ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް، ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި ކުންފުނީގެ ޔުނީފޯމުގައި އައުމުގެ އިހުތިޔާރު ދީފިއެވެ.

މި އިހްތިޔާރު އެކުންފުނިން ދީފައި މިވަނީ މިދުވަސްވަރު ހޫނު ގަދަވުމާ ގުޅިގެން ހޫނުން ސަލާމަތް ވުމަށްޓަކައެވެ. މިގޮތަށް ރަސްމީހެދުމުގެ ބަދަލުގައި ކުންފުނީގެ ޔުނިފޯމުގައި އޮފީހަށް ނުކުތުމުގެ އިހުތިޔާރު ކުރިއަށް އޮތް އެއް މަސް ދުވަހު ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހޫނު ގަދަވުމާ ގުޅިގެން ޕީކްލޯޑް ދަށްކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ހުރިހާ އެއާކޮންޑިޝަންތަކެއް 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިމް ބުނީ ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ. އަދި ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަރަންޓު އާލާތްތައް ފިޔަވާ އިތުރު އާލާތްތައް މި ދުވަސްވަރު ބޭނުން ނުކުރުމަށާއި ކަރަންޓު އިސްރާފު ނުކުރުމަށާއި ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.