެވެ.

މިހާ ބިރުވެރި އަނިޔާވެރި ގޮތަކަށް އަޒީޒާ މަރާލެވި ކަށިކެޔޮ ގަހެއްގައި އެކޮޅުކޮޅުން އެލުވާފައި ހުރުން ވެގެން ދިޔައީ ރަށު އެންމެންނަށް ވެސް ވަރަށް ނާމާން ބިރުވެރި ކަމެއްގެ ގޮތުގައެވެ. މިއީ އާދަޔާޚިލާފު ގޮތަކަށް މަރާލެވިފައިވާ އިންސާނެކެވެ. މިކަންމިގޮތަށް ކުރުން މިއީ އިންސާނަކު ކޮއްފައި ހުރި ކަމެއްކަމަކަށް އެއްވެސް މީހެއްގެ ސިކުނޑި ގަބޫލެއް ނުކުރެއެވެ.

ރަށު މީހުންގެ ހިތްތަކުގައި ބޮޑު ބިރުވެރި ކަމެއް އުފެދި ތުއްތުސީދީ އާ ވަރަށް ގިނަ ބަޔަކު އެކަހެރި ވެއްޖެއެވެ. މިހާތަނަށް ތުއްތުސީދީ ކައިވެނި ކުރި ދެ އަނބިން ވެސް ވަނީ ގޮތް ނޭނގޭ ބިރުވެރި މަރަކުން މަރުވެފައެވެ. އަދި ހަލީމާ ވިއްސަން ގެނައި ފޫޅުމައި ދައިތަ ކުޑަމަނިކެ ވެސް ވަނީ ގޮތްނޭނގޭ މަރަކުން ހަމަ ހަލީމާ މަރުވި ދުވަހު މަރުވެފައެވެ. މިއީ އެރަށު މީހުންގެ ހިތްތަކުން ފިލައިގެން ދާނޭ ބިރުވެރި ހާދިސާތަކެއް ނޫނެވެ.

އަބަދުވެސް އެރަށު މީހުން ކިޔާއުޅެނީ ތުއްތުސީދީގެ އެއާއިލާ ގެ ކޮންމެ މީހަކީ ވެސް ކަޅުސިހުރު ހާހޫރަ ހަދާ އެކަމުގެ ބޮޑެތި މާހިރުން ކަމުގައެވެ. ކަޅުސިހުރު ވެރިން ކަމުގައެވެ. އެމީހުންގެ އެކި ޒަމާންތަކުގައި ވެސް ވަނީ ކިތަންމެ ބިރުވެރި ހާދިސާތަކެއް ހިނގާފައެވެ.

އިހުގައި ވެސް ރަތްއަކިރީގެ އަކީ ބިރުވެރި ހާދިސާ ތަކުން ފުރިފައިވާ އެތަކެއް ބިރުވެރި ކަންތައްތައް ހިނގާފައިވާ ތަނެކެވެ. އަޖައިބަކީ މުޅިދަރިފަސް ކޮޅުގައި ވެސް އެއްވެސް މީހަކަށް އަންހެން ދަރިންނެއް އުފަން ނުވާކަމެވެ. ތުއްތުސީދީގެ މުނިކާފަ ޒަމާންތަކުގައި ވެސް ބޮޑެތި ކަޅު ސިހުރު ހަދާ ވާހަކައެވެ. އެއާއިލާގެ ލޭ ހިނގާކޮންމެ މީހަކުވާނީ ސިހުރުވެރިއެއް ކަމުގައި ނޫނީ ނުވާނެކަމުގައެވެ.

އަދި އެމީހުންގެ އަނބިންނެއް މާގިނަ ދުވަހަކު ދުނިޔޭ ދިރިއެއް ނޫޅެއެވެ. އެތަނުން ކޮންމެ އަންހެނަކު ވެސް ކޮންމެ ވެސް ގޮތްނޭނގޭ ބިރުވެރި ހާދިސާއެއްގައި މަރު ވަނީއެވެ. އަދި ރަތްއަކިރީ ގެ މީހުންގެ ދަރިފަސްކޮޅުގައި ކަޅުހިޔަންޏެއް އަބަދުވެސް އުޅޭކަމަށް ވެއެވެ.

