ވެރިމީހާއާއި ދެކޮޅަށް ނުނުކުމެ ހަދާނީ ކިހިނެއް؟

1

ނަސްރުﷲ މުސްޠަފާ

ވަރަށް ގިނަ އަޚުންނަށް ހީވެފައިވަނީ ކާފަރުން ކަންތައްތައް ޙައްލު ކުރާގޮތަށް އަޅުގަނޑުމެންނަށްވެސް ކަންތައްތައް ޙައްލުކުރެވިދާނެކަމަށެވެ. މަގުމައްޗަށް ނުކުމެގެންނެވެ. މުޒާހަރާ ކޮށްގެންނެވެ. އެކަމަކު ހިލައި މިކަމެއްމިގޮތަކަށް ނުވާނެއެވެ. މިފަދައިން ހީވާ އަޚުންނަށް އެންމެފަހުން އެނގިގެން ނަމަވެސް ނޭނގި ނަމަވެސް އެވަދެވެނީ ޑިމޮކްރަސީގެ އޮއެވަރުގެ ތެރެއަށެވެ. ޑިމޮކްރަސީއަށް ދުލުން ނޫނެކޭ ބުނަމުން އެކުރިއެރުވުމަށް މަސައްކަތް ކުރެވެނީއެވެ. މިއީ ކީރިތި ޤުރުއާން ބާވައިލެއްވި ފަރާތުން ކަންތައްތައް ޙައްލުކުރަން ވަޙީކުރައްވާފައިވާ ގޮތާއި ޚިލާފަށް ކުރެވޭކަމެކެވެ. އަދި އުއްމަތަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނު ދެއްކެވި ތެދުމަގާއި ޚިލާފަށް ކުރެވޭ ކަމެއްކަން ކަށަވަރެވެ.

Advertisements

ދުވަހަކަވެސް އެންމެ ރިވެތި ނަމޫނާ ދެއްކެވި ޞަޙާބީން އެފަދައިން މަގުމައްޗަށް ނުކުމެ ހަޅޭލަވާފައި ނެތެވެ. އަދި އެއްވެ ނުބައި އެއްޗިހި ކިޔާފައެއްވެސް ނެތެވެ. އެއެންމެންތިބީ ސުންނަތުގެ މަތީގައިއެވެ. އިލާހީ ސީދާވެގެންވާ ތެދުމަގުގައިއެވެ. ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ:”ތިމަންނަ ދައްޖާލަށްވުރެ ބޮޑަށް ބިރުގންނަނީ ތިޔަބައިމީހުންގެ ބޮޑެތިމީހުންގެ ފަރާތުން ތިޔަބައިމީހުންނަށް ދިމާވާނޭ ކަންތައްތަކަށެވެ، ވީމާ ތިޔަބައިމީހުންގެ ތެރެއިން އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް އެދުވަސް އަތުވެއްޖެނަމަ ހަނުހިމޭންވާށެވެ، ހަނުހިމޭންވާށެވެ، މިއަދު ތިމަން މިވަނީ ސުންނަތުގެ މަތީގައެވެ”.(އައްނަސީޙާގެ 30ވަނަ ޞަފްޙާ) ސުންނަތުގެ މަތީގައިވާ މީސްތަކުން ދެއްވާފައިވާ ނަޞޭހަތަކީ އެއީއެވެ.

ސަލާމާއި ޞަލަވާތްލެއްވި ﷲގެރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ:”ألا من ولي عليه وال فرآه يأتي شيئا من معصية الله؛ فليكره ما يأتي من معصية الله ، ولا ينزعن يدا من طاعة ” . رواه مسلم. ދަންނާށެވެ، ތިމާގެ މައްޗަށްވާ ވެރިޔާގެ ފަރާތުންކުށެއް ފެނިއްޖެކަމުގައިވާނަމަ އެކުށަށް ހިތްހަމަނުޖެހޭށެވެ އެހެންނަމަވެސް ކިޔަމަންތެރި ކަމުން ބޭރުނުވާށެވެ”.

މިޙަދީޘުން ކަނޑައެޅިގެން ޢަދުލުވެރި ނުވިއަސް ބަޣާވާތް ނުކުރެވޭނެކަން ކިތައްމެ ރަނގަޅަކަށްވެސް ސާބިތުވެއެވެ. އެހެންނަމަވެސް ކަމެއް ދިމާވުމުން ގިނަ މީސްތަކުން ދަނީ އިސްލާމީ ޝަރީޢަތަށާއި ދުރަށެވެ. އެހެންވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންގެ މިޤައުމުގެ ފަސާދަ ދުވަހެއް ދުވަހަކަށްވާނީ އިތުރެވެ.

ދީނުން ބޭރުވާ 10 ކަންތައްތަކުގެ ތެރޭގައި ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެ ފާނުގެނެސްދެއްވި ހިދާޔަތަށްވުރެ ފުރިހަމަ ހިދާޔަތެއް ތަނެއްގައިވާކަމަށް ދުށުން ހިމެނޭ އިރު އިޞްލާޙުކުރުމަށް ބޭނުންކުރެވޭ ޝަރުޢީ ޙައްލަކަށް މުޒާހަރާކުރުން ހެދިދާނެބާވައެވެ؟ ވިސްނަވާށެވެ. އެއީ ލޮބުވެތި ރަސޫލާގެ ހިދާޔަތެއްބާވައެވެ. ނޫންނަމަ އެއީ ޔޫރަޕްގެ ކާފަރުން ގެނައި އުޞޫލެއް ނޫން ބާވައެވެ؟ އަޚުން ވިސްނަވާށެވެ. ހަމަ ޔަޤީނުންވެސް ﷲގެ ފޮތުން ގިނަބައިގަނޑު އަބަދުވެސް ވާނީ މަގުފުރެދުމުގައިކަން އެނގިގެންދެއެވެ. ﷲވަޙީކުރައްވާފައިވެއެވެ:(وإن تطع اكثر من في الأرض يضلوك عن سبيل الله) މާނައަކީ:”ބިންމަތީގައިވާ ގިނަބައިގަނޑަށް ކަލޭފާނު ކިޔަމަންވެއްޖެނަމަ އެބައިމީހުން ކަލޭގެފާނު މަގުފުރައްދާލާނެއެވެ. އަދިވެސް ވަޙީކުރައްވާފައިވެއެވެ:  (وما يؤمن أكثرهم بالله إلا وهم مشركون) މާނައަކީ:”އެމީހުންގެ ގިނަ ބައިގަނޑު އީމާންވަނީ ޝިރުކު ކުރާ ޙާލުގައިއެވެ”. ވީމާ އަޚުންނޭވެ! ހިތާމަވެރި ނިމުމެއް އައުމުގެ ކުރީގައި ވިސްނަވާށެވެ. އަދި ސަލަފުއްޞާލިޙުންގެ މަގަށް ތަބަޢަވާށެވެ.

Advertisements

1 COMMENT

Comments are closed.