ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރައިލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު ސަމާހު މަރަން ކުރި ހުކުމުގެ އިސްތިއުނާފު ފޯމް އަލުން ހުށަހަޅަން، ސުޕްރީމް ކޯޓުން ދެ ހަފްތާގެ މުއްދަތެއް ދީފިއެވެ.
އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފެށީ މި އަހަރުގެ ކުރީކޮޅުގައެވެ. ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ސަމާހުގެ ދިފާއީ ވަކީލުގެ ގޮތުގައި ހުންނެވި، ވަކީލު ޝަފީއު, ސަމާހުގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިއުންތަކެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ، ވަކީލާމެދު ހިތްހަމަނުޖެހޭ ކަމަށް ވާހަކަ ދެއްކުމުން، ސަމާހުގެ ވަކީލު ކަމުން ޝަފީއު ވަކި ކުރުމަށް އެދުވަހު ސުޕްރީމް ކޯޓުން ނިންމިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސަމާހުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ހަމްޒާ ލަތީފެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ހުސްނުއްސުއޫދާއި އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދާއި ޑރ. މުހައްމަދު އިބްރާހިމް އަދި މަހާޒް އަލީ ޒާހިރެވެ.
އާ ވަކީލަކާއެކު މިއަދު ޝަރީއަތް ފަށާފައި، އަލުން މައްސަލައިގެ އިސްތިއުނާފު ފޯމު ހުށަހަޅަން ދެ ހަފްތާގެ މުއްދަތެއް، ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ސަމާހުއަށް ދީފައެވެ. އަދި ދެ ހަފްތާގެ ތެރޭގައި ދައުވާ ފޯމް އަލުން ހުށަހެޅުމުން، ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ދެ ހަފްތާގެ މުއްދަތެއް ދައުލަތެއް ދެއްވާނެ ކަމަށް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ފަނޑިޔާރު ހުސްނުއްސޫދު އިއުލާން ކުރެއްވިއެވެ.
ސުއޫދު ވިދާޅުވީ މި މައްސަލައިގެ އަޑު އެހުމެއް ދެން ބާއްވާނީ އެއް މަސް ދުވަސް ފަހުން ކަމަށެވެ.
މީގެ 10 އަހަރު ކުރިން، 22 ޖުލައި 2012 ގައި، މާލެ އަތޮޅު ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ، ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރައިލި ކަމަށް ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
މަރުގެ މައްސަލަތަކުގައި ދަށު ކޯޓުން މީހަކު މަރަން ހުކުމެއް ކުރުމުން އެހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ދައުލަތުން އެ މައްސަލަ މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހެއެވެ. އެހެންކަމުން ސަމާހުގެ މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން 30 ސެޕްޓެމްބަރު 2020 ގައި ވަނީ ތާއީދުކޮށްފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް މިދަނީ، ހައިކޯޓުން ކުރި އެ ހުކުމް ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފެވެ.
ތިޔަވަރު ފެންނަން އޮތް ކަމެއްގައި 10 އަހަރު ހުކުމަކާއި ހަމަޔަށް ދާން ނަގާނަމަ ޤައުމުން ކުއް މަދުކުރުމަށް ޖުޑިޝަރީއިން ވިސްނާވިސްނުން ވަރަށް ސާފު.