ޗާގޯސް މައްސަލައިގައި މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ،(އިޓްލޮސް) އިން ހުކުމްކުރަން ތައްޔާރުވަމުންދާއިރު، ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ސިޓީ ފޮނުއްވެވީ އެމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް އަޅުގަނޑުމިއަދު ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ގައުމުގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އަޅުގަނޑު ފޮނުވި ސިޓީއެއް،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން އިޓޮލްސްގެ ރައީސް، ޖަޖް އަލްބަރޓް ޖޭ.ހޮފްމަންއަށް އިހްތިރާމް އަދާކޮށް ފަށްޓާފައިވާ ސިޓީގައި ބުނެފައިވެއެވެ. "މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭ މައްސަލަ، ކޭސް ނަންބަރ: 28:- އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ދިވެހިރާއްޖޭގެ މާމިގިލީ ދާއިރާގެ މެންބަރު، އިހްތިރާމާއެކު ލިޔަމެވެ.

އިންޑިއާ ކަނޑުގެ ޗާގޯސް އާކިޕެލަގޯގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލު އޮތް ކަމަށް މޮރިޝަސް އިން ބުނާ ވާހަކަ ގަބޫލު ކުރަން ނިންމި ކަން ރާއްޖޭގެ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިފަދަ ސިޔާސަތުތަކަށް ބަދަލު ގެނައުމުން ރާއްޖޭގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ސަރަހައްދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، ހުރިހާ ޕާޓީއެއްގެ ރައްޔިތުންނާއި މަޖިލީހުގެ މެންބަރުންވެސް ހިމެނޭގޮތަށް ދިވެހިންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.

މޮރިޝަސްގެ ދަޢުވާ ޤަބޫލުކުރުމުގެ ސިޔާސަތަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައީސަށް އެއްވެސް ރުހުމެއް ނުވަތަ ހުއްދައެއް ދީފައިނުވާނެއެވެ."

ސިޓީ ނިންމާލަމުން ޖުމްހޫރީ ޕާޓީގެ ނަމުގައާއި އަދި އަމިއްލަ ނަންފުޅުގައި ސިޓީގައި ދަންނަވާފައިވާ ކަންތައްތަކުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުމުން އަދި ކުރާނެ އަސަރު ސަލާމަތްކުރުމަށް ކޭސްނަންބަރ 28އާ ގުޅޭ ގޮތުން އިޓޮލްސްގެ ވިސްނުމާއި ނިންމުން ފަސްކޮށް މަޑުޖައްސައިދިނުމަށް އެދި އިލްތިމާސްކުރާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އެ މައްސަލަ މަޑުޖައްސައިދިނުމަށް އެދި އިޓްލޮސްއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ މިދިޔަ އަހަރު ނިންމާފައިވާ އަޑުއެހުންތަކަށް ފަހު، މިމައްސަލައިގެ ގޮތް ނިންމުން މިއަދު ރާއްޖެ ގަޑިން 2:30ގައި ބޭއްވުމަށް އިޓްލޮސް އިން ވަނީ ތާވަލްކޮށްފައެވެ.