ކ. ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ އެކަކު ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާޙިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު ހަވީރު 16:39 ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި ފިހުނު ދިވެހި މީހަކަށް ފަރުވާ ދިނުމަށްޓަކައި ސިފައިންގެ އެހީއާއެކު މިހާރު ވަނީ މާލެ ގެނެސްފައެވެ.

އެމްއެންޑީއެފްއިން ވަނީ ހަވީރު 17:37 ހާއިރު އަލިފާން ކޮންޓްރޯލު ކޮށްފަ އެވެ.