އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލައިގައި، ދިވެހިންނާ ދެކޮޅަށް މައްސަލަ ނިމިއްޖެނަމަ، ދިވެހިންގެ ސަރަހައްދު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރައްވާނެކަމަށް ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ ވަނީ އެ މައްސަލައިގެ ހުކުމް އައިސްދާނެ ގޮތަކާއި މެދު އަމިއްލަފުޅު ޚިޔާލުތަކާއި ގާނޫނީ ނުގުތާތަކުގެ އަލީގައި، އަދި އެ ޝަރީއަތް ހިނގާދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް ފޭސްބުކްގައި ހިއްސާކުރައްވާފައެވެ.

މިއަދު އިޓްލޮސްގައި އޮތް މައްސަލަ ދިވެހިންނާއި ދެކޮޅަށްވެސް ނިމިދާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ ކޯޓުގައި އެފަދައިން ނިންމި ނަމަވެސް ދިވެހިރާއްޖޭގެ ޚާއްސަ ސަރަހައްދެއް ހޯދުމަށް ދިވެހިން މަސައްކަތްކުރާނެކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި މާޒީގައި ހިނގާފައިވާ މިފަދަ ކަމަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިވެހިންގެ އަތްމަތިން ގެއްލުނު ދުވަހު އެއާޕޯޓު ހޯދުމަށް ކުރަންޖެހުނު މަސައްކަތް އަލުން ހަމަ އެގޮތަށް ކުރަން ޖެހުނަސް ފަރުވާލެއް ނެތި މަސައްކަތް ކުރާނެކަމަށެވެ. ދިވެހިންގެ މައި ދޮރޯށި ޖީއެމްއާރު ކުންފުނީގެ އަތުން އަނބުރާ ހޯދީވެސް ދިވެހި ދަރިން ނިކުމެ ކުރި މަސައްކަތުން ކަމަށެވެ.

އެހެންކަމުން އިޓްލޮސްގައި އޮތް މައްސަލަ ދިވެހިންނާއި ދެކޮޅަށް ނިމުނުކަމުގައި ވިޔަސް ދިވެހިންގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރައްވާނެކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ޚުދު އޭނާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.

ސަރަހައްދާއި ގުޅޭ އެ މައްސަލައިގައި މޮރިޝަސްއިން އެދިފައިވާ ގޮތަށް އިކުއިޑިސްޓެންސް އުސޫލުން ބައިކުރުމުން ލިބޭނެ މިންވަރަށްވުރެ ބޮޑުމިންވަރެއް ހައްގުވާ ގާނޫނީ އެތައް ސަބަބެއް ހުރިއިރު ދިވެހި ދައުލަތުން އެކަންކަމަށް ވަކާލާތުކޮށް ކޯޓަށް އެކަންކަން ހުށައަޅާފައި ނުވާކަން އިޓްލޮސްގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގެ ޔައުމިއްޔާތަކުން ހާމަވެއެވެ.

މި މައްސަލައިގައި ދިވެހިންގެ މަސްލަހަތު ހިމާޔަތް އިސްނުކޮށް ދައުލަތުން ވަކާލާތު ކުރިއަށްގެންދާތީ އެކަން ފާހަގަކޮށް ކުރީގެ ބަންޑާރަ ނައިބުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.