ތުއްތުސީދީ އަށް މިދިމާވާ ކަންތައްތަކުގެ ސަބަބުން އިތުރު އެއްވެސް މީހަކާ ކައިވެނި ނުކުރުމަށް އޭނާ ނިންމިއެވެ. ޅައުމުރުގައި ކުރިމަތި ލާންޖެހުނީ އަޖައިބުން ފުރިގެންވާ ހިތި ހަނދާންތަކުގެ ދުވަސް ތަކަކާއެވެ. އެހެންނަމަ ވެސް ހަޔާތުގެ ދުވަސްތައް މިގޮތަށް ކަޑައްތު ކުރުމުގެ ބަދަލުގައި ތުއްތުސީދީ ބޭނުންވީ އެހެންމީހަކާ ކައިވެނިކޮށް ދިރިއުޅުމާއިގެން ކުރިޔަށްދާށެވެ. ނަމަވެސް އަލަތު އަނބިމީހާގެ މަރާއި ނުކުޅެދޭ ދަރިއެއް ލިބުމުގެ ހިތާމަ ތަޙައްމަލު ކުރަން ޖެހުމުން އުންމީދު ފަނޑުވާގޮތް ވިއެވެ.

އެހެންނަމަ ވެސް ތުއްތުސީދީ ދެވަނަ ކައިވެންޏެއް ކުރީ ދިރިއުޅުމުގެ އުންމީދު އެއްކޮށް ކަނޑައިނުލާން ހިތުގައި އަޒުމެއް ކަނޑައަޅައިގެންނެވެ.

އެހެނަސް ދެވަނަ އަނބިމީހާގެ މަރުގެ ހުރި އަނިޔާވެރިކަމާއި ބިރުވެރިކަން އިންތިހާ ދަރަޖައަށް ދިއުމުން ދެން ގަސްތުކޮށްގެން ހުރީ މީހަކާ ނުއިންނާށެވެ. އެކަމަކު ވެސް އޭނާއަށް ފުރަތަމަ ދިމާވި ރީތި އަންހެނާގެ މަތިން ހަނދާނެއް ނުނެތެއެވެ. އެއީ ޅައުމުރުގެ ފުރަތަމަ ފެނުނު އަންހެނާއެވެ. އެއީ އާދައިގެ ކަމަކަށް ނުވެފައި ރޫހާނީ އަންހެނެއްގެ ލޯބި ހޯދުން އެއީ އުފުލަންޖެހޭ ބޮޑު ތަކުލީފަކަށް ވީއިރު މިއަދު މުސްކުޅިވި ދުވަހު އޭނާ މަރުވުމުގެ ކުރިން ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން ހިތުގަ އެޅިކަމެއް ކޮށްފައި ނޫނީ ނުދާން ތުއްތުސީދީ ވަނީ ނިންމައިގެންނެވެ.

ޒަމާނުއްސުރެ ތުއްތުސީދީގެ ތެރެއަށް އައިސްފައިވާ ސިހުރުފޮތަކީ ކޮންގޮތަކުން އޭނާގެ ދަރިފަސްކޮޅަށް އައި އެއްޗެއްތޯ އާއި އެފޮތުގެ ސަބަބުން އެއާއިލާގެ ތެރޭއިގައި އެއުޅޭ ކަޅުހިޔަނި އުޅޭ ސަބަބަކާއި އެއްވެސް ހާލެއްގައި އޭނާގެ ލޭ ހިނގާ މީހަކަށް އެހިޔަނި އެއްވެސް ނުރައްކަލެއް ނުދެނީ ކީއްވެގެންތޯ ބަލަން ތުއްތުސީދީ ބޭނުންވެއެވެ. މިހުރިހައި ކަމެއްގައި ވެސް ވަރަށް ވަގުތު ނަގާނެކަން އޭނާއަށް އެނގެއެވެ.

މިހުރިހައި ހިޔާލުތަކާ ވޭނާކެކުޅުމާ ހިތްދަތިކަމާ ރުޅީގައި ތުއްތުސީދީ އަޒުމް ކަނޑައެޅީ އޭނާ ދިރިދުނިޔޭގައި ހުރެއްޖެނަމަ މިހުރިހައި ކަމެއްގެ ހަގީގަތް ހޯދައި ރީތި ޖިންނި އަންހެނާ ޝަބީބާ ޕަރީ ކަމަނާ އޭނާއާ ހަމައަށް ގެނެސް ހުރިހާ ކަމެއް އޮޅުން ފިލުވާށެވެ.

