ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ގުޅޭ މައުލޫމާތު ފޯރުވައިދިނުމަށް އެ ކުންފުނީގެ ފަރާތުން މީޑިއާތަކަށް ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މިސެޝަނުގައި މީޑިޔާއަށް ‏މޫސުމާއެކު ކަރަންޓު ބިލުތަކަށް އަންނަ ބަދަލުތަކާއި ޕީކް ޓްރެންޑްގެ މައުލޫމާތުތައް ދިނުމުގެ އިތުރުން ކުންފުނީގެ ބިލިންގް ޕްރޮސެސް އާއި އެނޫންވެސް ކަންކަމާ ގުޅުންހުރި މައުލޫމާތުތަކަށް މީޑިޔާތައް އަހުލުވެރިކުރުވުން ހިމެނެއެވެ.

އިއްޔެ މެންދުރު ބޭއްވި މި ސެޝަނުގެ ބޭނުމަކީ އެކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް މައުލޫމާތުތައް މީޑިޔާތަކަށް ފޯރުކޮށްދީ، ކަސްޓަމަރުންނާ ހަމަޔަށް އެ ކުންފުނީގެ މައުލޫމާތު އޭގެ އެންމެ ފުރިހަމަ ‏އަދި ސައްހަ ގޮތުގައި ފޯރުވައިދިނުމަށް ނޫސްވެރިން އަހުލުވެރި ކުރުވުމެޥެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ހާއްސަ ޓީމެއްވެސް މިއަދު އެކުލަވާލާފައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ޓީމު އެކުލަވާލާފައި ވަނީ ‏ހޫނު މޫސުމާ ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އެ ޓީމު އެކުލަވާލާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ކަމަށް ސްޓެލްކޯ އިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މި އަހަރުގެ ތެރޭގައި އެންމެ ހޫނުގަދަވާނެ ދުވަސްތައް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް ނުވަތަ އެވްރެޖް އެނާޖީ ކޮންސަމްޕްޝަން ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އިއްޔެ މެންދުރުފަހު 2:10 ގައި އެ ކުންފުނީގެ ޕީކް ލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ސްޓެލްކޯއަށް ފާހަގަކުރެވިފައިވާ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށްވުމުން، ކަރަންޓު އުފައްދާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓު އިސްރާފު ނުކުރުމަށާއި ކަރަންޓު އިގުތިސޯދުކުރުމަށް ސްޓެލްކޯއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.