***************** **********************

އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ހުންނެވީ ވިދާ ވިދުވަރެއްހެން މުޅި ހަށިކޮޅުން އަލިގަނޑުފައިބާ ދިއްލިފައެވެ. ބޮޑު އަލިފާންގަނޑަކުން ކަނިބުރަބުރައި ހުންނަފަދަ އަޖައިބު ކުރުވަނި ގޮތަކަށެވެ.

ތުއްތުސީދީ ޝަބީބާ ކަމަނާ އާ ސުވާލުކުރިއެވެ. "ކަމަނާ.... ؟ ކަމަނާ އަހަރެން މިބޭނުން ވެގެން އުޅޭ ކަންތައް ކޮށްދީ! ކަމަނާ މިކަމަށް ޤަބޫލް ނުވެ އިންކާރުކުރާ ކަމަށްވަންޏާ ކަމަނާއަށް މިކަން ކުރަން މަޖުބޫރު ވެސް ކުރެވިދާނެ!"

ތުއްތުސީދީ މިހާރު އެއުޅެނީ ޖިންނި އަންހެނެއްގެ ކިބައިން ގަދަކަމުން ކަމެއް ހޯދައި ގަނެވޭތޯއެވެ.

ޝަބީބާ ކަމަނާ އަށް ކުޑަވެސް މިނިވަންކަމެއްވާނަމަ އެކަމަނާ އެތަނަކުން އުދުހިވަޑައިގެން ފިއްލަވައިފާނެއެވެ. އެހެންނަމަވެސް ތުއްތުސީދީ ވަނީ ޝަބީބާ ކަމަނާ އާ ގުޅުންހުރި އެއްޗަކާއެކު ނުބައި ކަޅު ސިހުރެއް ހަދައި ސިހުރުގެ ބުދު ބޭނުންކޮށްގެން ޝަބީބާ ޕަރީ ކަމަނާ އޭނާގެ ބާރުގެ ދަށަށް ގެނެސް ކިޔަމަން ކުރުއްވާފައެވެ.

ތުއްތުސީދީ އެކިފަހަރުމަތިިން ޝަބީބާ ކަމަނާ އާ ސުވާލުކޮށް އެބަ އިންޒާރު ދެއެވެ.

ދެން ޝަބީބާ ކަމަނާ ޖަވާބެއް ވިދާޅުވެ ލެއްވިއެވެ. "އަހަރެން... އަހަރެންނަކީ .. އަހަރެންނަކީ މީހެއްގެ އަންބެއް..."

މިހެން ޝަބީބާ ކަމަނާ ވިދާޅުވެ ލެއްވި އަޑު އިވިފައި ތުއްތުސީދީ އަށް ހީކުރެވުނީ ޕަރީ ކަމަނާ އެ އުޅުއްވަނީ ޕަރީންގެ ޖިންނި ފިރިހެނަކާ ކައިވެނިކޮށްގެން ކަމަށެވެ.

ތުއްތުސީދީ ބޭނުންވަނީ ޝަބީބާ ކަމަނާ އަކީ އެހެންފަރާތެއްގެ ހައްޤުވެރިއަކަށް ވިޔަސް ތުއްތުސީދީގެ މިލްކަކަށް ހަދާށެވެ. ތުއްތުސީދީ އަށް ބޮޑެތި ސިހުރު ހަދައިގެން އެހެން ޖިންނީން އަންދައިލައި ވެސް ލެވިދާނެއެވެ. އަދި ތުއްތުސީދީ ގެ މުޅިއުމުރު ގެ ބާކީ އޮތް ބައިގައި ޝަބީބާ ކަމަނާ އާ ކައިވެނިކޮށްގެން އެހެން މީހުންނަށް ނުފެންނަގޮތަށްވެސް އެ ކަމަނާ ގެންގުޅެ ވިދާނެއެވެ. އިތުރަށް ތުއްތުސީދީ ބޭނުންވަނީ ޕަރީފެންގަނޑުން ފެންހޯދައި، އެބޮއެ ތުއްތުސީދީގެ ޒުވާންދުވަސް ވަރަށް ރުޖޫޢަވާށެވެ.

ތުއްތުސީދީ އަށް ގަބޫލް ކުރެވިފައި ވާގޮތުން މީގެ އެތަކެއް އަހަރެއް ކުރިން ޕަރީފެންގަނޑު ކައިރިން އޭނާގެ ރަހުމަތްތެރިއަކު ވަނީ މަރުވެގޮސްފައެވެ. އަދިއަދާ ޖެހެންދެން ވެސް އޭނާއަށް ވީކޮންގޮތެއް ޚުދު ތުއްތުސީދީ އަކަށް ވެސް ނޭނގެއެވެ.

ޝަބީބާ ކަމަނާ ހުންނެވީ ވަރަށް ވެސް ހާސްފުޅުވެފައެވެ. ތުއްތުސީދީ އެވަރަށް ސުވާލު ކުރާ އިރު ވެސް ޝަބީބާ ކަމަނާ އެމަސައްކަތްފުޅު އެ ކުރައްވަނީ އެއްވެސް ޖަވާބެއް ނުދެއްވުމަށްޓަކައެވެ. ތުއްތުސީދީ ތަކުރާރުކޮށް ޝަބީބާ ކަމަނާ އަރިހުގައި ޕަރީފެންގަނޑުން ފެންގޮއްޓެއް ވަރު އޭނާ އާ ހަމައަށް ގެނެސްދިނުމަށް އެދެމުން ގެންދިޔައެވެ.

ތުއްތުސީދީ އެވަރަށް ބުނާއިރު ވެސް އެ ކަމަނާގެ އެއްވެސް ޖަވާބެއް ލިބިވަޑައެއް ނުގަންނަވައެވެ. އަދި ކައިވެނިކުރުމަށް އެތަކެއް ފަހަރު ބުނެވިއްޖެއެވެ. ޝަބީބާ ކަމަނާ އެއްވެސް ޖަވާބެއް ވިދާޅުނުވެ ހަމައެހުންނެވި ގޮތަކަށް އެއްވެސް ހަރަކާތެއް ނެތި ވިދާލަވިދާލާ ދިއްލާފައި ހުރި ބުދެއްހެން ހަމަ ހަނު ހުންނެވީއެވެ. މިހާރު ތުއްތުސީދީ ގާތަށް ރުޅިއަންނަގޮތް ވެއްޖެއެވެ.

ޝަބީބާ ކަމަނާގެ އެއްވެސް ޖަވާބެއް ލިބިވަޑައި ނުގެންނެވުންވީ ތުއްތުސީދީ ރުޅިގަނޑު އިންތިހާއަށް ދިޔަކަމެވެ. ޝަބީބާ ކަމަނާ ބަސްފުޅެއް ވިދާޅުވެ ނުލައްވާނެ ކަން އެނގުމުން ތުއްތުސީދީ ރުޅިއަރައިގެން އޭނާ ގާތުގައި ހުރި ފޮށީގައި ހުރި ފުޅިތަކުގެ ތެރެއިން ޝަރީފާގެ ގަބުރު ކޮނެނަގައިގެން ނެއްޓި ދަތްތަކުން މުގުރައިގެން ހަދާފައިވާ ކުނޑިފުޅި ނެގިއެވެ.

އެއިން ކުނޑިމުށެއް ނަގައި އަނެއްކާ ވެސް ޝަބީބާ ކަމަނާ އާ ސުވާލުކޮއް އިންޒާރެއް ދީފިއެވެ. ހަމަ ކުރިއެކޭ އެއްފަދައިން ޝަބީބާ ކަމަނާ އެއްވެސް ޖަވާބެއް ވިދާޅުވެނުލެއްވިއެވެ. ތުއްތުސީދީ ކިޔެވެއްޔެއް ކިޔަވައި އެއަށް ފުމެލާފައި އެދިޔަ ގޮތަށް ގޮސް އަތުގައި ހުރި ކުނޑި ޝަބީބާ ކަމަނާ ގެ ފިޔަނގަނޑު ފުޅަށް ޖަހައިފިއެވެ. ހަމަޖެހުމާއެކު ޝަބީބާ ކަމަނާ ވޭންހުރި އަޑުފުޅަކުން ހަޅޭފުޅު ލަވައިގަނެވިއްޖެއެވެ.

(ނުނިމޭ)